ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި ބައްދަލުނުވެ، މާފަރު ކައުންސިލުން މާލެއަށް ކުރި ފުރަތަމަ ރަސްމީ ދަތުރު ނިންމާލަން ޖެހިއްޖެއެވެ.
މިކަމާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ޙިއްސާ ކުރައްވަމުން، މާފަރު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު އާމިރު ވިދާޅުވީ، ރަސްމީ ދަތުރުގައި މާލެ ދިއުމުގެ ކުރިން، ރައީސްއާއިއެކު ބައްދަލުވުން ހަމަޖައްސައިދެއްވުމަށް އެދި ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވާ ކަމަށާއި، ނަމަވެސް މިއަދާއި ހަމައަށް އައިއިރު އެ ސިޓީގެ ޖަވާބުވެސް ލިބިފައި ނުވާ ކަމަށެވެ.
“އަޅުގަނޑު ވަރަށް ހިތާމަ ކުރަން އަޅުގަނޑުމެންގެ ފުރަތަމަ ރަސްމީ ދަތުރުގައި ރައީސް އާއި ފިނޭންސް މިނިސްޓަރާއި ބައްދަލުވުން ހަމަނުޖެހި ދަތުރު ނިންމާލަން ޖެހުމުން. މި ނިމުނު ހަފްތާ ތެރޭގައިވެސް ބައެއް ރަށްރަށުގެ ކައުންސިލް މެމްބަރުންނާއި ރައީސް ބައްދަލު ކުރެއްވި. ނަމަވެސް މާފަރު ކައުންސިލަށް އެޕޮއިންޓްމަންޓެއް ލިބޭގޮތެއް ނުވި. ފިނޭންސް މިނިސްޓްރީއަކީވެސް އެންމެ ބޮޑު އިސްކަމެއް ދީގެން ބައްދަލުކުރަން ބޭނުންވި މިނިސްޓްރީއެއް. މާފަރުގެ ތަރައްޤީއާއި ގުޅޭ ގިނަ ކަންކަން ހުއްޓިފައި ވަނީ ބަޖެޓްގެ ތާށިކަމުން. ކައުންސިލްގެ ދަރަނި އެހާބޮޑު. މި ކަންކަމަށް ހައްލެއް ހޯދުމަށް މިނިސްޓަރ އަމީރު އާއި ބައްދަލު ކުރަން އަޅުގަނޑުމެން ބޭނުންވީ. ނަމަވެސް އެކަން ވާގޮތެއް ނުވި.”
މުޙައްމަދު އާމިރު ވިދާޅުވިއެވެ.
އިތުރަށް އާމިރު ވިދާޅުވީ، މި ދަތުރަކީ ކާމިޔާބު ދަތުރެއް ކަމަށް ނުދެންނެވޭނެ ކަމަށާއި، ނަމަވެސް ދާއިރާގެ މެމްބަރުގެ ފަރާތުން އެދެވޭ އެއްބާރުލުމެއް ލިބިގެން ދިޔަ ކަމަށެވެ.
“އުއްމީދު ކުރި ގޮތަކަށް ނޫން ރަސްމީ ދަތުރުގެ ކަންކަން ނިމިގެން މި ދިޔައީ. މުހިއްމު ގިނަ މިނިސްޓްރީތަކާއި ބައްދަލެއް ނުވި. މި ދަތުރުން ހާޞިލްކުރަން ބޭނުންވި ގިނަ ކަންކަން ޙާޞިލެއް ނުވި”
އާމިރު ވިދާޅުވިއެވެ.
މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް މާފަރު ކައުންސިލްގެ ދަރަނި، 1.6 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައެވެ. އެންމެ ގިނަ ފައިސާ ދައްކަންޖެހިފައިވަނީ ކަރަންޓް ބިލްތަކުގެ ގޮތުގައި ފެނަކަ ކޯޕަރޭޝަނަށެވެ.
މާފަރު ކައުންސިލްގެ ފުރަތަމަ ރަސްމީ ދަތުރު މާލެއަށް ކޮށްފައިވަނީ މިމަހުގެ 14 ން 18 އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!