ޗައިނާގެ ގުއާންގްޝީ ޒުއާންގް އޮޓޮނޮމަސް ރީޖަންގެ ކުރީގެ ޗެއާމަން ލަން ޓިއަންލީ، 87 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ ރިޝްވަތު ހިފި މައްސަލައިގައި އޭނާ މެރުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ކޯޓުން މި ހުކުމް ކޮށްފައިވަނީ ތަންފީޒުކުރުން ދެ އަހަރުގެ މުއްދަތަކަށް ފަސްކުރުމާ އެކުގައެވެ.
ހުކުރު ދުވަހު (27 ނޮވެމްބަރު 2026) ޗައިނާގެ ޗަންގްޝާގެ ކޯޓަކުން މި ހުކުމް އިއްވަމުން ހާމަކުރި ގޮތުގައި، ލަން ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާގެ އަދަދު 587 މިލިއަން ޔުއާން (ގާތްގަނޑަކަށް 87.5 މިލިއަން އެމެރިކާ ޑޮލަރު) އަށް ވުރެ މައްޗަށް އަރައެވެ. އޭނާ ހިންގި ކޮރަޕްޝަންގެ އަމަލުތަކުގެ ބޮޑުމިނަށް ބަލާއިރު މަރުގެ އަދަބު ހައްގުވާ ކަމަށް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް، މަރުގެ ހުކުމް ތަންފީޒުކުރުން ދެ އަހަރަށް ފަސްކޮށްދިނުމަށް ކޯޓުން ނިންމީ، އޭނާ ތެދުބަހުން ކުށަށް އިއުތިރާފުވެ، ކުރިން ތަހުގީގަށް އެނގިފައި ނުވާ ކުށްތަކުގެ މައުލޫމާތު ހާމަކޮށްދިނުމުންނެވެ. މީގެ އިތުރުން ކުށާމެދު ހިތާމަކޮށް، ޣައިރުގާނޫނީ ގޮތުގައި ހޯދި ފައިސާގެ ބޮޑު ބައެއް އަނބުރާ ދައްކާފައި ވާތީއެވެ. ޗައިނާގެ ގާނޫނު ބުނާ ގޮތުން، މިފަދަ ހުކުމެއްގައި ދެ އަހަރުގެ ތެރޭގައި އިތުރު ކުށެއް ނުކުރާ ނަމަ، މަރުގެ އަދަބު ޕެރޯލް ނުލިބޭ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުވާނެއެވެ.
މަރުގެ އަދަބުގެ އިތުރުން، ކޯޓުން ވަނީ ލަންގެ ސިޔާސީ އެންމެހައި ހައްގުތަކުން އޭނާ އުމުރަށް މަހުރޫމްކޮށްފައެވެ. ހަމައެއާއެކު، އޭނާގެ އަމިއްލަ މިލްކިއްޔާތުގައިވާ އެންމެހައި މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ވެސް ކޯޓުގެ ހުކުމުގައި ވަނީ އަމުރުކޮށްފައެވެ.
ތަހުގީގަށް އެނގިފައިވާ ގޮތުގައި ލަން މި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވަނީ 2008 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ދެމެދުގައެވެ. އެ މުއްދަތުގައި ގުއާންގްޝީ ސަރަހައްދުގެ އެކި އިސް މަގާމުތަކުގެ ނުފޫޒު ބޭނުންކޮށްގެން، ވިޔަފާރި ހިންގުމުގެ ފުރުސަތުތަކާއި، މަޝްރޫއުތަކުގެ ކޮންޓްރެކްޓްތައް ހޯދައިދިނުމުގެ އިތުރުން ވަޒީފާގެ ކުރިއެރުން ދިނުމުގެ މުގާބިލުގައި އޭނާ ވަނީ 587 މިލިއަނަށް ވުރެ ގިނަ ޔުއާންގެ ފައިސާ އަދި އަގުހުރި ތަކެތި ނަގާފައެވެ.
ޗައިނާގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އިސް އިދާރާއިން ލަންގެ މައްސަލަ ރަސްމީކޮށް ބަލަން ފެށީ 2025 ވަނަ އަހަރުގެ މެއި މަހުގައެވެ. އޭގެ ފަހުން، އެ އަހަރުގެ ޑިސެމްބަރު މަހު އޭނާ ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ވަކިކޮށް، ސަރުކާރުގެ މަގާމުތަކުން ވެސް ވަނީ ދުރުކޮށްފައެވެ. މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން 2026 ވަނަ އަހަރުގެ ޖުލައި 30 ގައި ބޭއްވުމަށްފަހު، ހުކުމް އިއްވުން މިހާ ހިސާބަށް ވަނީ ދިގުލައިގެން ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!