އަތޮޅުތައް ތަމްޞީލުކުރައްވާ، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) ގެ "އެޓޯލް ޓްރެއިނަރުން" ގެ ގޮތުގައި މަސައްކަތްކުރައްވާނެ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމް" އިފްތިތާހްކޮށްފިއެވެ.
މިޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަނުގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައި އެކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހްއެވެ.
އެކޮމިޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި މިޕްރޮގްރާމަކީ 3 ދުވަހުގެ ނިޔަަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. އެގޮތުން މިޕްރޮގްރާމްގެ ތެރެއިން ސިވިލް ސަރވިސް ގަވާއިދު، ޕަރފޯމަންސް އެޕްރައިޒަލް، އިންޑަކްޝަން ޕްރޮގްރާމް، އަދި ސީ.އެސް. ވިއުގަ 2.0 އާ ގުޅޭ ސެޝަންތަކުގެ އިތުރުން އެކިއެކި އުޞޫލުތަކާއި އިންޓަރނަލް އޮޑިޓިންގ އާ ގުޅޭ މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވޭނެއެވެ. ޓްރެއިނަރުންގެ ހުނަރާއި ޤާބިލްކަން އިތުރުކޮށް މައުލޫމާތު ތާޒާކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބައިވެރިން މާލެ ގެނެސް، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި މިއަހަރު ވަނީ 20 ފަރާތަކުން ބައިވެރިވެފައެވެ.
މީގެއިތުރުން އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައިި ކޮމިޝަނުގެ ރައީސްގެ އިތުރުން މެންބަރުން ވަނީ ބައިވެރިންނާ މުޙާތަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އެބޭފުޅުންގެ ވާހަކަފުޅުގައި ކައުންސިލުން ރައްޔިތުންނަށް ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، ޤާބިލް މުވައްޒަފުން ބިނާކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
އެކޮމިޝަނުން ފާހަގަކުރައްވާފައިވާ ގޮތުގައި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ އަތޮޅު ތެރޭގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް ބޭނުންވާނެ ތަމްރީނުތައް ދެނެގަނެ، އެ ތަމްރީނުތަކަށް ބިނާކޮށް އަހަރުގެ ޓްރެއިނިންގ ޕްލޭން އެކުލަވާލައި އަދި ޓްރެއިނިންގ ޕޮލިސީ ތަންފީޒުކުރުމުގައި ސީ.އެސް.ޓީ.އައި އާއި ގުޅިގެން އެންމެ އިސް ރޯލެއް އަދާ ކުރާނެ ޓްރެއިނަރުން ބިނާކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!