ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގެ ތެރެއިން، އައްޑޫ ހުޅުދޫ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.
މިއަދު ކުރިއަށްދިޔަ މި އިންތިހާބުގައި ޕީއެންސީގެ ފަރާތުން މި ގޮނޑި ކާމިޔާބުކުރެއްވީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓް ފާތިމަތު ނަބާހާއެވެ.
އައްޑޫ ހުޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގައި ނަބާހާ ވާދަކުރެއްވީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓާ ދެކޮޅަށެވެ. އެމްޑީޕީގެ ފަރާތުން މި ގޮނޑިއަށް ވާދަކުރެއްވީ ފާތިމަތު މުނީރެވެ.
ހުޅުދޫގެ އިތުރުން ވެސް ހުސްވެފައިވާ ބައެއް ދާއިރާތަކުގެ އިންތިހާބު މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ވ. ތިނަދޫ ކައުންސިލްގެ ރައީސް އާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑީގެ އިތުރުން، ހއ. ވަށަފަރުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއަށް މެންބަރުން އިންތިހާބުކުރުން ވެސް މިއަދު އޮތެވެ.
މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށްދިޔައީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. އިންތިހާބުގެ ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ޖުމްލަ 10 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. އެއީ އަތޮޅުތެރޭގެ ރަށްރަށުގައި ބެހެއްޓި 5 ވޯޓުފޮށްޓާއި، ގްރޭޓަރ މާލެ ސަރަހައްދުގައި ބެހެއްޓި 5 ވޯޓުފޮށްޓެވެ.
މިއަދު ކުރިއަށްދިޔަ އިންތިހާބުތަކުގައި ޖުމްލަ 3،776 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އަދި އިންތިހާބީ އެންމެހައި ހަރަކާތްތައް އަމާންކަމާއެކު އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގެ މަސައްކަތުގައި 81 އޮފިޝަލުން ހަރަކާތްތެރިވެފައިވެއެވެ.
ވަގުތީ ނަތީޖާތައް އިއުލާނުކުރުމަށް ފަހު، މި އިންތިހާބުތަކުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވާ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!