" މާުޔާއަށް އަހަރެންދެކެ ލޯބިވެވުމުގެ ކުރިން، އާއިޒް އެނބުރި އަތުވެއްޖެއްޔާ މާޔާ އޭނަ ކައިރިއަށް ދާނަމޭ ބުނި ހަނދާން އެބަހުރި. ދެން އަހަރެން އަހާލާ ހިތްވަނީ، އާއިޒް އެނބުރި އެ އައި އިރު މާޔާ، އަހަރެންދެކެ ލޯތްބެއް ނުވޭތަ؟" މާޔާއަށް ފުރަގަސްދީގެން ހުރެ، ނަޖާހު ސުވާލުކުރިއެވެ.

ހުއްޓުންއަރާފައި ހުރި މާޔާއަށް އިސްޖަހާލެވުނެވެ.

" ނަޖާ! އަހަރެން ގަސްތުގައި ނަޖާ ދެރަކުރާކަށް ބޭނުމެއް ނޫން. އެކަމަކު... އަހަރެންގެ ޝަރުޠާއެއްގޮތަށް އަހަރެން ބޭނުންވަނީ އާއިޒް ކައިރަށް... ދާން." މަޑުމަޑުން މާޔާ ބުނެލި ޖުމްލަ ނަޖާހުގެ ކަންފަތަށް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ.

ނަޖާހުއަށް ބާރަށް ދެ ލޯ މަރާލެވުނެވެ. އެތެރެއަށް ލީ ނޭވާ، ހިފަހައްޓާލައިގެން އޭނާއަށް ހުރެވުނީ އިތުރަށް ނޭވާ ލާން ވެސް ބޭނުން ނުވެފައެވެ. ލިބުނު ކުޑަކުޑަ އުއްމީދާއެކު ދެކުނު ހުވަފެންތައް ވިއްސިވިހާލިވެގެން ދިޔުމުން އޭނާގެ ނާޒުކު ހިތަކަށް ކުޅަދާނައެއް ނުވިއެވެ.

" އޯކޭ. " މަޑުމަޑުން ނަޖާހު ބުނެލިއެވެ.

" ނަޖާ. ސޮރީ." ކުރަކިވެފައިވާ އަޑަކުން މާޔާ ބުންޏެވެ.

ނަމަވެސް ބަހެއް ބުނުމެއްނެތި ނަޖާހު އަދިވެސް ހުރީ ހުރި ފިޔަވަޅުމަތީގައެވެ.

" ކޮންމެވެސް އެއްޗެއް ބުނެބަލަ. އަހަރެންދެކެ ރުޅި އައީތަ؟" އަނެއްކާ ވެސް މާޔާ ބުންޏެވެ.

" ނޫން. ރަނގަޅީ މިތަނުން ދިޔައްޔާ." ނަޖާހު ބުންޏެވެ.

އެއާއެކު މާޔާގެ ދެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. މަޑުމަޑުން ފަހަތަށް ފިޔަވަޅެއް ނެގުމަށްފަހު އޭނާ އެނބުރި ދުއްވައިގަތީ ސިޑިއާ ދިމާލަށެވެ.

މާޔާ ދިޔަކަން ޔަޤީންވުމާއެކު ނަޖާހު މަޑުމަޑުން ފަހަތަށް އެނބުރި ބަލައިލިއެވެ. އޭރު އޭނާގެ ދެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ. މާޔާއަށްޓަކައި ހިތުގައި ބިނާކުރަމުންދިޔަ ގަނޑުވަރު ބިމާ ހަމަވީކަން އޭނާއަށް ޔަޤީންކުރެވުނީ މާޔާ އެ ތަނުގައި ނެތީމައެވެ. ޙަޤީޤަތުގައި ވެސް މާޔާ އޭނާ ދޫކޮށް ދިޔަކަން ޤަބޫލުކުރެވުނީމައެވެ. އަދި އޭނާގެ ނަސީބުގައި މާޔާ ނެތްކަން އޭނާގެ ހިތް ވިސްނައިދިނީމައެވެ.

