ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރިގެން ދިޔައިރު، ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީވުމުގެ މަންޒަރެއް ފެނިވަޑައިނުގަންނަވާ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޔާސިރު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ ބިލަށް ތާއީދު ކުރައްވާ ދެއްކެވި ވާހަކާގައި ޔާސިރު ވަނީ، ބިލުގައި މުހިންމު ރަނގަޅުކަންތައް ތަކެއް ހުރިކަން ފާހަގަ ކުރައްވާފައެވެ. އަދި ބައެއް ކަންކަމަކީ އިތުރު ވިސްނުމަކަށްދާންޖެހޭ ކަންކަން ކަމަށް ވިދާޅުވިއެވެ. މިގޮތުން ފަތުރުވެރިކަމުގެ ރައްތަކުގެ ބިމު ކުލި ކަނޑައެޅުން މިނިސްޓަރެއްގެ އަތްމައްޗަށް ދޫކޮށްލަން ޤާނޫނުގައި އޮންނަން ފެނި ވަޑައި ނުގަންނަވާ ކަމަށާއި، މިނިމަމް ވޭޖާއި ގުޅުވައިގެން ރިސޯޓުތަކުގެ ބިމުގެ ކުލި ކުޑަކުރުމަށް ތާއީދު ނުކުރަށްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ، ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރުމަށް ބިލުގައި ހުށަހަޅާފައިވާ އިޞްލާޙު ގެންނަން ބޭނުންވާ ސަބަބު އެއްގޮތަކަށް ވެސް ކަމުނުދާކަމަށެވެ. އަދި ކޯވިޑުގެ ހާލަތާ ގުޅިގެން މިހާރު ކަންތައްތައް ކިތަންމެ ރަނގަޅަށް ދިޔަ ކަމުގައި ވިޔަސް، އަދި މުވައްޒަފުންނަށް މިނިމަމް ވޭޖް ދޭން ފެށުނު ކަމަށް ވިޔަސް، މިނިމަމް ވޭޖާ ގުޅުވާފައި މިހާރު ދިވެހިރާއްޖޭގެ "ސެންޓަރަލް ރީޖަންގައި، އެންމެ ޕްރައިމް ލޮކޭޝަންގައި" ހުރި ރިސޯޓުތަކުގެ ކުލި 8 ޑޮލަރުން 6 ޑޮލަރަށް ބަދަލުކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގައި މިނިމަމް ވޭޖް ދެމުން އައީކީ ހަމައެކަނި ރިސޯޓުތަކަކުން ވެސް ނޫން. ކުދި ވިޔަފާރިތަކުން ވެސް، މެދު ފަންތީގެ ވިޔަފާރިތަކުން ވެސް މިނިމަމް ވޭޖް މި އަންނަނީ ދެމުން، އެހެންވީމާ، މިނިމަމް ވޭޖާ ގުޅުވައިގެން އަޅުގަނޑުމެން ކުލި ކުޑަކުރުމަކީ އަޅުގަނޑަކަށެއް ގަބޫލުކުރެވޭނެ ގޮތެއް ނޫން. މި އިޞްލާޙަށް އަޅުގަނޑުގެ ތާއީދު ބޭނުންވާ ކަމަށް ވާނަމަ، ސަރުކާރުން މިއަށްވުރެ ރަނގަޅު އެކްސްޕްލަނޭޝަނެއް، ސަބަބެއް އެބަ ދޭންޖެހޭ." ޔާސިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޓޫރިޒަމް ގާނޫނަށް ކުރިން އިޞްލާޙުގެނައިރުގައި ކުރިން 8 ޑޮލަރުގެ މަގުން މުޅި ރާއްޖެއަށް އެއްވަރަކަށް ރިސޯޓު ބިމު ކުލި ނަގަމުން އައި ނެގުން ބަދަލުކޮށް، ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގެ ރިސޯޓުތައް ތަރައްޤީކުރުމުގެ ފުރުޞަޠު އިތުރުކުރުމުގެ ބޭނުމުގައި، ދިވެހިރާއްޖޭގެ އުތުރަށް 4 ޑޮލަރު އަދި އެންމެ ދެކުނަށް 2 ޑޮލަރު މަގުން ކުލި ނަގާ މިންވަރު ބަދަލުކޮށް ކަނޑައަޅާފައިވާނެ ކަމަށެވެ. އެ ބަދަލު ގެނައި އިރުވެސް ރާއްޖޭގެ މެދު ސަރަހައްދު ބޭއްވީ ކުރިން ވެސް އޮތް ގޮތަށް 8 ޑޮލަރުގައި ކަމަށް ވިދާޅުވިއެވެ.
"މިއަދު އަނެއްކާ އެހެން ދޮރަކުން އައިސް މިނިމަމް ވޭޖާ ގުޅުވާފައި އެ 8 ޑޮލަރުގެ ބަދަލުގައި 6 ޑޮލަރު ނަގަން ދެންނެވީމަ އެއީކީ އަޅުގަނޑަކަށް ގަބޫލުކުރެވޭ ރީޒަނެއް ނޫން. މިއަދު ޓޫރިޒަމް އިންޑަސްޓްރީއަށް 50 އަހަރު ވެގެންދިޔައިރުގައި އަޅުގަނޑުމެންގެ ހދ. ގައި ހަމަ އެންމެ އެނދެއް ވެސް ނެތް، މީހުން ދިރިއުޅެމުން އައި އެނދުތައް ވެސް މިއަދު މި ދަނީ ނެތެމުން." ޔާސިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަތޮޅުގައި މީހުން ދިރިއުޅެމުން އައި އަދަދުތައް ވެސް ދަނީ މަދުވަމުން ކަމަށާއި، އެ ހުރިހާ މީހުން އަންނަނީ މާލެއަށް ހިޖުރަކުރަމުން ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުގެ ސުވާލަކީ، މި ބަދަލު ގެނެސްގެން ޓޫރިޒަމް މިނިސްޓަރަށް ވިދާޅުވާންކެރިދާނެތޯ އަޅުގަނޑުމެންގެ ހދ. ގައި ޓޫރިޒަމް ތަރައްޤީކުރެވޭނޭ. މިއަދު މި ފެންނަ ޙަޤީޤަތަކީ، މިހާރު ވެސް މިއަދާ ހިސާބަށް އައިއިރު ވެސް އަދިވެސް އެއްވެސް މަންޒަރެއް، އެއްވެސް ވާހަކައެއް ނުދެކެވޭ އެ މަނިކުފާނަކަށް ވެސް އަދި ސަރުކާރަކަށް ވެސް ހދ. ގައި ޓޫރިޒަމް ތަރައްޤީކުރެވޭނެ ކަމަކަށް،" ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ، ޓޫރިޒަމް ޤާނޫނަށް އިސްލާޙް ގެންނައިރު އޭނާ އަށް އެންމެ މުހިންމު ކަމަކީ، ދިވެހިރާއްޖޭގައި ޓޫރިޒަމް ސިނާއަތް ތަރައްޤީވެފައިވާ ސަރަހައްދުތަކުގެ ރައްޔިތުންނަށް، އެ ސިނާއަތުގެ ސަބަބުން ލިބެމުންދާ ފައިދާ، ހދ. އަތޮޅުގެ ރައްޔިތުންނަށް ވެސް ލިބޭނެ ގޮތެއް މަގުފަހިވުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!