ފުޓްސަލް ކޯޓުގެ ދެ ފަރާތުގައި ތިބެގެން އަޑުގެ ކޮޅަށް ސަޕޯޓަރުން ހަޅޭއްލަވަމުން ދިޔައިރު، ދަނޑުމަތިން ފެންނަނީ ހަމައެކަނި ޓީމެއްގެ ކުޅުމެއް ނޫނެވެ. ލެއިން ގުޅިފައިވާ އެއް އާއިލާއެއްގެ ހިތްވަރާއި ލޯތްބެވެ. އެއްބަނޑު އެއްބަފާ ތިން ބެއިން ބޯޅައަށް ފައިވިއްދައިގެން ތިބި އިރު، ޓީމު މެނޭޖު ކުރުމުގެ އެންމެ ބުރަ ޒިންމާ ނަގައިގެން ހުރީ، އެއްބަނޑު އެއްބަފާ އެންމެ ދޮށީ ބޭބެއެވެ. ޒަޚަމްވާ ކޮންމެ ފަހަރަކު ފަރުވާގެ ކިޓު ހިފައިގެން ދުވެފައި ދާން ހުރީ އެ ކުދިންގެ އޯގާތެރި ބައްޕައެވެ. މިއީ މަކުނުދޫގައި ބޭއްވި މަކުނުދޫ ކައުންސިލްގެ "މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026" އިން ފެނިގެންދިޔަ އެންމެ ހިތްގައިމު، އެންމެ ތަފާތު، އެއް މަންޒަރެވެ.
މަކުނުދޫގެ ފުޓްބޯޅަ ތާރީޚުގައި މިއަދު އެ ނަމަކަށް މުޅި ރަށް ފަޚުރުވެރިވާ މޮޅެތި ދަރިންތަކެއްގެ ފަހަތުގައި ހުރީ އެ ކުދިންގެ ލޯބިވާ ބައްޕަ، މަކުނުދޫ ފިތުރޯނުގޭ އަޙުމަދު ޙަމީދެވެ. އަދި، ޓީމު ރޭވުމާއި ހިންގުމުގެ އިސް ސަފުގައި ދޮށީ ދަރިފުޅު ސިނާން އަޙްމަދު މެނޭޖަރެއްގެ ގޮތުގައި ހުރިއިރު، ދަނޑުމަތީގައި ހުނަރުން ފުރިގެންވާ ޖާދޫ ދައްކަމުން ދިޔައީ ނިހާން އަޙްމަދާއި، ޒިދާން އަޙްމަދު އަދި ޝައިބާން އަޙްމަދެވެ.
ޅަފަތުގައި، އުމުރުން އެންމެ 7 އަހަރުން ފެށިގެން ދަރިންނަށް ކުޅިވަރުގެ ތެރެއަށް މަގުދައްކައިދިން އަޙުމަދު ޙަމީދަކީ މާ ކުރިއްސުރެ ވެސް ވޮލީބޯޅައާއި ފުޓްބޯޅަ އަދި ސަގާފީ އެކި ކުޅިވަރުތަކުގައި ނަމޫނާ ދެއްކި ހުނަރުވެރިއެކެވެ. މަންމަ އުންމުކުލްސޫމް (ކަމަނަ)ގެ ފުރިހަމަ އެއްބާރުލުމާއެކު އެ ދެމަފިރިންގެ ތިބި ހަތަރު ފިރިހެން ދަރިން، ގޭތެރޭގެ ތަރުބިއްޔަތުން ފެށިގެން ދަނޑުމައްޗާ ހަމައަށް ވެސް އޭނާ ދަރިންނަށް ދަސްކޮށްދިން އެންމެ މުހިންމު ފިލާވަޅަކީ ކުޅިވަރުގެ ރޫޙާއި އަޚްލާޤު ހިފެހެއްޓުމުގެ މުހިންމުކަމެވެ.
