އެމްޑީޕީގެ ދެ ވެރިކަމުގައި ހުޅުވާފައި ހުރި އެއްވެސް މިސްކިތެއް ނުހުންނާނެކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު މިފަދައިން ވިދާޅުވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް މަޖިލީހަށް ހުށަހެޅުއްވާފައިވާ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލުގެ ބަހުސްގައި މިއަދު ވާހަކަދައްކަވަމުންނެވެ.

Ad
rt

ފަލާހް ވިދާޅުވީ މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރެރިޒަމްގެ ޢަމަލެއްކަމަށް ކަނޑައެޅުމަށް ހުށަހަޅާފައިވާ އެ އިސްލާހަށް ސަރުކާރުން ތާއީދުކުރާ ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ރާއްޖޭގެ އިސްލާމީ ވަހުދަތު ހިފެހެއްޓުމަށް އެންމެ ބޮޑު މަސައްކަތެއް ކުރައްވާ ރައީސްކަމަށާއި، މިހާރުވެސް މިސްކިތްތައް އޭސީ ކުރުމުގެ މަސައްކަތް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރަށް ފާޑުވިދާޅުވަމުން ފަލާހް ވިދާޅުވީ، އެ ދުވަސްވަރު މިސްކިތްތަކުގައި ކައިބޮއި މަސްތުވާތަކެތި ބޭނުންކޮށް، މިސްކިތްތަކުގެ ހުރުމަތް ކަނޑަމުންދިޔަ ކަމަށެވެ.

"އެދުވަހު ދިޔައީ އެމްޑީޕީގެ ވެރިކަމުގައި ކައިބޮއި މަސްތުވާތަކެތި ބޭނުންކޮށް، ކުޅުތަޅާ މިސްކިތްތަކުގައި މީހުން ގަޔަށްބޮލަށް އަރާ ދަރަޖައަށް ދިޔަ،" ފަލާހް ވިދާޅުވިއެވެ.

އެފަދަ އަމަލުތައް ކުރާ މީހުން އަދުލުގެ ކުރިމައްޗަށް ގެނައުމުން ވަގުތުން ދޫކޮށްލާ މަންޒަރު ފެނިގެންދިޔަ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން މުލިއާގޭގައި ހުރި މިސްކިތް އެމްޑީޕީގެ ވެރިކަމުގައި ގުދަނަކަށް ހަދައި، އެތަނަށް ދަޅުފުޅިއާއި ސިނގިރޭޓް ކާޓުންތައް ވައްދާފައި ހުރި ކަމަށް ފަލާހް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީއަކީ މިސްކިތްތަކާ ދުރު ބައެއް ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅަން ފަށާފައި ހުރި މިސްކިތްތަކަށް އެމްޑީޕީން ފައިސާ ނަގައި އެ މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށެވެ.

''ހިތާމައަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަޅަން ފަށާފަހުރި މިސްކިތްތަކަށް އެމްޑީޕީން އެހެރީ ފައިސާ ނަގާފަ އެކަންކަން ހުއްޓާލާފައި، އެމްޑީޕީގެ ދެ ވެރިކަމުގައި ހުޅުވާފައި ހުރި އެއްވެސް މިސްކިތެއް ނުހުންނާނެ، ތަޅުލިއްޔާ ތަޅުލާފަ ހުންނާނީ،'' ފަލާހް ވިދާޅުވެފަވެއެވެ.

އެމްޑީޕީގެ ވެރިކަން ބަދަލުވުމަކީ އިސްލާމީ ގައުމެއްގައި އިސްލާމްދީން ދެމެހެއްޓުމަށް ލިބުނު ހެޔޮ ނަސީބެއްގެ ގޮތުގައި ފަލާހް ސިފަކުރެއްވިއެވެ. އަދި އެމްޑީޕީގެ ވެރިން މަސްތުވާތަކެއްޗަށް ހިތްވަރުދީ ވާހަކަދައްކާފައިވާ އޯޑިއޯތަކާއި ވީޑިއޯތައް ފެންނަން ހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނިންމަވާލައްވަމުން ފަލާހް ވިދާޅުވީ، މިހާރު ހުށަހަޅާފައިވާ އިސްލާހު ކޮމިޓީ މަރުހަލާގައި ދިރާސާކޮށް ފާސްކުރާނެ ކަމަށެވެ. ނަމަވެސް، ކުރިމަގުގައި އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ މިފަދަ އިސްލާހުތައް އުވާލައި، މިސްކިތްތަކުގެ ހުރުމަތް ކަނޑާ އަމަލުތަކަށް އަނެއްކާވެސް ފުރުސަތު ދޭނެ ކަމުގެ ބިރު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.