އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ސުންނާފަތިކޮށްލާފައިވާ އިމާރާތެއްގެ ކޮންކްރީޓް ބައިތަކުގައި، ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރި ތުރުކީގެ ބެޝިކްތާޝް ކްލަބުގެ ކުޅުންތެރިޔާ ކަސޫމް އުއަޓާރާގެ ހާއްސަ ތަސްވީރެއް ކުރަހައިފިއެވެ.
މި ކުރެހުން ކުރަހާފައިވަނީ ފަލަސްތީނުގެ ފަންނާނުން، ތުރުކީވިލާތުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ޝެފްކަތު އެލީ" (ހޭންޑް އޮފް މާސީ) ގެ އެހީތެރިކަމާ އެކުގައެވެ.
ޣައްޒާ ސިޓީގެ އުތުރުގައި އޮންނަ ޝެއިޚް ރަޟްވާން އަވަށުގައި ހުރި ހަލާކުވެފައިވާ އިމާރާތްތަކުގެ ކުނިބުނީގެ ތެރެއިން، އަރިއަޅާލާފައިވާ ކޮންކްރީޓް ފާރެއްގައި މި ކުރެހުން ކުރަހާފައިވަނީ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ވޭނާއި ދަތިތަކާ މެދު ހިމޭނުން ހުންނަން ދެކޮޅުހަދައި އުއަޓާރާ ދެއްކި ސާބިތުކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މި ތަސްވީރުގައި އުއަޓާރާގެ ސޫރައާ އެކު ބެޝިކްތާޝް ކްލަބުގެ ނިޝާން ހިމަނާފައިވާއިރު، ފަސްފަހަތުން ފަލަސްތީނާއި ތުރުކީވިލާތުގެ ދިދައިގެ ކުލަތައް ވަނީ އެކުލަވާލާފައެވެ.
މި ކުރެހުމުގައި އުއަޓާރާ ސިފަކޮށްދީފައިވަނީ އޭނާގެ އެއް އަތް އަނގަމަތީގައި އަޅައިގެން ހުރެ، އަނެއް އަތުގެ އިނގިލިތަކުން ބޮލުގެ އެއްފަރާތަށް އިޝާރާތްކުރާ މަންޒަރެވެ. މިއީ ހިސާރުކޮށްފައިވާ ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ މެދު ހިމޭނުން ތިބުމާ ދެކޮޅަށް އޭނާ ދައްކުވައިދިން ރަމްޒީ ހަރަކާތެކެވެ.
މިފަދަ ތަސްވީރެއް ކުރެހުމުގެ އިސްނެގުމެއް ފަންނާނުން ނެގީ، ބެޝިކްތާޝް އާއި އިސްރާއީލުގެ ހަޕޮއެލް ބިއާ ޝެވާ ބައްދަލުކުރި މެޗެއްގެ ތެރޭގައި ފަލަސްތީނުގެ ދިދަ އުފުލައި، އެ ރައްޔިތުންގެ ތަކުލީފުތަކާ މެދު ހިމޭނުން ހުރުމާ ދެކޮޅަށް އުއަޓާރާ ދެއްކި އެއްބައިވަންތަކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
މި ކުރެހުން ނިމިގެން ދިޔުމާ އެކު، ތުރުކީގެ ޖަމިއްޔާގެ ވޮލަންޓިއަރުންނާއި އެ ސަރަހައްދުގެ އާންމު ރައްޔިތުންނާއި ކުޑަކުދިން ވަނީ އެ މުރާލު ކައިރިއަށް އެއްވެފައެވެ. އަދި އެ ސަރަހައްދުގައި ހުރި ހަލާކުވެފައިވާ އިމާރާތްތަކުގެ މަތީގައި ފަލަސްތީނާއި ތުރުކީވިލާތުގެ ދިދަތައް ވަނީ ނަގާފައެވެ.
މީގެއިތުރުން، އެތަނަށް އެއްވި ފަލަސްތީނުގެ ކުޑަކުދިން ވަނީ ބެޝިކްތާޝް ކްލަބުގެ ނިޝާން ޖަހާފައިވާ ބޯޑުތަކާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އުއަޓާރާ ވެދިން އެއްބާރުލުމަށް ޝުކުރާއި ތައުރީފުގެ މެސެޖުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިބެ އުފާފާޅުކޮށްފައެވެ.
ނޮވެމްބަރު 26 ގައި ޖޯޖިއާގެ ބަތޫމީގައި، އިސްރާއީލުގެ ހަޕޮއެލް ބިއަރ-ޝެވާ އަތުން ތުރުކީގެ ފުޓުބޯޅަ ކުލަބު ބެޝިކްތާޝް 1-2 އިން މޮޅުވި މެޗު ނިމުމުގެ ފަހު ކަށިގަނޑު ފުމެލުމާއެކު، ބެޝިކްތާޝްގެ ކުޅުންތެރިޔާ ކަސޫމް އުއަޓާރާ ވަނީ ދަނޑުމަތީގައި ފަލަސްތީނުގެ ދިދަ ނަގައި އުފުލާލާފައެވެ.
އޭނާގެ މި ވަރުގަދަ ހަރަކާތަކީ ފަލަސްތީނުގެ ރައްޔިތުންނަށާއި، އަދި އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް އަޑުއުފުލައި ފަލަސްތީނުގެ ދިދަ ވިހުރުވުމުގެ ސަބަބުން ޖޯޖިއާގެ ފުލުހުންގެ ހަރުކަށި ފިޔަވަޅުތަކާ ކުރިމަތިލާން ޖެހުނު ސްޓޭޑިއަމްގެ ސަޕޯޓަރުންނަށް ސީދާ އެއްބާރުލުން ދިނުމުގެ ގޮތުން ދައްކުވައިދިން ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!