ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުން އަންނަ، ހުޅުމާލޭގައި ހުންނަ "ފިޔަވަތި" ގައި މިއަދު އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
"ފިޔަވަތި"ގައި ހަމަނުޖެހުމެއް ހިނގާ އަނިޔާވި ކުއްޖަކު ފަރުވާ ގެންދާ ކަމަށް ބުނާ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެ ވައިރަލްވުމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ޓްވީޓާ މެދުވެރިކޮށް ވިދާޅުވީ، ފިޔަވަތީގައި އެއްވެސް "ރައަޓެއް" ހިނގާފައި ނުވާ ކަމަށެވެ.
އަދި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުއްޖަކު އެމްބިއުލާންސްގަައި ގެންދާ މަންޒަރު ކަމަށްވެސް ބުންޏެވެ. އަދި އެ ކުއްޖާ ގެންދިޔައީ ފަރުވާއަކަށް ހޮސްޕިޓަލަށް ކަމަށް ވެސް ބުނެފަވެއެވެ.
"އަޅުގަޑުމެންގެ އިލްތިމާސްއަކީ ކުދިންނާއި ގުޅޭ މިފަދަ ހާއްސަ މައްސަލަތަކުގައި މީޑިއާގައި މައުލޫމާތު ހާމަކުރައްވާއިރު މައުލޫތުގެ ސައްހަކަން ކަށަވަރުކުރެއްވުމަށް ފަހު ރައްޔިތުންނަށް ހާމަ ކުރެއްވުމެވެ." ޖެންޑާ މިނިސްޓްރީން ބުނެފަވެއެވެ.
ސަރުކާރުގެ ބެލުމުގެ ދަށުގައި ހުންނަ ފިޔަވަތީގައި ހަމަނުޖެހުން ހިގައި، އެތަނުގައި އުޅޭ ކުދިން ތަނުގެ ފުރާޅަށް އަރައި ތަނަށް ގެއްލުންދޭ މަންޒަރުތައް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އަދި އެތަނުގައި އަލިރޯންކޮށްފައިވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
މިކަމާއި ގުޅިގެން ޗިލްޑްރެން އޮމްބަޑްޕާސަންގެ އޮފީހުން ބުނެފައިވަނީ ކުދިންގެ ކަރާމާތަށް ގެއްލުންވާކަމެއް ފިޔަވަތީގައި ހިނގާފައިނުވާކަމަށެވެ. އަދި އެކުދިންގެ ވީޑިއޯ ސޯޝަލް މީޑީއާގައި ވައިރަލްކޮށްފައިވާތީ، މިއީ އެކުދިންގެ ކަރާމާތައް ގެއްލުންވާނެކަމެއްކަމަށް ބުނެ އެކަން ވަނީ ކުށްވެރިކޮށްފައެވެ. އަދި މިފަދަ އަމަލްތައް ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!