މެޑިކަލް ޑޮކްޓަރސް ސްޕެޝަލައިޒޭޝަން ސްކޮލަޝިޕް 7 ފަރާތަކަށް ދީފިއެވެ.
މަތީ ތައުލިމާއި ބެހޭ ވުޒާރާއިން މިހާރުވަނީ ހުރިހާ ހަރަދެއް ސަރުކާރުން ބަލަހައްޓަވާގޮތަށް ޑޮކްޓަރުން ސްޕެޝަލައިލްވުމަށް ހުޅުވާލެއްވި ސްކޮލާޝިޕް ލިބިވަޑައިގަންނަވާ 7 ޑޮކްޓަރުންގެ ވަގުތީ ލިސްޓް ނެރުއްވާފައެވެ. މިއީ މިއަހަރުގެ އޭޕްރިލް މަހު އެ ވުޒާރާ އިން ހުޅުވާލެއްވި ފުރުސަތެކެވެ.
މި ސްކޮލާޝިޕް ލިބުނު ޑޮކްޓަރުންގެ ދާއިމީ ލިސްޓު އިއުލާންކުރައްވާނީ މި އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުސަތަށްފަހުއެވެ.
އެ ވުޒާރާއިން ވިދާޅުވެފައިވަނީ މި ސްކޮލާޝިޕް ދީފައިވާ ދާއިރާތަކުގެ ތެރޭގައި އެނެސްތީއޮލޮޖީ، އިންޓަރނަލް މެޑިސިން، ސްޕައިން ސާޖަރީ، ޕީޑިއޭޓްރިކް، ޕީޑިއޭޓްރިކް ޕަލްމޮނޮލޮޖީ ހިމެނޭ ކަމަށެވެ. އަދި ގައިނަކޮލޮޖީ އާއި ޖެނެރަލް ސަރޖަރީ ވެސް ހިމެނޭ ކަމަށެވެ.
މި ހަތް ދާއިރާއިން ކޮންމެ ދާއިރާއަކުން އެއް ފުރުސަތު ދީފައިވާއިރު، މަތީ ތައުލީމާއި ބެހޭ ވަޒީރު ޑރ. އިބްރާޙިމް ހަސަން ވިދާޅުވެފައިވަނީ މަތީ ތައުލީމުގެ ފުރުސަތުތަކުގެ ތެރެއިން، ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ ހުނަރުވެރިން އުފެއްދުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ މަސައްކަތެއް ކަމަށެވެ.
މީގެ އެންމެ ބޮޑު ބޭނުމަަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކުގައި ވެސް ސްޕެޝަލިސްޓް ހިދުމަތް ފުޅާކުރުން ކަމަށާއި މި ސްކޮލާޝިޕް ސަރުކާރުން ފަހިކޮށްދެނީ، އެނބުރި ގައުމަށް އައިސް ހެލްތު މިނިސްޓްރީގެ ދަށުން ރައްޔިތުންނަށް ހިދުމަތްކުރުމުގެ ބޮންޑެއްގައި ކަމަށެވެ.
ވަޒީރު ވިދާޅުވީ އޭގެ ބޭނުމަކީ އަމިއްލަ ރަށުގައި ނުވަތަ އެ ސަރަހައްދެއްގައި ތިބެގެން ފަސޭހައިން ލުއިކޮށް ޖހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
މި ސްކޮލާޝިޕް ފުރުސަތަށް 49 ޑޮކްޓަރަކު ވަނީ ހުށަހަޅާފައެވެ. ނަމަވެސް ފުރުސަތު ލިބޭ ޑޮކްޓަރުން ކަނޑައަޅުއްވާފައިވަނީ މާކްސް ދޭ ހާއްސަ އުސޫލެއްގެ ދަށުންނެވެ. ސްކޮލާޝިޕަށް ހޮވުނު ޑޮކްޓަރުން، އެކަން އަންގަވާތާ 10 މަސް ދުވަހުގެ ތެރޭގައި ކިޔަވަން ފައްޓަވަން ޖެހޭނެއެވެ.
މި ސްކޮލާޝިޕްގައި ކޯސް ފީއާއި، ޓިކެޓާއި ބުކް އެލަވަންސް އަދި ވިސާ، އިންޝުއަރެންސްގެ ހަރަދު ވެސް ބަލަހައްޓާނީ ދިވެހި ސަރުކާރުންވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!