އެމެރިކާ އަދި އިޒްރޭލުން އީރާނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދިން ފަހުން، އެމެރިކާގެ ސިފައިންނާ ދެކޮޅަށް އީރާނުން ދިން ހަމަލާތަކުގައި ޓްރިލިއަނަރު އީލޮން މަސްކްގެ ސްޕޭސް އެކްސްޕްލޮރޭޝަން ޓެކްނޮލޮޖީސް ކޯޕަރޭޝަން (ސްޕޭސްއެކްސް) ކުންފުނީގެ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ބޭނުންކޮށްފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފިއެވެ.
ހޮނިހިރު ދުވަހު ޝާއިއުކުރި މި ރިޕޯޓުގައި އެ ނޫހުން މިކަން ހާމަކޮށްފައިވަނީ މައުލޫމާތު އެނގޭ އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީއެވެ.
ސްޕޭސްއެކްސްގެ އެތެރޭގެ މަޝްވަރާތައް އެނގޭ ދެ ފަރާތަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނީ، އެމެރިކާ ސިފައިންނާ ދެކޮޅަށް އީރާނުން ކުރިއަށްގެންދިޔަ ހަރަކާތްތަކާ ގުޅުންހުރި ގޮތަކަށް، ހުއްދަނެތި ސްޓާލިންކް ބޭނުންކުރި ދެ ހާދިސާއެއް އެ ކުންފުނީގެ ޓީމަށް ފާހަގަކުރެވުނު ކަމަށެވެ. އަދި މިކަން އެނގުމުން އެ ކުންފުނީގެ ސީއީއޯ އީލޮން މަސްކް ވަރަށް ބޮޑަށް ރުޅިގަދަވި ކަމަށްވެސް އެ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.
މީގެއިތުރުން، އެމެރިކާގެ އަސްކަރިއްޔާއިން އެއްކޮޅަށް ދަތުރުކުރާ "ވަން-ވޭ" ޑްރޯންތައް އުދުއްސުމަށް، ސްޓާލިންކްގެ އަސްކަރީ ވާޝަން ކަމަށްވާ "ސްޓާޝީލްޑް" ބޭނުންކޮށްފައިވާކަން ވެސް މަސްކަށް ވަނީ އެނގިފައެވެ. ނަމަވެސް އެމެރިކާ ސިފައިން އެކަން ކޮށްފައިވަނީ އެއްގަމު އޮޕަރޭޝަންތަކަށް ޚާއްސަކޮށްފައިވާ އަގުހެޔޮ ޕްލޭނެއްގެ ދަށުން ކަމަށް ވޮޝިންޓަން ޕޯސްޓަށް މައުލޫމާތު ދިން ފަރާތަކުން ބުންޏެވެ. މި ތުހުމަތުތަކާ ގުޅިގެން ސްޕޭސްއެކްސް އަދި އީރާނުގެ ފޮރިން މިނިސްޓްރީން ރޮއިޓާސްގެ ސުވާލުތަކަށް ވަގުތުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
އީރާނުގެ އަސްކަރިއްޔާއިން ސްޓާލިންކް ބޭނުންކުރި ގޮތުގެ ތަފުސީލުތައް ހިމަނައި، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތަށް ސިއްރު ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށްވެސް ވޮޝިންޓަން ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ރޮއިޓާސްއަށް ދިން ބަޔާނަކާ ހަވާލާދީ އެ ނޫހުން ބުނީ، މި މައުޟޫއާ ގުޅޭގޮތުން ޑިފެންސް ސެކްރެޓަރީގެ އޮފީހަށް އެފަދަ ރިޕޯޓެއް ލިބިފައިވާކަން އެ އިދާރާއަށް އެނގިފައި ނުވާ ކަމަށެވެ.
ދުނިޔޭގެ ސިޔާސީ އަދި އަސްކަރީ ހަމަނުޖެހުންތައް ހިނގާ ސަރަހައްދުތަކުގައި ސްޓާލިންކް ބޭނުންކުރުމާއި، އެމެރިކާ ސަރުކާރުން އެ ޚިދުމަތް ކޮންޓްރޯލްކުރާ މިންވަރާއި، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ފަރާތްތަކުން ޣައިރުގާނޫނީ ގޮތެއްގައި މި ވަސީލަތް ބޭނުންކުރާ މައްސަލައަކީ ޔޫކްރެއިން އަދި އީރާނުގެ ހަނގުރާމައިގެ ތެރޭގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ކަމެކެވެ. އީރާނުގައި ސްޓާލިންކްގެ ޚިދުމަތް ދިނުމުގެ ރަސްމީ ލައިސަންސެއް ނެތް ނަމަވެސް، އެ ގައުމުގައި މި ޚިދުމަތް އެކްޓިވްކޮށް ހުރި ކަމަށް މަސްކް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އީރާނުގެ އެތެރޭގައި ހަމަނުޖެހުންތައް އުފެދޭ ދަނޑިވަޅުތަކުގައި، އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އާންމުންނަށް އިންޓަނެޓްގެ ޚިދުމަތް މެދުކަނޑާލައެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން އަޑީގައި ތިބެގެން އީރާނުގައި ކުރުވި މުޒާހަރާތަކާ ގުޅިގެން އިންޓަނެޓް ކަނޑާލުމުން، އެމެރިކާ ސަރުކާރުން ވަނީ ސްޓާލިންކްގެ އެތައް ހާސް ޓާމިނަލެއް ސިއްރިއްޔާތުގައި އެ ގައުމަށް އެތެރެކޮށްފައި ކަމަށް ވޯލް ސްޓްރީޓް ޖާނަލްގައި ރިޕޯޓްކޮށްފައިވެއެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް މިހާރު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތައް ފެށި ފަހުން، އީރާނު ސަރުކާރުން ދަނީ އެ ގައުމުގެ އިންޓަނެޓްގެ ޚިދުމަތްތައް ނުހަނު ވަރުގަދައަށް ކޮންޓްރޯލް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!