ގުރުނޑުބައްޔަކީ ކޮބާ؟ : ގުރުނޑުބައްޔަކީ ފަތުގައި ޤުދުރަތީގޮތުން ހިނގާ ނިޒާމުތަކަށް ތަފާތު ސަބަބުތަކާހުރެ ހުރަސް އެޅުމުން ފަތްތައް ރޫޖެހުމަށް ނުވަތަ މައްޗަށް ނުވަތަ ތިރިއަށް ކައިރިފަށް އޮޅުމަށް އަދި މިއިން ކޮންމެވެސް އެއް ބަދަލަކާ އެކީގައި ފަތްތައް ހަރުވެ އޮމާންކަން ގެއްލި ރާޅުކަމެެއް އައިސް ހުންނަން ޖެހޭ ސައިޒަށް ވުރެ ފަތްތައް ކުދިވުމަށް ކިޔާ ނަމެކެވެ.
ދަނޑުވެރިކަމުގެ ބަހުރުވާގައި ގުރުނޑަކީ އޭގެ ޒާތުގައި ބައްޔެކެވެ. މި ބަލީގެ އަސަރު ފަތްތަކުގެ އިތުރުން، ކުރިތަކާއި ގަހުގައި އަޅާ ތަކެއްޗަށް ކޮށް ގަހުގެ ހެދުން ހުއްޓުވައެވެ.
ގުރުނޑުވަނީ ކީއްވެ؟
ގަސް ގުރުނޑުވުމަށް ތަފާތު ސަބަބުތައް މެދުވެރިވެއެވެ. ފުރަތަމަ ފާހަގަކޮށްލެވޭ ސަބަބަކީ ތަފާތު ވައްތަރުގެ ވައިރަސްތައް ގަހަށް އެރުމެވެ. މިގޮތުން ދުރުން، ވައިގެ ޒަރީޢާއިން އަންނަ ވައިރަސް އަދި އެފިޑް، ހުދުކޫޑި، ތްރިޕްސް އަދި އެހެނިހެން ސޫފި އުފުލާ ވައިރަސްތައް ގަހަށް އަރާކަން ސައިންސްގެ އަލީގައި ކަމާބެހޭ މާހިރުން ވަނީ ހޯދާފައެވެ.
ވައިރަސް އިން ގުރުނޑުވެފައި ހުރި މިރުސް ގަހެއް. ފޮޓޯ: ތިއްތި.އެމްވީ/ހުބާ ޕްލާންޓްސް ޓެލެގްރާމް ގުރޫޕު
ގުރުނޑުވާ މައިގަނޑު އަނެއް ސަބަބަކީ އެފިޑް، ހުދުކޫޑި އަދި ތްރިޕްސް ފަތާއި ގަހުގެ އެހެނިހެން ބައިތަކުން ދިޔަ ބުއިމެވެ. މިފަދަ ސޫފިތައް ގަހަށް ހަމަލާ ދޭން ފެށުމުން ތަފާތު އެހެނިހެން ބަލިތައްވެސް ގަހަށް ޖެހެއެވެ. ބައެއް ފަހަރު ފަތްތައް ދޮންވެ ފައިބަން ފަށައިފާނެއެވެ. އަނެއްބައި ފަހަރު ފަތްތަކުގެ ކުލައަށް ބަދަލު ނައިސް ގުރުނޑުވާން ފަށައެވެ.
ވެއްޓަށް އަންނަ ބަދަލުތަކުންވެސް ބައެއް ފަހަރު ގަސް ގުރުނޑު ވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ބަދަލުތަކަކީ ހަނަފަސްވުމާއި ދިލަ ހޫނު ގަދަވުމާއި ވާރޭ ވެހުމާއި ފިނިގަދަވެ ގިނަ ދުވަސްވުން އަދި ވައި ގަދަވުމެވެ. ވާރޭ ވެހުމުން މިރުސްގަސް ކަހަލަ ގަސް ގުރުނޑުވާކަމަށް ރާއްޖޭގެ ގިނަ ދަނޑުވެރިންވެސް ފާހަގަކުރެއެވެ.
ފަންގަސް ބަލި ޖެހި އަދި އާދައިގެ ގުރުނޑުވެފައި ހުރި މިރުސް ގަހެއް. ފޮޓޯ: ޙަސަން/ހުބާ ޕްލާންޓްސް ޓެލެގްރާމް ގުރޫޕު
ކާނާ މަދުވުމަކީ ވެސް ގުރުނޑުވާން މެދުވެރިވާ ސަބަބެކެވެ. މިގޮތުން ގަހަށް ބޭނުންވާ މައިގަނޑު ކަނާދުތަކުގެ ތެރެއިން ނައިޓްރިޖަން، ފޮސްފޮރަސް އަދި ޕޮޓޭސިއަމް މިއިން ކަނާދެއް ގަހަށް މަދުވުމުން ގުރުނޑުވެއެވެ. އެހެނިހެން ކަނާދުތަކުގެ ތެރެއިން ޚާއްޞަކޮށް ކެލްސިއަމް މަދުވުމުން ގަސް ގުރުނޑުވާކަން ރާއްޖޭގައި ފާހަގަކުރެވިފައި ވެއެވެ.
