ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ، ރައީސް ޞާލިޙް ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

Ad
rt

ރައީސް ޞާލިޙް ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ "ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް ޞާލިޙް، ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ މިއަދު ކުރެއްވި ބައްދަލުކުރެއްވުމުގައި ދެ ޤައުމުން އިސްކަންދޭ މުހިންމު މައުޟޫޢުތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ވަނީ ކުރިޔަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި ކަމަށް ރައީސް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

ރައީސް ޞާލިޙް ޝަރަފްވެރިކޮށް ދެއްވާ "ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތް ހުޅުވާ މެޗުގައި ރާއްޖެއާއި ސްރީލަންކާ މިއަދު ހަވީރު ކުޅޭނެއެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ހިމެނެނީ ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސްގެ ޤައުމީ ފުޓްބޯޅަ ޓީމެވެ.

ރައީސް ޞާލިޙް މިއަދު ވަނީ އެމަނިކުފާނުގެ ޝަރަފުގައި ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، ދެއްވި ރަސްމީ ޖާފަތެއްގައި ވެސް ބައިވެރިވެ ވަޑައިގެންފައެވެ.