މާޔާގެ އިންތިޒާރުގައި ސޯފާގައި އިން ޒިމްނާ ސިހުނީ ކުއްލިއަކަށް ގެއަށް ވަތް މާޔާގެ ޙާލު ފެނުމުންނެވެ. ރޮއިރޮއި ވަރުބަލިވެފައި ހުރި މާޔާ ބާރު ބާރަށް ގޮސް ޒިމްނާގެ އުނގުމައްޗަށް ވެއްޓި ގިސްލާންފެށިއެވެ.

" މާޔާ. ހަމަޖެހިބަލަ ފުރަތަމަ. ނުރޮއިބަލަ." މާޔާގެ ބޮލުގައި ފިރުމަމުން ޒިމްނާ ބުންޏެވެ.

ނަމަވެސް ޒިމްނާގެ އުނގުގައި ބޯ އަޅައިގެން އޮވެ ހިތްފުރެންދެން މާޔާ ދިޔައީ ރޮމުންނެވެ.

" މިހާރު ނަޖާހު ކައިރީ ބުނީދޯ؟" ޒިމްނާ އެހިއެވެ.

މާޔާ ބޯ ޖަހާލިއެވެ.

" އޭނަ... އޭނަ ބުނީ އަހަރެން ކައިރީ، ދެން ދާށޯ." މާޔާގެ އަޑު ބެދިއްޖެއެވެ.

" ދެން އެހެންދޯ އޭނައަށް ބުނެވޭނީ. ދާން ބޭނުންމީހަކު ނުހިފެހެއްޓޭނެ އެއްނު. ދެން ކީއްވެ ތި ރޮނީ؟" ޒިމްނާ އެހިއެވެ.

މާޔާ މަޑުމަޑުން ޒިމްނާގެ އުނގުމަތިން ތެދުވެ ސޯފާގައި ބުރަކަށި ޖައްސާލިއެވެ.

" ނޭނގެ. ހިތްބިރުގަންނަނީ. ބައެއް ފަހަރު ހިތަށް އަރާ އަހަރެންގެ މި ނިންމުމަކީ ރަނގަޅު ނިންމުމެއްބާއޭ." މާޔާ ބުންޏެވެ.

ޒިމްނާ އިނީ މާޔާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެ މޫނުމަތީގައިވާ އަސަރުތައް ޒިމްނާއަށް ވަރަށް ރަނގަޅަށް ފެނުނެވެ. މާޔާ ހިތުގައި ޖެހިފައިވާވަރު ވެސް އޭނާގެ މޫނުން ސާފުކޮށް ފެނެއެވެ.

" ހިތާދެކޮޅަށް ނިންމި ނިންމުމެއް ދޯ؟" ޒިމްނާ އެހިއެވެ.

" ތިއެއް ވެސް ނޭނގެ. އާއިޒް ފެނުނީމަ، އާއިޒާ ދުރަށް ދާކަށް ބޭނުމެއް ނުވި. ނަޖާ ކައިރިއަށް އައިސް ނަޖާ ދޫކޮށްލާ ހިތެއްނުވި. އަހަންނަށް ކިހިނެއް ވެފައިތަ މި ހުރީ ޒިމް؟ މިއީ ހާދަ ބޮޑު އިމްތިޙާނެކޭ. " މާޔާ ބުނެލިއެވެ.

އެ ވަގުތު ޒިމްނާ ހިނިތުންވެލިއެވެ.

" ދެ މީހުންދެކެ ވެސް ލޯބިވެވުނީމަ ވާނީ ތިހެން." ޒިމްނާގެ އެ ޖުމްލައިގެ ތެރެއަށް މާޔާއަށް ފީނައިގަނެވުނެވެ.

" ދެ މީހުންދެކެ ލޯބި ވިއްޔޭ؟ ނޫން ޒިމް! ތިހެން ނުބުނެބަ! ތިއީ އަހަރެން ޤަބޫލު ކުރާކަމެއް ނޫން. އެއް ހިތަކަށް ދެ މީހުންދެކެ ލޯތްބެއް ނުވެވޭނެ. އަހަންނަކީ ތި ހީކުރާ ކަހަލަ މީހެއް ނޫނޭ. " މާޔާ ބުންޏެވެ.

