ކޮންކާކަފް ޑަބްލިއު ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލުގައި ހޮނިހިރު ދުވަހު ހައިޓީގެ މައްޗަށް 4-2 އިން ކުރިހޯދައި، 2027 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕާއި 2028 ވަނަ އަހަރުގެ އޮލިމްޕިކްސް އިން މެކްސިކޯ ޖާގަ ކަށަވަރުކޮށްފިއެވެ.

މެކްސިކޯ އިން ސެމީ ފައިނަލަށް ދަތުރުކުރި މި މެޗުގައި އެ ޓީމުގެ ލިޒްބެތު އޮވާޔޭ ވަނީ މޮޅު ކުޅުމެއް ދައްކައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 13 ވަނަ މިނެޓުގައި މެކްސިކޯ އަށް ލީޑު ނަގައިދިނީ އޮވާޔޭ ނަގައިދިން ދުރު ބޯޅައަކުން ޑަޔާނާ އޮރްދޯނިއޭޒް ބޮލުން ޖެހި ލަނޑުންނެވެ. އޭގެ ފަހުން 22 ވަނަ މިނެޓުގައި ހައިޓީގެ މެލްޗީ ޑުމޯނޭ އަށް އޭރިއާ ތެރެއިން ރެބެކާ ބަރނާލް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ، މެކްސިކޯގެ ކީޕަރު އެސްތެފަނީ ބަރޭރާސް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ހައިޓީން ވަނީ މެޗުގެ 31 ވަނަ މިނެޓުގައި އޭރިއާ ބޭރުން ބްރިޓަނީ ރަފީނޯ ފޮނުވާލި ބޯޅައަކުން ނަތީޖާ އެއްވަރުކޮށްފައެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އޭރިއާގެ ބޭރުން އޮވާޔޭ ޖެހި ވާތުފައިގެ މޮޅު ލަނޑުން މެކްސިކޯ އަލުން ކުރިހޯދިއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މަރިކަރމެން ރޭޔެސް ޖެހި ލަނޑާއެކު މެކްސިކޯ އިން ހާފު ނިންމާލީ 3-1 ގެ ލީޑަކާއެކުގައެވެ.

މެޗުގެ ދެވަނަ ހާފުގައި، 59 ވަނަ މިނެޓުގައި ކެތްނާ ލުއިސް ހިލޭ ޖެހުމަކުން ކާމިޔާބުކުރި ލަނޑުން ހައިޓީން ފަރަގު ކުޑަކުރިއެވެ. އެހެން ނަމަވެސް 73 ވަނަ މިނެޓުގައި އޮވާޔޭ ފޮނުވާލި ހިލޭ ޖެހުން ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ގޯލުގެ ތެރެއަށް ވަދެ، މެކްސިކޯ އިން މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކުރިއެވެ. މެޗު ނިމުމުގެ ކަށިގަނޑާއެކު އުފަލުން ރޮވުނު އޮވާޔޭ ބުނީ، މިއީ ބަޔާންކުރަން ދަތި އިހުސާސެއް ކަމަށާއި މިއަދު އެ ޓީމުގެ ފެންވަރު ސާބިތުކޮށްދެވިއްޖެ ކަމަށެވެ.

ދުނިޔޭގެ ރޭންކިންގެ 28 ވަނައިގައި އޮތް މެކްސިކޯ އިން ފާއިތުވި ދެ ވޯލްޑް ކަޕް ގެއްލުމަށް ފަހު އަލުން މި ހޯދި ކުރިއެރުމުގައި، އެ ގައުމުގެ ޑޮމެސްޓިކް ލީގު ކަމަށްވާ "ލީގާ އެމްއެކްސް ފެމެނިލް" ގެ ދައުރު ބޮޑެވެ. މެކްސިކޯގެ ކޯޗު ޕެޑްރޯ ލޮޕޭޒް ބުނީ މިއީ ބުރަ މަސައްކަތާއި ބޮޑެތި އުއްމީދުތަކުގެ ނަތީޖާ ކަމަށާއި، މި ކާމިޔާބީން ދައްކުވައިދެނީ މެކްސިކޯގެ ކްލަބުތަކާއި ކޯޗުން ކުރަމުންދާ މަސައްކަތް ކަމަށެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުން މޮޅުވި ހަތަރު ޓީމު ކަމަށްވާ މެކްސިކޯ، ކެނެޑާ، އެމެރިކާ އަދި ޖެމެއިކާ އަށް ވަނީ ބްރެޒިލްގައި އޮންނަ ވޯލްޑް ކަޕުން ޖާގަ ލިބިފައެވެ. އަދި މުބާރާތުގެ ގަދަ ތިން ޓީމަށް ލޮސް އެންޖެލިސް އޮލިމްޕިކްސް އިން ފުރުސަތު ލިބޭއިރު، އެމެރިކާ އަކީ މުބާރާތް ބާއްވާ ގައުމު ކަމަށްވާތީ ކުރިން ޖާގަ ކަށަވަރުވެފައި އޮތުމުން، ސެމީއަށް ދިޔަ އަނެއް ތިން ޓީމަށް ވެސް ވަނީ އޮލިމްޕިކްސްގެ ޖާގަ ލިބިފައެވެ.

ޓެކްސަސް ހެލްތު މެންސްފީލްޑް ސްޓޭޑިއަމްގައި ޕެނަމާ 4-0 އިން ބަލިކުރި ކެނެޑާއާ ދެކޮޅަށް މެކްސިކޯ ސެމީ ފައިނަލުގައި ކުޅެން ހަމަޖެހިފައިވާއިރު، ރޭންކިންގެ 48 ވަނައިގައި އޮތް ހައިޓީ އާއި ކުއާޓާ ފައިނަލުން ބަލިވި އަނެއް ޓީމުތަކަށް އިންޓަރކޮންޓިނެންޓަލް ޕްލޭއޮފް މެދުވެރިކޮށް ވޯލްޑް ކަޕަށް ދިއުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.