ކީރިތި ރަސޫލާ ﷺ ދެކެ ލޯބިވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ކަމެއްކަމަށާއި މިކަން ޤުރުއާނާއި ސުންނަތުން ސާބިތުވާކަމަށް ޚުޠުބާގައި ބަޔާންކޮށްފިއެވެ.

ޚުޠުބާގައި ފާހަގަކުރި ގޮތުގައި ކީރިތި ރަސޫލާ ﷺ ރަސޫލުކަމާއިގެން ވަޑައިގަތުމުގެ ކުރިން ދުނިޔެ އޮތީ ޖާހިލުކަމުގެ އަނދިރީގައެވެ. އަނިޔާއާއި އިންސާފު ނެތް މާހައުލެއްގައި، މުޖުތަމައު އޮތީ ތަފާތު ފަންތިތަކަކަށް ބެހިފައެވެ. ރިބާ ކެއުމާއި، ބުދަށް އަޅުކަން ކުރުމާއި، ޣައިބު ދަންނަކަމަށް ދައުވާކުރުން އޮތީ އިންތިހާއަށް ފެތުރިފައިކަން ފާހަގަކުރެވުނެވެ.

އަދި ޚުޠުބާގައި ވިދާޅުވި ގޮތުގައި އެ ޒަމާނުގައި އަންހެނުންނަށް އެއްވެސް މަޤާމެއް ނެތެވެ. ވާރުތައިން ލިބޭ ހިއްސާއެއްވެސް ނޯވެއެވެ. ނަމަވެސް އިސްލާމްދީން އައުމާއެކު މިކަންކަން ބަދަލުވެ، އަންހެނުންނަށްވެސް ވާރުތައިގެ ޙައްޤު ލިބިދެވުނެވެ. މިކަން "މައިންބަފައިންނާއި، ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން، ފިރިހެނުންނަށް ބަޔެއް ވެއެވެ. އަދި، މައިންބަފައިންނާއި ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން އަންހެނުންނަށް ވެސް ބަޔެއް ވެއެވެ" މި އާޔަތުން ސާބިތުވާކަމަށް ވިދާޅުވިއެވެ.

Ad
rt

ޚުޠުބާގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކީރިތި ރަސޫލާ ﷺ ގެނެސްދެއްވި ދީނުގައި އިންސާފާއި ހަމަހަމަކަން އެކުލެވިގެންވެއެވެ. އެއީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރެވޭނެ މަގެވެ. މި ދީނުގެ ސަބަބުން ބައިބައިވެފައި އޮތް މުޖުތަމައު އެކުވެރިވެ، ހަތުރުން މިތުރުންނަށް ވެގެން ދިޔަކަން ފާހަގަކުރެއްވިއެވެ.

ކީރިތި ރަސޫލާ ﷺއަކީ، އުންމަތަށް ނުހަނު އޯގާވެރި ބޭކަލެއްކަމަށާއި އެތައް ހަނގުރާމަތަކެއްގައި އާދައިގެ މުސްލިމުންނެކޭ އެއް ފަދައިން އެކަލޭގެފާނު ބައިވެރިވެވަޑައިގަތެވެ. އެކަލޭގެފާނަކީ ދީލަތިފުޅުކަމުގައި ވެސް އިންތިހާއެވެ. މުސްލިމުންގެ މައްޗަށް އޯގާވެރިވެވަޑައިގަތުމުގައި ވެސް އިންތިހާއެވެ. މީސްތަކުންގެ ކުށްތަކަށް މަޢާފުކޮށްދެއްވުމުގައި ވެސް ނަމޫނާއެވެ. މި ކަން ހާމަކުރައްވައި އެކަލޭގެފާނާ ބެހޭ ގޮތުން މާތް اللَّه ވަޙީކުރައްވައިފައި ވެއެވެ.

މާނައީ: "އަދި، އެއުރެން އެއުރެންގެ އަމިއްލަ ނަފުސުތަކަށް އަނިޔާވެރިވީ ހިނދު، ކަލޭގެފާނުގެ އަރިހަށް އެއުރެން އައިސް، ފާފަފުއްސެވުމަށް اللَّهގެ ޙަޟުރަތަށް ދަންނަވައި އެދުނު ނަމަ، އަދި ރަސޫލާ އެއުރެންނަށް ފާފަފުއްސެވުމަށް އެދިވަޑައިގެން ދުޢާކުރެއްވި ނަމަ، ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމުވަންތަ ކަލަކުކަމުގައި އެއުރެން اللَّه ދެކޭނެކަން ކަށަވަރެވެ."

ޚުޠުބާ ނިންމަވާލެއްވީ ކީރިތި ރަސޫލާ ﷺ ދެކެ ލޯބިވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަން އަލުން ފާހަގަކުރައްވަމުންނެވެ. އެކަލޭގެފާނުގެ ސަބަބުން މުޅި އިންސާނިއްޔަތަށް ލިބުނު މަތިވެރި ނިއުމަތްތައް ހަނދާން ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.