އެއާއެކު ޒިމްނާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. އަދި މަޑުމަޑުން އޭނާ މާޔާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.

" ފުރަތަމަ ތި އަމިއްލަ ނަފްސު ކުށްވެރިކުރުން ހުއްޓާލަބަލަ! ކޮންމެ ކަމެއްވިޔަސް ތިމާގެ ނަފްސު ދިފާޢުކުރަން ޖެހޭނެ. " ޒިމްނާ ވާހަކަ ދައްކަން ފެށުމާއެކު ކުޑަކުއްޖަކު ފަދައިން މާޔާ ޒިމްނާގެ މޫނަށް ބަލައިލީ އާދޭހާއެކުއެވެ.

" އަހަރެމެންގެ ހިތަކީ އަބަދު އެއް އުޞޫލަކަށް ނޫނީ އެއް ޤަވާޢިދަކަށް ހިނގާނެ އެއްޗެއް ނޫނޭ. އެ ހިތް ކަނޑައަޅާ ގޮތަކީ ބަދަލު ނުވާނެ އެއްޗެއް ވެސް ނޫން. މާޔާއަށް ތި ވާ ގޮތް، ތި ކުރެވޭ އިޙްސާސްތައް އަހަންނަށް އެނގެޔޭ." ޒިމްނާ ވާހަކަ ދެއްކީ ނުހަނު ލޯތްބާއެކުއެވެ.

" އާއިޒަކީ މާޔާގެ ފުރަތަމަ ލޯބި. އެއީ އެތައް ދުވަހެއްގެ ފޮނި ހަނދާންތަކާ ގުޅިފައިވާ މީހެއް. އޭނަ ކުރިމަތީ ހުންނައިރު އެ ހަނދާންތަކާ ދިމާލަށް ހިތް ދަތުރު ކުރާނެ. އެ ހަނދާންތައް އާވާނެ. އެ ހަނދާންތައް ފޮހެލުމަކީ ފަސޭހަކަމަކަށް ނުވާނެ. ދެން ހުރީ ނަޖާ. އެއީ މާޔާގެ އެންމެ ހިތްދަތި، އުނދަގޫ ދުވަސްތަކުގައި ތި މޫނަށް ހިނިތުންވުން ގެނެސްދީ، އުފާވެރިކަން ގެނުވި މީހާ. ކެއަރކޮށް، މާޔާގެ ކަންތައްތައް އެންމެ ގާތުން ބެލެހެއްޓިމީހާ، މާޔާގެ ޙަޔާތް އަނދިރިވެފައިވަނިކޮށް، އަލިކޮށްދިން މީހާ. ނަޖާގެ އަޅާލުމާއި ރައްކާތެރިކަމަށް އަދިވެސް މާޔާ ބޭނުންވާނެ. އެ ކަންކަމަށް އަދިވެސް ތި ހިތް އެދޭނެ. "

ޖުމްލައަކަށްފަހު ޖުމްލައެއް ޒިމްނާ ދޫކުރަމުން ދިޔައީ ނުހަނު ލަސްލަހުންނެވެ. ޒިމްނާގެ ވާހަކަތައް އަޑުއަހަން އިން މާޔާއަށް ވަރުބަލިކަމާއެކު ފުންނޭވާއެއް ދޫކޮށްލެވުނީ ހަމަ ރަނގަޅަށް ވެސް ހަދާނެގޮތް ނޭނގިގެންނެވެ.

" ދެން އަހަރެން ކިހިނެއް ހަދަންވީ؟ ޝަރުޠުކަނޑައަޅާފައި އަަހަރެންގެ ޙަޔާތަށް ނަޖާ ގެނައީ މި ދުވަސް ފެންނާނެކަމަށް ނޫން. އެ އޯގާތެރިކަމަށް ޚިޔާނާތްތެރިވާކަށް ވެސް ބޭނުމެއް ނޫން. ހަމަ އެގޮތަށް، އާއިޒްގެ އެ ވާހަކަތަކާއި އެ ބަލައިލުން އަހަރެން ހަނދާންނައްތާލާނީ ކިހިނެއް؟" މާޔާ ބުނެލިއެވެ.

