އައްޑޫ ސިޓީގައި އިއްޔެ ބޭއްވި ބައި-އިލެކްޝަންގައި ބެހެއްޓި ހަތް ވޯޓް ފޮށީގެ ތެރެއިން ހަތަރު ފޮށިން ޕީއެންސީގެ ކެންޑިޑޭޓް ކުރި ހޯދުމަކީ އައްޑޫގެ ރައްޔިތުންގެ މެދުގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޕީޖީ ލީޑަރުކަން ވެސް ކުރަށްވާ ފަލާހް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް ކުރާ ދަޢުވާ މިއަދުގެ އިންތިޚާބާއެކު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި މި ނަތީޖާއިން ފެނިގެންދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ލޯބި ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

އެމްޑީޕީގެ އިސް ލީޑަރުން ކަމަށްވާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، މުޙައްމަދު ނަޝީދާއި، ފައްޔާޒް އިސްމާއީލްގެ އިތުރުން މުޅި ގައުމީ މަޖިލީހުން އައްޑޫއަށް އަރައި ކުރި މަސައްކަތުން ނަތީޖާއެއް ނުނެރެވުނުކަން ފަލާހް ވިދާޅުވިއެވެ. އަދި ތިން ދައުރު މޭޔަރުކަން ކުރެއްވި ސޯދިގު ބަލިވުމަކީ އެމްޑީޕީގެ ލީޑަރޝިޕް ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ.

"އައްޑޫގައި ދިރިއުޅޭ ރައްޔިތުން ބުނާކަހަލަ އެމްޑީޕީގެ ލީޑަރޝިޕް ވަނީ ފެއިލްވެފައޭ. އައްޑޫ އާމެދު އިހުމާލުވެފައޭ! ޔާމީނަކަށް އައްޑޫ އިން ޖާގައެއް ނެތޭ!" ފަލާހް ވިދާޅުވިއެވެ. ކުރީގެ ރައީސް ޔާމީން ތާއީދުކުރެއްވި ކެންޑިޑޭޓަށް ވެސް އައްޑޫ ރައްޔިތުންނަށް ފުރުސަތު ނުދެއްވިކަން އޭނާ ވިދާޅުވެފަވެއެވެ.

ފަލާހް ވިދާޅުވީ މި ނަތީޖާއަކީ އައްޑޫ ރައްޔިތުންގެ ވިސްނުން ބަދަލުވެފައިވާ ކަމުގެ ވަރުގަދަ ހެއްކެއް ކަމަށެވެ. އަދި ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އައްޑޫ ސިޓީ ވެގެންދާނީ ޕީއެންސީގެ ވަރުގަދަ ކިއްލާއަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެ ބޭއްވި އައްޑޫ ހިތަދޫ އުތުރު ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު ވަނީ 62 ވޯޓުގެ ތަފާތަކުން ބަލިވެފައެވެ. މި ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ އަބުދުﷲ ސޯދިގު (ސޯބެ) އެވެ.