ބައްޕައާއި ހަތަރު ދަރީން
އަޙުމަދު ޙަމީދު އަދާކުރަނީ ޓީމުގެ ފަސްޓްއެއިޑްގެ ޒިންމާދާރު ދައުރެވެ. ކުޅުމުގެ ތެރޭގައި ދަރިއަކަށް އަނިޔާއެއް ވިޔަސް، ބައްޕައެއްގެ ކުލުނާއެކު އަވަސް ފަރުވާދީ، އަލުން ހިތްވަރާއެކު ދަނޑަށް ނެރެދިނުމަކީ އޭނާ އަބަދުވެސް އިސްކަންދޭ ކަމެކެވެ.
ފުޓްބޯޅައިގައި ވިދަމުން އަންނަ ތިން ދަރިންގެ ތެރެއިން ޒިދާންގެ ކުޅުމަކީ މިހާރު ވަރަށް ތަފާތު، ބެލުންތެރިންނާއި ޢާއިލާގެ އެހެން ކުދިން ވެސް އެކަން ފާހަގަކުރާ ފަދަ މޮޅު ކުޅުމެއް ކަމަށް އަޙުމަދު ޙަމީދު ޤަބޫލުކުރެއެވެ. ޒިދާންއަކީ ރިސޯޓް ލީގުގައި ވެސް ފާހަގަ ކޮއްލެވޭ މޮޅު ކުޅުންތެރިއެކެވެ.
މިފަހަރު މަކުނުދޫގައި ބޭއްވި ފުޓްސަލް މުބާރާތަށް ނިކުތްއިރު ބައްޕަގެ އުއްމީދުތައް ހުރީ ވަރަށް އުހުގައެވެ. އެއްވެސް ޓީމެއްގެ އަތުން ބަލިނުވެ، ޓީމު ޗެމްޕިއަންކަން ހޯދުމަކީ އަޙުމަދު ޙަމީދުގެ އެންމެ ބޮޑު އެދުމެވެ. އެ އެދުމާއި، ބައްޕަގެ އިޚްލާޞްތެރި ދުޢާއާއި ހިތްވަރާއެކު މުޅި ޢާއިލާ އެކަތިގަނޑެއްގެ ގޮތުގައި ނިކުމެ، "ރޯނު ފުޓްސަލް ކްލަބް" މިވަނީ އެއްވެސް މެޗަކުން ބަލިނުވެ، މުބާރާތުގެ ފިރިހެން ޑިވިޜަނުގެ ޗެމްޕިއަންކަން ކަށަވަރުކޮށް، ބައްޕަގެ އުއްމީދުތައް ޙަޤީޤަތަކަށް ހަދައިދީފައެވެ.
މީގެ ކުރިން މި ތިންބެއިން ވަނީ 2023ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ބައިވެރިވެ، މަކުނުދޫ ތަމްޞީލް ކޮއްދީފައެވެ. އޭގެއިތުރުން މަކުނުދޫގައި ކުޅޭ މުބާރާތްތަކުގައި ވެސް ޒިދާން، ޝައިބާން އަދި ނިހާން ކުޅެއެވެ. އޭރު ވެސް އެ ކުދިންނަށްޓަކައި، އަޙްމަދު ޙަމީދު އެ ޓީމުގައި ޚަރަކާތްތެރިވިއެވެ.
ތިންބެއިން ޓީމަށ ތަށި ނަގައިދިނުމަށްފަހު، ފޮޓޯ: މަކުނުދޫ ކައުންސިލް
ޓީމު މެނޭޖަރެއްގެ ހައިސިއްޔަތުން ކިތަންމެ ހަމަޖެހިލައިގެން ހުންނަން މަސައްކަތް ކުރި ނަމަވެސް، އިދިކޮޅު ޓީމުގެ ފަރާތުން ދަނޑުމަތީގައި ކޮއްކޮއަކަށް ގަސްތުގައި އަނިޔާއެއް ދޭ މަންޒަރު ބަލާކަށް ސިނާންއަކަށް ކެތެއް ނުވެއެވެ. އެއީ މެނޭޖަރެއްގެ ޒިންމާއަށްވުރެ ބޭބެއެއްގެ ހިތުގައި އޮންނަ ލޯތްބާއި ކުލުނު މާ ވަރުގަދަވާތީއެވެ.
