މި ސަރުކާރު ޖަވާބުދާރީ ކުރުވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަމިއްލަފުޅަށް ކަމަށާއި، އެކަން ކުރެއްވުމަށް އެމަނިކުފާނު ގެންދަވަނީ މަދު މީސްކޮޅެއްގެ ބަދަލުގައި ސީދާ ރައްޔިތުންގެ ދަރުބާރަށް ސިލްސިލާގޮތެއްގައި ވަޑައިގަންނަވަމުން ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ އާރިފް ވިދާޅުވެއްޖެއެވެ.

ޢަލީ އާރިފް މިފަދައިން ވިދާޅުވީ މީސްމީޑިއާ މަންސަ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ވޯޓު ދިނުމަށް އެދެމުންދިޔަ ނަމަވެސް، ރައީސް މުޢިއްޒު ހުންނެވީ އެހެން ބަޔަކު އެކަން ކުރަންދެން ބައްލަވާކަށް ނޫނެވެ.

އާރިފް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވަޒީރުންނާއި ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުން ގޮވައިގެން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ގާތަށް ސީދާ ވަޑައިގަންނަވަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ ދަރުބާރުގައި ރައީސް އަމިއްލަފުޅަށް ސަރުކާރު ޖަވާބުދާރީ ކުރުވަމުން ގެންދަވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިހާރުވެސް ސިލްސިލާ ގޮތެއްގައި ރައްޔިތުންގެ އެކި ފަންތީގެ އަދި އެކި ގިންތީގެ މީހުންގެ ގާތަށް ރައީސް އަމިއްލަފުޅަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވަމުން ގެންދަވާ ކަމަށް އާރިފް ވިދާޅުވިއެވެ.

"މަދު މީސްކޮޅެއްގެ ބަދަލުގައި ރައީސް ވަޑައިގަންނަވަނީ ސީދާ ރައްޔިތުންގެ ދަރުބާރަށް،" އާރިފްގެ ޕޯސްޓުގައިވެއެވެ.

މި ސަރުކާރުން ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ ސިޔާސަތެއް ގެންގުޅުއްވާއިރު، ރައީސް ގެންދަވަނީ ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުފުޅު ކުރައްވައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ސީދާ އޮޅުންފިލުއްވަމުންނެވެ.