އިތުރަށް ދަރަނިވެރި ނުވެ، ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް، ބަޖެޓުކުރި މިންގަނޑުގައި ދައުލަތުގެ ޚަރަދުތައް ހިފެހެއްޓުމަކީ ފިޗް ރޭޓިންގ އަށް އައި ބަދަލަށްވުރެ ބޮޑު ކާމިޔާބީއެއްކަމަށް ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު މިހެން ވިދާޅުވީ "ޕްރެސަރ ވިތު ދަ ސްޕޯކްސް" ސިލްސިލާގެ ތެރެއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

ތަރުޖަމާނު ވިދާޅުވި ގޮތުގައި، ދައުލަތުގެ ޚަރަދުތައް ކަނޑައެޅިފައިވާ ބަޖެޓުގެ ތެރޭގައި ހިފެހެއްޓުމަކީ ރާއްޖޭގެ މާލީ އިދާރާތަކާއި ތަރައްޤީގެ ބައިވެރިންގެ އިތުބާރު ބޮޑުވެގެންދާނެ އުންމީދީ ބަދަލެކެވެ. މިއީ ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީތަކުން ދޭ ރޭޓިންގއަށްވުރެ މާ މުހިންމު އަދި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

މި ކާމިޔާބީ ހާސިލުކުރެވުނީ ސަރުކާރުން ތަންފީޒުކުރި ޙިކުމަތްތެރި ސިޔާސަތުތަކުގެ ސަބަބުންކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

"އޭގެ ތެރޭގައި ޓެކުހުގެ ނިޒާމަށް ގެނައި ބަދަލުތަކާއި، ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން، އަންދާޒާކުރާ އާމްދަނީއާއި ލިބޭ އާމްދަނީ އެއްހަމަކުރުމަށް ކުރެވުނު މަސައްކަތްތައް ހިމެނޭ،" ތަރުޖަމާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން އެޅި މި ފިޔަވަޅުތަކަކީ ސިޔާސީ ގޮތުން މަޤުބޫލު ކަންކަމަށް ނުވި ނަމަވެސް، މިއީ ވަޠަނީ މަސްލަހަތު އިސްކޮށް ޒިންމާދާރުކަމާއެކު ނިންމާފައިވާ ނިންމުންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ނިންމުންތަކުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓިފައިވާކަން ފާހަގަކުރެއްވިއެވެ.

ތަރުޖަމާނުގެ ވާހަކާގައި ވިދާޅުވީ، ކުރިމަގުގައި ރާއްޖޭގެ ރޭޓިންގ އިތުރަށް ރަނގަޅުވެ، އޭގެ ސަބަބުން ރާއްޖޭގެ އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރާ ކަމަށެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ ޔަޤީންކަންވެސް އޭނާ ދެއްވިއެވެ.