މެޗުގެ ހޫނުކަމުގެ ތެރޭގައި ކޮއްކޮމެންގެ ފަރާތުން ހެދޭ ކުދިކުދި ގޯސްތަކުގައި، ކުޅިވަރުގެ ފޯރީގައި ބައެއް ފަހަރު ހިތްހަމަނުޖެހި، ރުޅި އިސްކުރެވިދާނެކަން ސިނާންއަށް އެނގެއެވެ. އެހެންކަމުން، ދަނޑަށް އެރުމުގެ ކުރިން އަބަދުވެސް އޭނާ އެކަމަށް ކޮއްކޮމެން ހޭލުންތެރިކުރުވައެވެ.
ސިނާންގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ ކޮއްކޮމެންގެ ކިބައިގައި ހުރި މާތް އަޚްލާޤެވެ. އެއީ ބޭބެ ބުނާ ބަސްއަހާ، ދޭ އިރުޝާދުތަކަށް ބޯލަނބާ، އަދި ބޭބެއަށް ނުހަނު ލޯތްބާއި ފުރިހަމަ އިޙްތިރާމް އަދާކުރާ ކިޔަމަންތެރި ކުދިބައެކެވެ.
މެޗަކުން ބަލިވެގެން ދަނޑުން ފައިބަންޖެހޭ ވަގުތު ޒިދާންއާއި ޝައިބާން އެންމެ ޖެހިލުންވަނީ އަދި ކަންބޮޑުވަނީ ބައްޕަގެ މޫނުމަތިން ފެނިދާނެ މާޔޫސްކަމަކަށެވެ. ނަމަވެސް ނިހާންގެ ހިތުގައި އޮންނަނީ މުޅިން ތަފާތު ކަންބޮޑުވުމެކެވެ. އޭނާ ހުންނަނީ ދޮށީ ބޭބެ ސިނާން ބުނެފާނެ އެއްޗަކާމެދު ފިކުރުބޮޑުވެފައެވެ. ދަނޑު ދޫކޮއްފައި ގެއަށް އައުމާއެކު، ކުޅިވަރުގެ ރޫޙާއި ފޯރީގައި އެ ކުދިންގެ މަންމަ، ކުރާ ޝަކުވާތަކަށް އެންމެން ވެސް ކެތްކުރަންޖެހެއެވެ. އެހެން އެންމެންނަށް ވުރެ ބޮޑަށް ދަނޑުމަތީގައި ހަދާ ގޯސްތަކާއި، ޓީމަށް ގެންނަ ބަދަލުތައް މަންމަ ހުންނަނީ ހިތުގައި ނޯޓު ކޮއްފައެވެ. ދެ ތިން ދުވަހަށް މަންމަ އެ ވާހަކަތައް ދައްކާހަދައެވެ.
ބައްޕައާއި ހަތަރު ދަރީން، ފޮޓޯ: މަކުނުދޫ ކައުންސިލް
މެޗެއް ނިންމާ، ކޮންމެ ފަހަރަކު ވެސް ބައްޕައާއި ބޭބެގެ ފަރާތުން ފެންނަނީ ހަރުދަނާ ލީޑަޝިޕެކެވެ. އެންމެ ފުރަތަމަ ވެސް ދަރިންނަށް ކިޔައިދެނީ ދަނޑުމަތީގައި ހެދުނު މިސްޓޭކްތަކެވެ. އެ ގޯސްތައް ދެނެގަނެ، ދެން އޮންނަ މެޗެއްގައި އެކަންކަން ރަނގަޅުކޮށް އިތުރަށް ވަރުގަދަކޮށް ނިކުތުމަށް ހިތްވަރުދީ މަގުދައްކައިދެކެއެވެ.
