ރަނގަޅު ފަރުދަކު ބިނާކުރެވޭން އޮތީ ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައި ކަންކަން މަނާކުރާ މުޖުތަމަޢެއް ބިނާކޮށްގެންކަމަށާއި މުޖުތަމަޢު ސަލާމަތްވާން އޮތީ ރަނގަޅު ފަރުދުންތަކެއް ބިނާކޮށްގެންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފި އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ކީ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވާ މަޢުލޫއަކީ "ދީން ރައްކާތެރިކުރުން" އެވެ. މިއަދުގެ ހުކުރު ޚުޠުބާގައި އިސްލާމްދީން ރައްކާތެރިކުރުމުގެ މުހިންމުކަމާއި، ރަނގަޅު މުޖުތަމަޢެއް ބިނާކުރުމަށް ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތުން ނަހީކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލާފައިވެއެވެ،

Ad
rt

ޚުޠުބާ ގައި ވިދާޅުވީ، ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތް މަނާކުރުމަކީ، އިސްލާމް ދީނުގެ މަތިވެރި ޝިޢާރެއްކަމަށާއި އެއީ އީމާންކަމުގެ މަތިވެރި ސިފައެއްކަމަށާއި މުއުމިނުންނަކީ، ހަމައެކަނި އެ މީހުންގެ އަމިއްލަ ނަފުސަށް ޓަކައި ދިރިއުޅޭ ބަޔެއް ނޫންކަމެވެ.

"އެ މީހުންނަކީ އަމިއްލަ ނަފުސަށް އެދޭ ހެޔޮކަން އެ މީހުންގެ އަޚުންނަށް ވެސް އެދޭ މީހުންނެވެ. އަދި ނުބައި ކަންކަމުން އެ މީހުންގެ އަޚުން ރައްކާތެރިކުރާ މީހުން ވެސް މެއެވެ."

ޚުޠުބާ ގައި ވިދާޅުވިއެވެ.

ޚުޠުބާގައި ފާހަގަކުރެވުނު ގޮތުގައި، ދިވެހިން އިސްލާމްދީނުގައި ދެމިތިބޭތާ މިހާރު ވަނީ 900 އަހަރާ ގާތްވެފައެވެ. މި މުއްދަތުގައި ދިވެހިން ދަނީ އަމާންކަމާއި ޞުލްޙަވެރިކަމާއި އަޚުވަންތަކަމާއެކު ދިރިއުޅެމުންނެވެ.

"އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްކަމުގެ ނިޢުމަތް" ކަމަށް ޚުޠުބާގައި ބަޔާންކުރެވުނެވެ. އަދި މި ދީން މިހާތަނަށް ރައްކާތެރިކުރެވިފައިވަނީ ކާބަފައިންގެ ޤުރުބާނީއާއި ޖިހާދުގެ ސަބަބުން ކަމަށް ފާހަގަކުރެވުނެވެ.

ޚުޠުބާގައި އިތުރަށް ފާހަގަކުރެވުނު ގޮތުގައި، މިއަދު ދީނާ ދެކޮޅަށް ކުރެވޭ ފިކުރީ ހަނގުރާމައިން ސަލާމަތްވެވޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ޖީލުތައް ބިނާކޮށްގެންނެވެ. އަދި ޤުރްއާނާއި ސުންނަތުގައިވާ އަމުރުތަކާއި އިރުޝާދުތަކަށް ތަބާވާ ބަޔަކު އުފެއްދުމުގެ މުހިންމުކަން ފާހަގަކުރެވުނެވެ.

ޚުޠުބާ ނިންމާލެވުނީ، އިސްލާމްދީން ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއްކަން ހަނދާންކޮށްދެއްވަމުންނެވެ. އަދި އަންނަން އޮތް ޖީލުތަކަށް ޞައްޙަ ޢަޤީދާ ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.