މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންކަމުގެ މަގާމުން ފައްޔާޒު އިސްމާއީލް މިރޭ އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ އިއުލާނުކުރެއްވީ މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުންނެވެ. ފައްޔާޒު އިސްތިއުފާ ދެއްވުމުގެ ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ، ޕާޓީގެ އެތެރޭގައި ހުރި ބޮޑެތި ގޮންޖެހުންތަކާއި، އޭނާއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ބޭފުޅަކަށް ވުމެވެ.

Ad
rt

ފައްޔާޒު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އޭނާ ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެހެން ބައެއް ބޭފުޅުން ވެސް އިސް ސަފުގައި ތިއްބެވުމުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ހުރިކަމަށް ފެނެ އެވެ. މިހާރު ހުރި ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވެފައިވެ އެވެ.

ޕާޓީގެ އެޑްވައިޒަރާއި، ޕާޓީގެ ރައީސްއަށް ޕާޓީގެ ކަންކަން ނިންމުމަށް ފުރިހަމަ ބާރު ދިނުމަށްޓަކައި، އޭނާއަކީ ހުރަހެއް ކަމަށް ދެކޭ ދެކުން ނިމުމަކަށް ގެނައުމަށް ގަސްތުކުރައްވާ ކަމަށް ފައްޔާޒު ސިޓީގައި ވިދާޅުވެފައި ވެ އެވެ.

“ހަމަ އެހެންމެ، ޕާޓީގެ ރޯޑުމެޕަށް އާންމުންގެ ހިޔާލު ހޯދުމަށް އަޅުގަނޑު މެންބަރުންނާ ބައްދަލުވި ބައްދަލުވުންތަކުގައި ޕާޓީގެ ލީޑަރުންނާމެދު ބަސްބުނުމުގެ ފުރުސަތު ހުޅުވާލާނޭ ކަމުގެ ވައުދު އަޅުގަނޑު ވެފައި ވާނެ އެވެ. މި ޖާގަ ހުޅުވާލުމަށްޓަކައި މި ވަގުތުން ފެށިގެން ޕާޓީގެ ޗެއަރޕާސަންގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،” ފައްޔާޒުގެ ސިޓީގައި ވެ އެވެ.

ފައްޔާޒު ޗެއާޕާސަންކަމާ ހަވާލުވެވަޑައިގަތީ ޕާޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އެ ދުވަސްވަރު ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި ރައީސް މުހައްމަދު ނަޝީދާ ދެމެދު ނުތަނަވަސްކަން އުފެދިފައި އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ. މި ނުތަނަވަސްކަމަށް ހައްލު ހޯދުމަށް 2022 ވަނަ އަހަރު ބޭއްވުނު ކޮންގްރެސްގައި އަސާސީ ގަވާއިދަށް މުހިންމު ބަދަލުތަކެއް ގެނެވުނު ނަމަވެސް، ދެފަރާތުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައި ނުވާކަން ފާހަގަކުރައްވާފައި ވެ އެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެ ބޭފުޅުން ވެސް ވާދަކުރައްވާނޭކަމަށް އިޝާރާތްކުރެއްވުމުން، އެއީ ޕާޓީ ބައިބައިވުމަށް މެދުވެރިވެދާނޭ ކަމެއް ކަމަށް ފައްޔާޒަށް އިހުސާސު ކުރެއްވުނެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް ނަޝީދުގެ އެދިވަޑައިގަތުމަށް ފަސް ފަހަރު ބައްދަލުކުރެއްވި ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ. ނަމަވެސް، އެ ބައްދަލުވުންތަކުގައި ނަޝީދުގެ ޓީމުން ހުށަހެޅީ ޕްރައިމަރީގައި ނަޝީދު ވާދަ ނުކުރުމަށާއި، އޭގެ ބަދަލުގައި ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަށް ތާއީދުކުރުމަށް އެމްޑީޕީން މަސައްކަތްކުރާނެ ނިޒާމީ ވޯޓެއް ނެގުމަށެވެ. އެ މަޝްވަރާތަކުން އެއްބަސްވުމަކަށް ނާދެވި ހުއްޓާލީ ކަމަށް ސިޓީގައި ބަޔާންކޮށްފައި ވެ އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި، އޭގެ ދުވަސްކޮޅެއް ފަހުން ޕާޓީގެ ބައެއް އިސްފަރާތްތަކަށް ގަބޫލުކުރެވުނީ ރައީސް ނަޝީދު އާއެކު އެއްބަސްވެވުނު ގޮތަށް ކުރިއަށްނުދިޔުމަށް ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނިމުނުއިރު، އެތައް އަހަރެއްވަންދެން އެކުގައި އިސްލާހީ މަސައްކަތުގައި ދުވަސްތައް ހޭދަކުރި ރަހުމަތްތެރިންނާ މޫނު ކެނޑި، އާއިލާއެއްގެ ގޮތުގައި އޮތް އެ ޕާޓީ ދެފަޅިވެ ރިޔާސީ އިންތިހާބު ވެސް ގެއްލިގެން ދިޔަ ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް އޭނާ މަސައްކަތް ކުރީ އެމްޑީޕީއާ ވަކިވެގެން ޕާޓީ އުފެއްދި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ކަމަށާއި އެކަމަކު އެކަން ވެސް ކާމިޔާބު ނުވީ ޕާޓީގެ އިސް ބައެއް ބޭފުޅުންނަށް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރެވުމުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު މި ރާއްޖެ ތަހައްމަލުކުރަމުން މިދާ ކަންކަމުގެ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެހާ ބޮޑުތަނުން ނާކާމިޔާބުވުމެވެ. ޝަރުއީ ކޯޓުތަކާއި، މިނިވަން މުއައްސަސާތައް ސަރުކާރު ބޭނުންހާ ގޮތަކަށް އަނބުރާލާއިރު، ގާނޫނި ގޮތުން އެ ކަންކަން ހުއްޓުވުމަށް ކުރެވެން ހުރި މަދު ކަންކަމެކެވެ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ގަބޫލުކުރާ ގޮތުގައި އެމްޑީޕީއަށް އެ ދެ އިންތިހާބު ކާމިޔާބުނުވުމުގެ މައިގަނޑު ސަބަބަކަށް ވެގެންދިޔައި ޕާޓީ ފަޅިފަޅިވެގެންދިޔުމެވެ.

ފައްޔާޒު ވަނީ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި އާންމު މެންބަރުންގެ ފަރާތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޕާޓީގެ ހުރިހައި މެންބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ޗެއަރޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އާއި އާންމު މެންބަރެއްގެ ގޮތުގައި ޕާޓީއަށް ކުރިއެރުން ހޯއްދަވައި ދެއްވުމުގައި ދެމިހުންނަވާނޭ ކަމަށް ކަމުގެ ޔަގީންކަން ދެއްވާކަމަށް ފައްޔާޒުގެ ސިޓީގައި ވިދާޅުވެފައި ވެ އެވެ.