ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރަށްވައި، ރިޔާސީ ޓިކެޓް ލިބިވަޑައިގެންފައިވާ އެ ޕާޓީގެ އިސްލީޑަރު އަދި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދިނުމަކީ އެ ޕާޓީގެ މެންބަރުންގެ ޤައުމީ ޒިންމާއެއް ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ޝިފާއު މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނިމި، އެ ޕްރައިމަރީގައި ނާކާމިޔާބުވި އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު، ޕްރައިމަރީ ކާމިޔާބުކުރެއްވި ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.
ޝިފާޢު މިއަދު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅީ އިލެކްޝަން ކޮމިޝަންގައި އޮންނަ އެ ޕާޓީގެ ދަފުތަރުގައި ތިބި މެންބަރުން ވޯޓުލައިގެން ކަމަށެވެ.
’’ގައުމާއި ޕާޓީގެ މަސްލަހަތާއި ލާބަޔަށްޓަކައި އެންމެންގުޅިގެން ރައީސް ޞާލިޙަށް ރިޔާސީއިންތިހާބު ކާމިޔާބުކޮއްދިނުމަކީ ގައުމީޒިންމާއެއް’’ ޝިފާޢު ވިދާޅުވެފަވެއެވެ.
ޝިފާއު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ރައީސް ނަޝީދު މިއަދު ހެނދުނު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، ޕްރައިމަރީގެ އޮޅުވާލުންތައް އެއްކިބާކޮށްފި ނަމަ ރައީސް ޞާލިހަށް ވަރަށް ގިނަ ވޯޓް އުނިވާނެ ކަމަށެވެ. އަދި ޕްރައިމަރީގެ ވޯޓާސް ލިސްޓަށް ބަލާ ނަމަ ކުޑަ ފަރަގަކުން ރައީސް މޮޅުވެދާނެ ކަމަށް ވެސް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވެފައި ވަނީ، ޕްރައިމަރީ ކާމިޔާބުކުރެއްވުނަސް ރައީސަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެއްވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!