ހއ. ކެލާ ކައުންސިލްގެ ރަސްމީ ވެބްސައިޓް ޑިޒައިންކޮށް، ޑިވެލޮޕްކޮށް، ހޮސްޓްކުރުމުގެ އިތުރުން މެއިންޓެއިން ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާންކޮށްފިއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

Ad
rt

މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނީ 2 ފެބްރުއަރީ 2026 އިން 8 ފެބްރުއަރީ 2026 އާ ހަމައަށެވެ. ރަޖިސްޓްރީ ކުރުމަށްޓަކައި ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ފޯމު ހުށަހެޅޭނެއެވެ.

މީގެ އިތުރުން info@kelaa.gov.mv އަށް އީމެއިލް މެދުވެރިކޮށްވެސް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 9 ފެބްރުއަރީ 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 ފެބްރުއަރީ 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 ގައެވެ.

ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށާއި، ހުރިހާ އަންދާސީ ހިސާބެއްވެސް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައި ކަމަށް ކައުންސިލުން އިރުޝާދު ދެއެވެ.

މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއާ ގުޅުމަށް ނުވަތަ އީމެއިލް މެދުވެރިކޮށް މުޢާމަލާތު ކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.