އުރީދޫ ފިންޓެކް މޯލްޑިވްސް އިން އީޒްއެޕްއާ އެކު އާ ޕާޓްނަރޝިޕެއް ގާއިމްކޮށް، އެމްފައިސާ މެދުވެރިކޮށް މުއާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
މި އެއްބަސްވުމުގެ ދަށުން، އީޒްއެޕް ބޭނުންކުރާ ފަރާތްތަކަށް 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެމްފައިސާ މެދުވެރިކޮށް ރައްކާތެރި އަދި މެދުނުކެނޑި ޑިޖިޓަލް ޕޭމަންޓްތައް ކުރެވޭނެއެވެ.
އެމް-ފައިސާ އަކީ ރާއްޖޭގައި އެންމެ އިތުބާރު ހިފޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންތަކުގެ ތެރޭގައި ހިމެނޭ ޑިޖިޓަލް ވޮލެޓެކެވެ. އީޒްއެޕްގައި މި ހިދުމަތް އިންޓެގްރޭޓް ކުރުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ދެ ކުންފުނިން ވެސް ފާހަގަކުރެއެވެ. މި އިންޓެގްރޭޝަންގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަވެ، ޑިޖިޓަލް މުއާމަލާތްތައް އިތުރަށް ފުޅާވެގެންދާނެއެވެ.
މި ޕާޓްނަރޝިޕްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީސީއޯ ޙުސައިން ނިޔާޒް ވިދާޅުވީ، "އަޅުގަނޑުމެންގެ ތަސައްވުރަކީ ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުން. އީޒްއެޕްއާ އެކު ޕާޓްނަރޝިޕް ހެދުމަކީ އެމްފައިސާ މެދުވެރިކޮށް އަވަސް، ރައްކާތެރި އަދި އިތުބާރު ހިފޭ ޑިޖިޓަލް މުއާމަލާތްތައް ގިނަ ބަޔަކަށް ފޯރުކޮށްދިނުން. މި އެއްބަސްވުމަކީ އީޖާދީ އުފެއްދުންތަކުގެ މައްޗަށް ބިނާކޮށް ސްމާޓް، ކަނެކްޓެޑް ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ މުހިންމު ބޮޅެއް."
އީޒްއެޕްގެ ސީއީއޯ އަދި ސީއެފްއޯ އަބްދުالله މިއުވާން ޝަރީފް ވިދާޅުވީ، "އީޒްއެޕްގައި އަބަދުވެސް އަޅުގަނޑުމެންގެ ފޯކަސް ހުރީ ކަސްޓަމަރުންގެ އާންމު ދިރިއުޅުން ފަސޭހަކޮށްދިނުމަށް. އެމްފައިސާ އިންޓެގްރޭޓް ކުރުމާއެކު ފަސޭހަ، ރައްކާތެރި އަދި ހަރުދަނާ ޕޭމަންޓް އޮޕްޝަނެއް ކަސްޓަމަރުންނަށް ފޯރުކޮށްދެވެއެވެ. އުރީދޫ ފިންޓެކް މޯލްޑިވްސްއާ އެކު ޕާޓްނަރޝިޕް ހެދުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް."
މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖެއަކީ ކޭޝްލެސް މުސްތަޤްބަލަކަށް ވާސިލުވެ، ޔުނިވާރސަލް ޑިޖިޓަލް އެކްސެސް އިތުރުކޮށް، ފައިނޭންޝަލް އިންކްލޫޝަން އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. މި އެއްބަސްވުމަކީ ރާއްޖޭގެ ފައިނޭންޝަލް ޓެކްނޮލޮޖީގެ ދާއިރާއަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް ދެކެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!