އެމެރިކާގެ އިންޑިއާނާ ސްޓޭޓަށް ނިސްބަތްވާ ޔުނައިޓެޑް ފިޑެލިޓީ ބޭންކް، ގާތްގަނޑަކަށް 5.9 ބިލިއަން ޑޮލަރުގެ އެސެޓާ އެކު ބަނގުރޫޓުވެ، އެ ބޭންކުގެ ހިންގުން އެމެރިކާގެ މާލީ އިދާރާތަކުން ހުއްޓުވައިފިއެވެ.
މިއީ ވޭތުވެދިޔަ ދެ އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި އެމެރިކާގައި ބޭންކެއް ބަނގުރޫޓުވި އެންމެ ބޮޑު ހާދިސާއެވެ. ފެޑެރަލް ރެގިއުލޭޓަރުން އެ ބޭންކުގެ ހިންގުން ހުއްޓުވައި ބަންދުކޮށްފައި ވަނީ ހުކުރު ދުވަހުއެވެ.
އެމެރިކާގެ އޮފީސް އޮފް ދަ ކޮމްޕްޓްރޯލަރ އޮފް ދަ ކަރަންސީ (އޯސީސީ) އިން ބުނީ، އެ ބޭންކު ބަންދުކުރަން ނިންމީ ބޭންކުގެ ހާލަތު ރައްކާތެރި ނޫން އަދި ދުޅަހެޔޮ ނޫން ފައްތަރަކަށް ވެއްޓި، މާލީ ޒިންމާތައް އަދާކުރެވޭ ފަދަ ގާބިލުކަމެއް ނެތުމުން ކަމަށެވެ. އަދި ބޭންކުގެ ހުރިހާ ކަމެއް ބެލެހެއްޓުމަށް ރިސީވަރެއްގެ ގޮތުގައި ފެޑެރަލް ޑިޕޮސިޓް އިންޝުއަރެންސް ކޯޕަރޭޝަން (އެފްޑީއައިސީ) ވަނީ ހަމަޖައްސައިފައެވެ.
މި ބޭންކު ބަންދުކުރުމާ ގުޅިގެން، އެމެރިކާގެ ރަލީއަށް ނިސްބަތްވާ ފަސްޓް ސިޓިޒެންސް ބޭންކުން ވަނީ ޔުނައިޓެޑް ފިޑެލިޓީގެ ޑިޕޮސިޓްތަކާއި ލޯނުތަކާ ހަވާލުވުމަށް އެއްބަސްވެފައެވެ. އެ އެއްބަސްވުމުގެ ދަށުން، ޔުނައިޓެޑް ފިޑެލިޓީގެ ޖުމްލަ 5.4 ބިލިއަން ޑޮލަރުގެ ޑިޕޮސިޓްގެ ތެރެއިން ގާތްގަނޑަކަށް 4.5 ބިލިއަން ޑޮލަރާ ފަސްޓް ސިޓިޒެންސް އިން ހަވާލުވާނެއެވެ. މީގެ އިތުރުން އެ ބޭންކުގެ 3.1 ބިލިއަން ޑޮލަރުގެ ލޯނު ޕޯޓްފޯލިއޯ، ގާތްގަނޑަކަށް 2.6 ބިލިއަން ޑޮލަރުގެ ޑިސްކައުންޓަކާ އެކު ގަތުމަށް ވެސް ވަނީ އެއްބަސްވެފައެވެ. ފަސްޓް ސިޓިޒެންސް ބޭންކަކީ 2023 ވަނަ އަހަރު ބަނގުރޫޓުވި ސިލިކަން ވެލީ ބޭންކް ވެސް ގަތް ބޭންކެވެ.
ޔުނައިޓެޑް ފިޑެލިޓީ ބޭންކުން އިންޑިއާނާ، އިލިނޯއީ، ފްލޮރިޑާ، ކޮލޮރާޑޯ އަދި ޔޫއެސް ވާޖިން އައިލެންޑްސްގައި ހިންގަމުން އައި 22 ބްރާންޗެއް، ހޮނިހިރު ދުވަހުން ފެށިގެން ހުޅުވާނީ ފަސްޓް ސިޓިޒެންސްގެ ބްރާންޗުތަކުގެ ގޮތުގައެވެ. މި ބަދަލާ އެކު ވެސް، ކަސްޓަމަރުންގެ އިންޝުއަރކޮށްފައިވާ ފައިސާ، ޗެކާއި އޭޓީއެމް އަދި ޑެބިޓް ކާޑު މެދުވެރިކޮށް އެއްވެސް މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.
އެފްޑީއައިސީން އަންދާޒާކުރާ ގޮތުގައި މި ބޭންކު ބަނގުރޫޓުވުމުގެ ސަބަބުން އެ އިދާރާގެ ޑިޕޮސިޓް އިންޝުއަރެންސް ފަންޑަށް ގާތްގަނޑަކަށް 1.83 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެއެވެ. އަދި ބޭންކު އެހެން ފަރާތަކާ ހަވާލުކުރުމަށް ހެދި މުއާމަލާތުގެ ތެރެއިން ޔުނައިޓެޑް ފިޑެލިޓީގެ ބެލެނިވެރި ހޯލްޑިންގ ކުންފުންޏާއި އޭގެ ހިއްސާދާރުން ވަނީ އެއްކޮށް ބާކީކޮށްފައެވެ.
މިއީ 2026 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގައި ބަނގުރޫޓުވި ހަތްވަނަ ބޭންކެވެ. ނަމަވެސް މިއަހަރު މީގެ ކުރިން ބަންދުކުރި ހަ ބޭންކާ އަޅާބަލާއިރު މިއީ މާ ބޮޑު ބޭންކެކެވެ. ކުރިން ބަންދުކުރި ބޭންކުތަކުގެ އެސެޓްގެ އަގު ހުރީ 3.7 މިލިއަން ޑޮލަރާއި 736 މިލިއަން ޑޮލަރާ ދެމެދުގައެވެ. ޔުނައިޓެޑް ފިޑެލިޓީ ބޭންކް ފިޔަވައި އެންމެ ފަހުން މިފަދަ ބޮޑު ބޭންކެއް ބަނގުރޫޓުވީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އެއީ 6 ބިލިއަން ޑޮލަރުގެ އެސެޓާ އެކު ފިލަޑެލްފިއާގެ ރިޕަބްލިކް ފަސްޓް ބޭންކް ބަންދުކުރަން ޖެހުނު ހާދިސާއެވެ.
ބޭންކު ބަންދުކުރަން ޖެހުނު ސީދާ ސަބަބުގެ ތަފްސީލު ރެގިއުލޭޓަރުން ހާމަކޮށްފައި ނުވި ނަމަވެސް، މާލީ މާހިރުންނާއި ބޭންކިންގ ރިޕޯޓްތަކުން ދައްކާ ގޮތުގައި މި މައްސަލަ ކުރިމަތިވީ ވިޔަފާރި އަދި މަލްޓި-ފެމިލީ ރިއަލް އެސްޓޭޓް ލޯނުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމުންނެވެ. ފާހަގަކޮށްލެވޭ ކަމަކީ، ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ޔުނައިޓެޑް ފިޑެލިޓީ ފުޅާވެފައި ވަނީ ވެސް، 2014 އާއި 2020 އާ ދެމެދު އެފްޑީއައިސީން ބަންދުކުރި ބޭންކުތަކުގެ ތެރެއިން މަދުވެގެން ފަސް ބޭންކެއް ގަނެގެން ކަމަށް ވާތީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!