ޒިމްނާ މަޑުމަޑުން މާޔާގެ މޫނުގައި ދެ އަތުން ހިފަހައްޓާލިއެވެ.

" މާޔާ! ކޮންމެވެސް އެކަކަށް ދެރައެއް ނުދީ މިކަމަކުން މާޔާއަކަށް ނުނިކުމެވޭނެ. އެކަމަކު ހަނދާން ކުރައްޗޭ. އެއްފަހަރާ ދެ ފިރިހެނުން ނުގެންގުޅެވޭނެކަން. ކޮންމެވެސް އެކަކު ޖެހޭނީ ދޫކޮށްލަން. އެ ނިންމުން ނިންމާނީ ހަމަ މާޔާ. ތިއީ މާޔާގެ ދިރިއުޅުން. މާޔާގެ މުސްތަޤްބަލް. އެ ތިބީ މާޔާދެކެ އިންތިހާއަށް ލޯބިވާ ދެ މީހުން. ރަނގަޅަށް ވިސްނާފަ ގޮތެއް ނިންމާ. " ޒިމްނާ ބުންޏެވެ.

އެއާއެކު މާޔާގެ ތުން ފިތިއްޖެއެވެ. އަނެއްކާ ވެސް އޭނާއަށް ރޮވިއްޖެއެވެ. އަވަސް އަވަހަށް ޒިމްނާގެ ގައިގައި ބައްދައިގަންނަމުން އަނެއްކާ ވެސް އޭނާ ރޯންފެށިއެވެ.

ޖެހިގެން އައި ދުވަހެވެ. މާޔާ އޮފީހަށް ދިޔައީ ޖެހިލުންވެ ހުރެއެވެ. ނަޖާހުއާ ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ކިބައިގައި ނެތްކަހަލައެވެ. އިރުއިރުކޮޅުން މާޔާއަށް ނަޖާހުގެ ގޮނޑިއާ ދިމާލަށް ބަލައިލެވެއެވެ. އޭނާ މިއަދު އޮފީހަށް ނާންނާތީ، މާޔާ ނުހަނު ކަންބޮޑުވެއްޖެއެވެ.

" އޭނަ ދެން ނާންނާނެ. ބަލާނެކަމެއް ނެތް." ފަހަތުން އިވުނު އަޑަށް މާޔާ ސިއްސައިގެން ދިޔައެވެ.

އޭރު ޒިމްނާ އައިސް މާޔާގެ ކައިރީ ހުއްޓިއްޖެއެވެ.

" އޮފީހުން ކެނޑެން ސިޓީ ފޮނުވައިފި." ޒިމްނާ ބުންޏެވެ.

" އޭނ؟ ދޮގެއް ދޯ!" ޖެހިލުންވެފައި މާޔާ ބުންޏެވެ.

" ތެދެކޭ. މާޔާ އާ ހެދި މި އޮފީހުގައި ރަނގަޅަށް މަސައްކަތްކުރާ ފިރިހެނެއް ވިއްޔާ އެބަ ކެނޑޭ." ސަމާސާއަކަށް ހަދާފައި ޒިމްނާ ބުނެލިއެވެ. ނަމަވެސް ޒިމްނާގެ ވާހަކަތަކަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓާ މާޔާ ގޮސް ޒިމްނާގެ އަތުގައި އޮތް ފައިލް ނެގިއެވެ. އަދި އަވަސް އަވަހަށް އެ ފައިލުގައި ހުރި ކަރުދާސްތަކަށް ނަޒަރު ހިންގާލިއެވެ.

" ދެން ނަޖާ ކީއްވެތަ؟ ފިރިހެނުން ހަމަ އެހާ ފިނޑިވާނެތަ ޒިމް؟" މާޔާ އެހިއެވެ.