އެއްބަނޑު އެއްބަފާ ތިން މީހުން އެއް އަމާޒަކަށް، އެއް ޖޯޒީއެއްގައި ކުޅެން އަރާއިރު މެޗުގެ ހޫނުކަމާއި ފޯރީގެ ތެރެއިން ބައެއް ފަހަރު ބާރަށް އެއްޗެހި ބުނެވެއެވެ. ނަމަވެސް، އެއީ އެއްވެސް ހިތްބުރަކަމެއް ނެތި، ހަމައެކަނި މޮޅުވުމުގެ ޖޯޝުގައި ބުނެވޭ ބަސްތަކެއްކަން އެ ތިންބެއިންނަށް ވެސް ވަރަށް ރަނގަޅަށް އެނގެއެވެ. މެޗަށް ތައްޔާރުވެގެން ގެއިން ނިކުތުމުގެ ކުރިން، ނިހާން އަބަދުވެސް އޭނާގެ ހަގަށް ތިބި ދެ ކޮއްކޮއަށް އެކަން ހަނދާންކޮށްދެނީ ދަނޑުމަތީގެ އަޚްލާޤާއި އެއްބައިވަންތަކަން އިސްކުރުމަށެވެ.
ދަނޑުމަތީގެ ވަރުގަދަ ވާދަވެރިކަމުގެ ތެރޭގައި ވެސް އެ ކުދިންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އަމިއްލަ ޢާއިލީ ލެއިން ލިބޭ ނުގުޑާ ހިތްވަރެވެ. އަދި ވަށައިގެން، އަމިއްލަ އަޚުން ފެންނަން ތިބުމުން ހިތަށް ލިބޭ ފިނިކަމާއި، ކޮންމެ ހާލަތެއްގައި ވެސް ޙިމާޔަތާއި ފުރިހަމަ ސަޕޯޓް ލިބޭނެކަމުގެ ފުރިހަމަ އިތުބާރު އޮވެއެވެ.
މީގެއިތުރުން ކުޅެމުންދާ ވަގުތު އެންމެންނަށް ވެސް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މަންމަގެ ސަޕޯޓެވެ. ކިތަންމެ ދަން ވަގުތެއްގައި ކުޅުނު ނަމަވެސް، މަންމަ ބަރާބަރަށް މެޗު ބަލަން ދެއެވެ. ދަރިންނަށް ހިތްވަރުދީ އަޑުގަދަކުރެއެވެ. މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ލިބުމުގައި ވެސް އެ މަންމަގެ ސަޕޯޓާއި ދިން ހިތްވަރު އެ ކުދިން އުފަލާއެކު ބަލައިގަނެއެވެ.
މި ޢާއިލާއިން މުޅި މުޖުތަމަޢުއަށް ދޫކޮށްލާ އެންމެ އަގުހުރި މެސެޖަކީ، ކާމިޔާބީގެ އަސްލަކީ ގޭތެރޭގެ ހަރުދަނާ ތަރުބިއްޔަތާއި ޢާއިލީ އެއްބައިވަންތަކަން ކަމެވެ. ކުޅިވަރުގެ މައިދާނުގައި ހުނަރަށްވުރެ އަޚްލާޤާއި ކުޅިވަރުގެ ރޫޙު އިސްކޮށް، އެކަކު އަނެކަކަށް އެއްބާރުލުމާއި ހިތްވަރު ދީފިނަމަ ޙާޞިލު ނުކުރެވޭނެ އެއްވެސް ލަނޑުދަނޑިއެއް ނޯންނާނެކަން މަކުނުދޫ ފިތުރޯނުގޭ އަޙުމަދު ޙަމީދުގެ ޢާއިލާއިން މިވަނީ ސާބިތުކޮށްދީފައެވެ.
މިއީ ހަމައެކަނި ފުޓްބޯޅަ މުބާރާތެއްގެ ތަށި އުފުލައިލުމެއް ނޫނެވެ. މިއީ ޢާއިލީ ގުޅުމާއި، ބަސްއަހާ ކިޔަމަންތެރިކަމާއި، ރިވެތި އަޚްލާޤުން މުޅި މުޖުތަމަޢުއަށް ދެއްކި ފުރިހަމަ ނަމޫނާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!