ކުޅުދުއްފުށި ސިޓީގައި މަތީ ތަޢުލީމުގެ ކޯސްތަކެއް ހިންގި ފަރާތަކުން ހިންގި ކޯސްތައް ވެލިޑޭޓްނުކުރެވި،
ސެޓްފިކެޓް ނުލިބި އަދި ކޯސްތައް ފުރިހަމަނުކުރެވިވާތީ، އެކަމާއި ގުޅިގެން ކުޅުދުއްފުށީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގެ ޔަގީންކަން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުލްލަތީފް ދެއްވައިފިއެވެ.
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި ފުރުސަތު ހޯއްދަވައި މެންބަރު ޔާސިރު ވަނީ، ކުޅުދުއްފުށި ސިޓީގައި މަތީ ތަޢުލީމުގެ ކޯސްތަކެއް ހިންގި ފަރާތަކުން ހިންގި ކޯސްތައް ވެލިޑޭޓްނުކުރެވި، ސެޓްފިކެޓް ނުލިބި އަދި ކޯސްތައް ފުރިހަމަނުކުރެވިވާތީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަންގެ ސަމާލުކަމަށް އެކަން ގެއްނަވާފައެވެ.
މީހުން ބިނާކުރުމުގެ ދާއިރާއިން ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ފާހަގަ ކުރައްވަމުން ޔާސިރު ވަނީ މަތީ ތަޢުލީމު ދޭ މަރުކަޒުތައް، އެ މަރުކަޒުތައް އޯވަރސައިޓްކުރުމުގެ މަސައްކަތް ކިހާވަރަކަށް މިނިސްޓްރީން ކުރިއަށް ގެންދޭތޯ ސުވާލު ކުރައްވާފައެވެ.
"އެހެން އަޅުގަނޑު މި ދަންނަވާލީ، މިހާރު ވެސް ކުޅުދުއްފުށި ސިޓީގައި މަތީ ތަޢުލީމުގެ ކޯސްތަކެއް ހިންގި ފަރާތަކުން ހިންގި ކޯސްތައް ވެލިޑޭޓްނުކުރެވި، ސެޓްފިކެޓް ނުލިބި އަދި ކޯސްތައް ފުރިހަމަނުކުރެވިވާތީ، ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބަ އޮތް. ހަމަ އެއާއެކީގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، މިހާރަކަށްއައިސް މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ފެންވަރު އިންތިހާއަށް ދަށްވަމުންދާކަމީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ހަމަ ފާހަގަވާ ކަމެއް." ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ، ކޯސްތައް ފުރިހަމަކޮށްފައި ނުކުންނައިރު ޙަޤީޤަތުގައި ލިބެންޖެހޭ ތަމްރީނާއި ތަރުބިއްޔަތު ނުލިބޭކަމަށާއި، އެސަބަބާހުރެ ސެޓިފިކެޓަކީ މިހާރު ވިއްކާ އެއްޗަކަށް ރައްޔިތުން ދެކެމުންދާ ކަމަށެވެ. އަދި މިކަން ހައްލު ކުރުމަށް ކިހާވަރަކަށް މަސައްކަތް އެބަ ކުރެވޭތޯ ޔާސިރު ވަނީ ސުވާލު ކުރައްވާފައެވެ.
މެންބަރު ޔާސިރުގެ މިކަންބޮޑުވުންތަކާއި، ކުރެއްވި ސުވާލު އަޑު އެއްސެވުމަށްފަހު މިނިސްޓަރު ޑރ. ހަސަން ވަނީ މެންބަރު ޔާސިރު ފާހަގަ ކުރެއްވި މައްސަލައިގެ ތަފްސީލް މިނިސްޓްރީއާއި ހިއްސާކޮށްދެއްވަން އެދިވަޑައިގެންފައެވެ. އަދި އެ މައްސަލަ ހުށަހެޅުއްވުމުން އެ މައްސަލަ އިތުރަށް ދިރާސާކޮށް އިތުރަށް ބައްލަވާނެ ކަމަށާއި، އެކަން ކޮށްދެއްވަން ބޭނުންފުޅުކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ދެން ތަޢުލީމުގެ ފެންވަރު މިހާރު ބެލުން އެއީ ގާނޫނީ ގޮތުން އަޅުގަނޑުމެންގެ މައްޗަށް ލާޒިމު ކަމެއް. އެއީ އިއްޒަތްތެރި މަޖިލީހުން މިހާރު އޮންނަނީ މަތީ ތަޢުލީމާއި ތަމްރީނުގެ ގާނޫނެއް ފާސްކޮށްދެއްވާފަ. މުޅި ރާއްޖޭގެ ތާރީޚުގައި ވެސް މުޅިން އަލަށް މަތީ ތަޢުލީމާ ބެހޭ، ތަމްރީނާ ބެހޭ ގާނޫނެއް މި މަޖިލީހުން ފާސްކޮށް މިހާރު ރައީސުލްޖުމްހޫރިއްޔާ ވަނީ
ތަސްދީގުކުރައްވާފަ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ ގާނޫނުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިނގާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ
މައްޗަށް އޮތް އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކީ، ދެވޭ ތަޢުލީމުގެ ފެންވަރު ކަށަވަރުކުރުން ކަމަށެވެ. އެހެންކަމުން އެކަމަށް ޓަކައި ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ވެސް މިހާރު ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަޖިލީހުން ދެއްވާފައިވާ މުއްދަތަށް ވުރެ ކުރީގައި އެ މަސައްކަތް ނިންމަވާނެ ކަމަށާއި، އޭގެތެރޭގައި ހުރި އަދި ބައެއް ކަންތައްތަކަކީ ވަރަށް އަވަހަށް ނިންމަންޖެހޭ ކަންތައްތައްކަން ވެސް ގަބޫލުކުރަށްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެހެންވީމާ، ދެއްވާފައިވާ މުއްދަތުގެ މާ ކުރިން އެ މަސައްކަތް އަޅުގަނޑުމެން ނިންމާނަން. އޭގެ ނަތީޖާ ވެސް ފެންނާނެ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޑރ. ހަސަން ވިދާޅުވީ، މި އޮތް ހާލަތަށް ކަންތައްތައް ގޮސްފައި ވަނީ ތަޢުލީމީ ކަންތައްތައް ރަނގަޅަށް ފުރިހަމައަށް ރެގިއުލޭޓްނުކުރެވި ގިނަ ދުވަސްތަކެއް ވުމުންކަމަށް ހީފުޅުވާ ކަމަށެވެ. އެހެންކަމުން އެކަންކަން ހައްލު ކުރުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާއިރު ގޮންޖެހުންތަކެއް ހުރިކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެ ގޮންޖެހުންތައް ހައްލު ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މެންބަރު ޔާސިރުގެ ކަންބޮޑުވުންތައް ހުށަހަޅުއްވަން މިނިސްޓަރު އެދިވަޑައިގެންފައިވުމުން، އެކަން ބޮޑުވުންތައް މިނިސްޓްރީއަށް ހުށަހަޅުއްވާނެ ކަމަށާއި، އަދި އެކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް މެންބަރު ޔާސިރު ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!