ހޮރްމޫޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން އޮމާނާއެކު އެއްބަސްވުމަކާ ގާތަށް އާދެވިފައިވާ ކަމަށް އީރާނުން ހޮނިހިރު ދުވަހު ބުނެފިއެވެ. ނަމަވެސް، އެ އެއްބަސްވުމަކީ އެކަނި އެ ސަރަހައްދުގެ ދަތުރުފަތުރު ހުޅުވައިލުމަށް ފުދޭވަރުގެ ކަމެއް ނޫން ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް އާ ޝިޕިންގ ރޫޓެއް ކަނޑައެޅުމަށް އޮމާނާއެކު ވެވޭ އެއްބަސްވުމާ ވަރަށް ގާތަށް އާދެވިފައިވާ ކަމަށެވެ. ނަމަވެސް، ކަނޑުއޮޅި އަލުން ހުޅުވައިލުން ބިނާވެފައިވަނީ އެހެނިހެން ޝަރުތުތަކެއްގެ މައްޗަށް ކަމަށާއި، އޭގެ ތެރޭގައި އެމެރިކާއިން އީރާނަށް ބަދަލު ދިނުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިން އޮތް ޓްރެފިކް ސިސްޓަމް މިހާރު ބަލައިނުގަނެވޭނެ ކަމަށާއި، ދާއިމީ ހައްލެއް ލިބެންދެން ވަގުތީ ރޫޓަކާ ބެހޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

Ad
rt

އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އީރާނާއި އޮމާނާ ދެމެދު އެއްބަސްވުމެއް ގާއިމުވުމާއެކު، ވިޔަފާރި އުޅަނދުފަހަރަށް ހުރަހެއް ނެތި ދަތުރުކުރެވޭނެ މަގު ފަހިވުމުން، އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ބްލޮކޭޑް އުވާލާނެއެވެ. ނަމަވެސް، އެމެރިކާގެ ފިޔަވަޅުތައް ބިނާވެފައި އޮންނާނީ އީރާނުން ވެފައިވާ އިލްތިޒާމްތައް ފުރިހަމަކުރާ މިންވަރެއްގެ މައްޗަށް ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ތަރުޖަމާނު ހުސައިން މުހިއްބީ ވިދާޅުވީ، ކަނޑުއޮޅި ހުޅުވައިލުން ބިނާވެފައިވަނީ އެމެރިކާއިން އީރާނުގެ ޝަރުތުތައް ގަބޫލުކުރުމުގެ މައްޗަށް ކަމަށާއި، އެއީ އޮމާނާއެކު ކުރެވޭ މަޝްވަރާތަކާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ. އެމެރިކާއިން ސަރަހައްދީ މަޝްވަރާތަކަށް ހުރަސްއެޅުން ހުއްޓާލަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހަމަނުޖެހުންތަކުގެ ތެރެއިން ޔޫއޭއީގެ ދައުލަތުގެ ތެޔޮ ކުންފުންޏަށް ނިސްބަތްވާ އުޅަނދަކަށް އީރާނުން މިސައިލް ހަމަލާއެއް ދީފައިވާ ކަމަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ތުހުމަތުކޮށްފައިވާއިރު، މިއީ ހަނގުރާމަ ފެށުނު ފަހުން އެ ކުންފުނީގެ އުޅަނދުތަކަށް ދެވުނު 15 ވަނަ ހަމަލާއެވެ. މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލި، އިންފްލޭޝަން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނަށް ލިބޭ ގޮތަށް އެއްބަސްވުމެއް އެކުލަވާލުމަކީ އެމެރިކާއިން ކުރިން ދެކޮޅު ހަދަމުން އައި ކަމެކެވެ. ނަމަވެސް، މިހާރު ކުރިއަށްދާ މަޝްވަރާތަކުން ފަސް މަސް ދުވަސްވީ މި ހަނގުރާމައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން އުންމީދު ކުރެއެވެ.