ނ. ލަންދޫ އާއި މާޅެންދޫއަށް ކާޑު ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެ ކުންފުނިން މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެ ރަށްތަކަށް ދަތުރު ކުރި ބޯޓެއް އަޑިއަށް ދިއުމާ ގުޅިގެން އޭގައި ހުރި ކާޑުގެ ބާވަތްތަކަށް ގެއްލުންވުމުންނެވެ. މުދާ ހިފައިގެން ދިޔަ ބޯޓު އަޑިއަށްގޮސް އޭގައި ހުރި ގިނަ އަދަދެއްގެ މުދާ ވަނީ އޮޔާ ގޮސްފައެވެ.
މި ހާދިސާއާ ގުޅިގެން ލަންދޫ އާއި މާޅެންދޫ ކައުންސިލުން ވަނީ އެ ރަށްތަކަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދޭން ފަށާފައެވެ. އެސްޓީއޯއިން އެހީތެރިކަން ފޯރުކޮށްދިނީ އެ ކައުންސިލްތަކަށެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ލަންދޫ އެޖެންޓާއި މާޅެންދޫ އެޖެންޓު މެދުވެރިކޮށް ވަރަށް އަވަހަށް ކާޑުގެ ބާވަތްތައް އެ ރަށަށް ގެންދެވިފައިވާ ކަމަށެވެ.
މީގެ އިތުރުން މި ކަމުގައި ލަންދޫގެ އެޖެންޓް ޒޯން އެސް އާއި މާޅެންދޫ އެޖެންޓު ޕްރީމޯ އަދި ދެ ރަށުގެ ކައުންސިލާއި ސިޔާމް ވޯލްޑުން މިއެހީ ފޯރުކޮށްދޭން ކުރި މަސައްކަތަށް އެސްޓީއޯއިން ވަނީ ޝުކުރު އަދާ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!