ޖަލުތަކުން އުކާލާ ކާބޯތަކެތި ބޭނުންކޮށްގެން ކާދު (ގަސްކާނާ) އުފެއްދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ސޮނެވާ ނަމޫނާއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެމްސީއެސް އިން ބުނީ ސޮނެވާ ނަމޫނާއާއެކު، ޖަލުތަކުގައި ވޭސްޓް ގޮތުގައި އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން ކާދު އުފެއްދުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފަވާކަމަށެވެ.

Ad
rt

އެމްސީއެސްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. ސޮނެވާ ނަމޫނާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސާ އަޒްހޫރާ އަޙްމަދުއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލި މި ފަހުމުނާމާގެ މަޤްސަދަކީ ޖަލުތަކުގައި ކުރެވޭ އިސްރާފު މަދުކޮށް، ތިމާވެއްޓާ ރައްޓެހި އަދި ފައިދާ ކުރުވަނިވި އާދަތައް ތަޢާރަފް ކުރުމުގެ ގޮތުން، ސަސްޓޭނަބަލް ވޭސްޓް މެނޭޖްމަންޓްގެ މަސައްކަތް ފެށުންކަމަށް އެމްސީއެސްއިން ބުންޏެވެ.

މީގެ އިތުރުން މި ޕްރޮޖެކްޓްގެ ދަށުން އުފައްދާ ކާދު ބޭނުންކުރާނީ ޖަލުތަކުގައި ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން ހިންގާ ދަނޑުވެރިކަމުގެ މަސައްކަތްތަކުގައިކަމަށް ވެސް އެ ސާރވިސަސް އިން ބުނެއެވެ.

އެމްސީއެސް އިން ބުނިގޮތުގައި މި ފަހުމްނާމާގެ ދަށުން، ސޮނެވާ ނަމޫނާއިން ޤައިދީންނަށާއި އޮފިސަރުންނަށް އިސްރާފްކުރެވޭ ކާބާތަކެތި ބޭނުންކޮށްގެން ކާދު ހެދުމަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދީ، އެ މަސައްކަތް ދަސްކޮށްދިނުމުގެ އިތުރުން ތަމްރީންތަކާއި ސެޝަންތައް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ހަމަޖެހިފައެވެ.