" ލޯބީގަ ނާކާމިޔާބުވީމަ ބައެއް ފަހަރު ފިރިހެނުން ވެސް ފިނޑިވާނެ. މާޔާއަށް އެނގޭތަ މާޔާ ރަށުން އަންނަން ވާއިރަށް ނަޖާ ހާދަ ތައްޔާރީއެއްވިއޭ. ހާދަ ބޮޑު އަގެއް ދީފައޭ އެ ޓެރަސްވެސް ހިފީ. އޭނަގެ ބޭނުމަކީ ހަމައެކަނި މާޔާ އުފާކޮށްލުން. ހިތްހަމަޖައްސާލުން. އަހަރެން ވެސް ހުންނަނީ ހައިރާންވެފަ." ޒިމްނާ ކިޔައިދިނެވެ.

" އަހަރެން ވަރަށް ގޯސް ދޯ؟" މާޔާ އެހިއެވެ.

" މި ދުވަސް އައިސްދާނެތީ އަހަރެން އޭރު ވެސް ބުނީ ޝަރުޠު ކަނޑައަޅާފައި ރައްޓެހި ވާނެކަމެއް ނެތޭ. " ޒިމްނާ ބުނެލިއެވެ.

އެއާއެކު ކުއްލިއަކަށް މާޔާގެ ފޯނު ރިންގްވާން ފެށިއެވެ. ސްކްރީނުން ފެންނަން އޮތް އާއިޒްގެ ނަން ފެނި، މާޔާ އަވަސް އަވަހަށް ފޯނު ނެގިއެވެ.

" ކޮން އިރަކަށް އަންނަނީ؟" އާއިޒް އެހިއެވެ.

" އޮފީސް ނިންމާފަ ދާނަން." މާޔާ ބުނެލީ މަޑުމަޑުންނެވެ.

އޭރު ޒިމްނާ ހުރީ މާޔާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަހައްޓައިގެންނެވެ.

" މިރޭ ގެއަށް ދާންވެގެން މި އުޅެނީ." އާއިޒް ބުނެލިއެވެ.

" ދޫކޮށްލީތަ؟" މާޔާ އެހިއެވެ.

" އާނ. އަހަރެން ހީކުރީ މާޔާ މިއަދު އޮފީހަށް ނުގޮސް އަހަރެން ކައިރިއަށް އަންނާނެކަމަށް." އާއިޒް ބުނެލިއެވެ.

އެއާއެކު މާޔާ ކަންބޮޑުވިއެވެ.

" ޗުއްޓީ ހަމަވެގެންނޭ މި ނިކުތީ. " މާޔާ ދިނީ ކުރު ޖަވާބެކެވެ. އޭނާއަށް އިރުއިރުކޮޅުން ޒިމްނާގެ މޫނަށް ވެސް ބަލައިލެވެއެވެ.

" ދެން ބްރޭކް ގަޑީގައި އަންނަންވީނު." އަނެއްކާ ވެސް އާއިޒް ބުނެލިއެވެ.

" ތިހާ ދުރަށް ހިނގާފައިދާން އުނދަގޫވާނެ. އަހަރެން ދާނަން އޮފީސް ނިންމާފައި." މާޔާ ބުނެލިއެވެ.

" މާ ލަހޭ އެވަރު. އަހަރެން ބޭނުމީ މާޔާ އަހަރެން ކައިރީ ހުންނަން. " އާއިޒް ބުންޏެވެ.

" އާއިޒް. އަންޑަސްޓޭންޑް ވެބަލަ. އަހަރެން ދާނަމޭ." ކުޑަކުއްޖަކަށް ވިސްނައިދޭ ފަދައިން މާޔާ ބުންޏެވެ.

" ކައިވެނިކުރަން ފޯމް ނަގަންތަ؟ އަހަރެން މިހާރު ބޭނުމެއް ނޫން ލަސްކުރާކަށް. ދެވަނަ ފަހަރަށް މާޔާ ގެއްލޭކަށް އަހަރެން ބޭނުމެއް ނޫން." އާއިޒް ބުންޏެވެ.

