ށ. ފުނަދޫ ކައުންސިލުން ތަޖުރިބާގެ ދަތުރެއްގައި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތް ކުރުމުގެ ދަތުރެއް މިއަދު ފަށައިފިއެވެ.
މި ދަތުރުގައި ފުނަދޫ ކައުންސިލްގެ ދަޢުވަތަކަށް، ޚާއްސަ މެހްމާނެއްގެ ގޮތުން ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
މަދަތުރުގައި ފުނަދޫ ކައުންސިލްގެ ޓީމު މިއަދު ވަނީ ކ. ގުރައިދޫއަށް ޒިޔާރަތްކޮށް، އެރަށުގެ ކައުންސިލާއި އ.ތ.މ ކޮމެޓީއާއި ބައްދަލުކޮށް ތަޖުރިބާ ބަދަލުކުރުމުގެ މަޝްވަރާތައް ބާއްވާފައެވެ. އަދި އެރަށުގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވެސް މި ޓީމް މިއަދު ޒިޔާރަތް ކުރިއެވެ.
މި ޓީމު މާދަމާ ދާނީ ގުޅި އަށެވެ. އެއަށްފަހު މާފުއްޓަށެވެ. ދަތުރު ނިންމާލުމަށްފަހު އެނބުރި ފުނަދޫ އަށް ދާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު "ތިލަދުން" އަށް ވިދާޅުވީ، ދަތުރުގެ މައިގަނޑު އެއް މަޤްޞަދަކީ ރަށަށް ފަތުރުވެރިކަން ތަޢާރަފްކޮށް، ފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ހޯދައި ދިނުމަކީ ފުނަދޫ ކައުންސިލްގެ ތަސައްވުރެއްކަމަށް ވީހިނދު، އެ މައްސައްކަތް ފެށުމަށް ހޯދަންޖެހޭ މަޢުލޫމާތާއި، ޚިޔާލު އެއްކޮށް ތަޖުރިބާ ހޯދުން ކަމަށެވެ.
ކ. އަތޮޅުގެ ބައެއް ރަށްތައް މި ދަތުރުގައި ޚިޔާރު ކުރީ، އެރަށްތަކަކީ ލޯކަލް ޓޫރިޒަމް ވަރަށް ކާމިޔާބު ކަމާއެކު ހިންގާ ރަށްތަކަކަށް ވުމުން، އެރަށްތަކުން ތަޖުރިބާ ހޯދުމުގެ ބޭނުގައި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
މި ދަތުރުގައި ޚާއްސަ މެޚްމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާ ށ. އަތޮޅު ކައުންސިލްގެ ރައީސް "ތިލަދުން އަށް ވިދާޅުވީ މި ދަތުރަކީ ވަރަށް ތަފާތު ތަޖުރިބާ ތަކެއް ލިބިދެނިވި އަދި އެހާމެ މުހިންމު ދަތުރެއް ކަމަށެވެ. މި ތަޖުރިބާ ދަތުރުގެ ނަތީޖާއެއްގެ ގޮތުން ކުރިމަގުގައި ށ ފުނަދުއަށް ފަތުރުވެރިކަން ތަޢާރަފު ކުރުމުގައި ފަސޭހަކަން ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވީ މި ދަތުރުގައި ކުރެވުނު ތަޖުރިބާގެ މަންފާ ފުނަދޫގެ އިތުރުން މުޅި ށ އަތޮޅަށް ކުރާނެ ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާއިން ކައުންސިލުތައް ޙަރަކާތްތެރި ވަމުންދާ ގޮތުގެ މުހިންމު ތަޖުރިބާ ތަކެއް ކުރެވިފައިވާ ކަމަށެވެ.
މިދަތުރުގައި ފުނަދޫ ކައުންސިލް މެންބަރުންނާއި ބައެއް މުވައްޒަފުންގެ އިތުރުން ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، ށ. އަތޮޅު ކައުންސިލް ރައީސް ޝިޔާމް ހިމެނޭހެން ޖުމްލަ 21 ބޭފުޅަކު ބައިވެރިވެއެވެ.
ފުނަދޫ ކައުންސިލުން ތަޖުރިބާ ހޯދުމުގެ ދަތުރެއް ފެށިއިރު އެ ކައުންސިލަކީ ބޮޑުތިލަދުން މަތިން ވަރަށް ފާހަގަކޮށްލެވޭ ހިންގުންތެރި ކައުންސިލެކެވެ. މީގެ ކުރިން ބައެއް ރަށު ކައުންސިލްތަކުން ވަނީ ފުނަދޫ އަށް ވެސް ވަނީ ތަޖުރިބާ ހޯދުމުގެ ދަތުރުތައް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!