ޗައިނާއިން އެމެރިކާގެ އެމެރިކާގެ ޓެކް ކުންފުނި ގޫގުލްއާ ދެކޮޅަށް ފިޔަވަޅު އަޅައިފިއެވެ. ގޫގުލްގެ އިތުރުންވެސް އެމެރިކާއަށް ނިސްބަތްވާ އެހެން ދާއިރާތަކުގެ ކުންފުނިތަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. މިގޮތުން ގޫގުލްގެ އިތުރުން، ދަނޑުވެރިކަމުގެ އާލާތްތައް އުފައްދާ ކުންފުނިތަކާއި އަދި ކެލްވިން ކްލައިން ފަދަ ފެޝަން ބްރޭންޑްތަކުގެ ވެރިފަރާތްތަކަށް އަމާޒުކޮށް ފިޔަވަޅު އަޅާފައިވެއެވެ.

މި ފިޔަވަޅުތައް އަޅާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ މުދަލަށް އައު ޓެރިފްތަކެއް ތަޢާރަފުކުރުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ޗައިނާއިން ވެސް އެމެރިކާގެ މުދަލަށް އިތުރު ޓެރިފްތަކެއް ތަޢާރަފުކޮށްފައިވެއެވެ. މީގެ ތެރޭގައި ގޭހާ، ތެޔޮ އަދި ބައެއް ބާވަތުގެ އޮޓޯމޮބައިލްތައް ހިމެނެއެވެ.

Ad
rt

ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޮރ މާކެޓް ރެގިއުލޭޝަނުން ބުނެފައިވަނީ ގޫގުލްއިން އެ ޤައުމުގެ އެންޓި-މޮނޮޕޮލީ ޤާނޫނާ ޚިލާފުވެފައިވާކަމަށް ޝައްކުކުރެވޭތީ، އެކަން ތަޙްޤީޤުކުރަން ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް މި ތަޙްޤީޤާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، ޗައިނާގެ ވިޔަފާރި ވުޒާރާއިން ބުނެފައިވަނީ ކެލްވިން ކްލައިން އަދި ޓޮމީ ހިލްފިގަރ ފަދަ ބްރޭންޑްތަކުގެ ވެރިފަރާތްކަމުގައިވާ ޕީވީއެޗް ކޯޕަރޭޝަން އަދި އެމެރިކާގެ ބަޔޯޓެކްނޮލޮޖީ ކުންފުންޏެއްކަމަށްވާ އިލުމިނާ "އަންރިލަޔަބަލް އެންޓިޓީ" ލިސްޓުގައި ހިމަނާފައިވާ ކަމަށެވެ.

މި ފިޔަވަޅުތަކަކީ ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުގެ ދެމެދުގައި ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައިގެ އައު ބާބެއްކަމަށް ބެލެވެއެވެ. މި ކަންކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް އިޤްތިޞާދީ މާހިރުން ލަފާކުރެއެވެ.