އެއާއެކު މާޔާއަށް ތެޅިގަނެވުނެވެ. މީހާ ހާސްވެއްޖެއެވެ.

" އޫމް؟ ކައިވެނި؟ ހާދަ އަވަހަކަށް. " މާޔާއަށް ބުނެވުނެވެ.

" އަވަސްތަ؟ އަހަރެމެން ކުރިން ވެސް އުޅުނީ ކައިވެނި ކުރާކަށްނު. އެ ހިސާބުން އަލުން ފަށަން އުޅޭ." އާއިޒް ބުންޏެވެ.

" އަހަރެން ވިސްނާލަން ބޭނުން." މާޔާ ބުންޏެވެ.

" ތި ބުނީ؟ ކައިވެންޏާ މެދު ވިސްނަނީ ކީއްކުރަން؟" އާއިޒް އެހިއެވެ.

" އަދި ވަގުތުކޮޅެއް ބޭނުން." މާޔާގެ ވާހަކައިން އާއިޒް ކަންބޮޑުވެއްޖެއެވެ.

" ކޮން ވަގުތެއް އިތުރަށް ބޭނުމީ؟ އަހަރެމެންނަށް މިހާރު ވެސް ކިހާ ވަގުތެއް ބޭކާރު ކުރެވިއްޖެތަ މާޔާ. އަހަރެން ދެން ބޭނުމެއް ނޫން އެންމެ ވަގުތުކޮޅެއް ވެސް ބޭކާރު ކޮށްލާކަށް." އާއިޒް އަވަސްއަރުވާލިއެވެ.

" އޮފީސް ނިންމާފައި ގޮސް ހަމަޖެހިގެން ތި ވާހަކަ ދައްކާނީ. މި ވަގުތު ބިޒީ ވެސް ވެއްޖެ." ފޯނު ބާއްވަން ބޭނުން ވެގެން މާޔާ ބުނެލިއެވެ.

" އަންނާތި އަވަހަށް." އާއިޒް އާދޭހުގެ ރާގަކަށް ބުނެލިއެވެ. އާނއެކޭ ބުނެ މާޔާ ފޯނު ކަނޑާލުމާއެކު ކިހިނެއްވީތޯ ޒިމްނާ ސުވާލުކުރިއެވެ.

" އާއިޒް ބޭނުންވަނީ ވަރަށް އަވަހަށް ކައިވެނި ކުރަން. " މާޔާ ބުނެލިއެވެ.

" ދެން؟ " ޒިމްނާ އެހިއެވެ.

މާޔާއަށް ދެ ކޮނޑުހިއްލާލެވުނީ ނޭނގެއޭ ބުނާފަދަ ގޮތަކަށެވެ.

" އެއްވެސް މީހަކާ ހިއްސާކުރުމެއްނެތި އަމިއްލައަށް ނިންމި ނިންމުމެއްތީ. އެންމެ ކުޑަމިނުން އަހަރެން ކައިރީ ބުނެލިނަމަ. އާއިޒް، ނަފްސާނީ ބައްޔަށް ފަރުވާކުރާތީ އެކަމަށް ހަމްދަރުދީވެގެން އެ ތަނަށް އަވަހަށް ތި ދިޔައީ. ދެން ދުވަހަކު ވެސް މާޔާއަށް އޭނަ ކައިރިން ސަލާމަތްވެވޭނެތަ؟ ދެން އޮންނާނެ ގޮތަކީ އާއިޒަކީ ބަލި މީހަކަށްވާތީ އޭނަގެ ޙާލަތަށް ވިސްނާފައި މާޔާ ތިހެން ތެޅުން. " ހިތްހަމަ ނުޖެހިގެން ޒިމްނާއަށް ބުނެވުނެވެ.

" ޒިމް! " އެއާއެކު މާޔާއަށް ވެސް ޒިމްނާދެކެ ރުޅި އާދެވުނެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.