ރަތްގުރުނޑުވެފައި ހުރި މިރުސް ގަހެއް. ފޮޓ: އަސްމާ ޝުކޫރު/ހުބާ ޕްލާންޓްސް ޓެލެގްރާމް ގުރޫޕު
ގަސް ގުރުނޑުވިޔަ ނުދިނުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
މިހިސާބުން އުފެދޭ ސުވާލަކީ ގަސް ގުރުނޑުވިޔަ ނުދިނުމަށްޓަކައި އަހަރެމެންނަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިބާވައެވެ؟ މިގޮތުން އެންމެ ފުރަތަމަވެސް ވިސްނަންވީ ވައިރަހަށް ބަލިނުކޮށްލެވޭ ފަދަ ރަނގަޅު މުޑުވައްތައް ހޯދައިގެން ބޭނުންކުރުމަށެވެ.
މީގެ އިތުރުން، އެފިޑު، ހުދުކޫޑި، ތްރިޕްސް އަދި އެހެނިހެން ސޫފި ނުވަންނަގޮތަށް ދައު ދަމައިގެން ނުވަތަ އިންސެކްޓް ޕްރޫފް ނެޓު ޖެހި ހަޓު ނުވަތަ ގްރީން ހައުސްގައި ގަސް ހެއްދުމަކީ ކުރެވިދާނެ ކަމެކެވެ.
ކޫޑި އަޅާފައި ހުރި މިރުސް ގަހެއް. މިފަދަ ބަލިތައް ކޮންޓްރޯލުނުކޮށް ގިނަ ދުވަސް ވުމުން ވައިރަސް އަޅައި ގަސް ގުރުނޑުވޭ. ފޮޓޯ: އިމްރާން/ހުބާ ޕްލާންޓްސް ޓެލެގްރާމް ގުރޫޕު
ގުރުނޑު އަދި އެހެނިހެންވެސް ބަލިތަކުން ގަސް ރައްކާތެރިކުރުމަށް ކުރެވިދާނެ އެންމެ މުހިއްމު އެއް ކަމަކީ ގަހުގެ ދިފާޢީ ނިޒާމް އަދި ޢާއްމު ޞިއްޙަތު ރަނގަޅުކުރުމަށް ކާނާ ދެމުންގެންދިޔުމެވެ. މީގެ އިތުރުން ކުރިން ބުނެވިދިޔަ، ވެއްޓަށް އަންނަ ބަދަލުތަކުން ގަސް ހިމާޔަތް ކުރުމަށް އަހަރެމެންގެ ބާރުގެ ދަށުގައި ކުރެވެންހުރި ކަންކަން ކުރުމަކީވެސް މުހިއްމު ކަމެކެވެ.
ގުރުނޑު ކޮންޓްރޯލު ކުރާނީ ކިހިނެއް؟
ގުރުނޑުން ގަސްތައް ސަލާމާތްކުރަން ކިތައްމެ މަސައްކަތެއް ކުރިނަމަވެސް ގިނަ ފަހަރު އޮންނަނީ ސަލާމަތް ނުކުރެވިފައެވެ. ނަމަވެސް އެފިޑު، ހުދުކޫޑި، ތްރިޕްސް އަދި އެހެނިހެން ސޫފި އަޅައިފިނަމަ ވީހާވެސް ކުރީބައިގައި ބޭސްޖަހައިގެން އެތަކެތި ކޮންޓްރޯލުކުރުމަށް މަސައްކަތް ކުރެވިއްޖެ ނަމަ ގަސް ގުރުނޑުވުމާ ހަމައަށް ނުދަނިސް ސަލާމަތްކުރެވިދާނެއެވެ.
އެފުރުޞަތު ނުލިބި ގަސް ގުރުނޑު ވެއްޖެނަމަ އަބަމެކްޓިން (ރިހާކުރުބޭސް) ފަދަ ގުރުނޑު ފިލުވާ ބޭހެއް ގަހަށް ސްޕްރޭކުރެވިދާނެ އެވެ. މިފަދަ ބޭސް ފެނާ އެއްކުރާނީ 1 ލިޓަރު ފެނަށް 1 މިލިލިޓަރުގެ ނިސްބަތުންނެވެ.
ފަންގަސް ބައްޔާ އެކު ގުރުނޑުވާނަމަ ނުވަތަ ރަތްގުރުނޑު އުޅޭ ނަމަ އަބަމެކްޓިން އަދި ހިކި ސަލްފަރ ސްޕްރޭކުރެވިދާނެއެވެ. މި ދެބޭސް އެއްކުރާއިރު 1 ލިޓަރު ފެނަށް އަޅާނީ 1.5 މިލިލިޓަރު އަބަމެކްޓިން އަދި 1 ގުރާމް ސަލްފަރ އެވެ.
މޮޒައިކް ވައިރަހުން ގުރުނޑުވެފައިވާ ކަމަށް ބެލެވޭ ކިއުކަމްބާ ވެލެއް. ފޮޓޯ: އާދަމް/ހުބާ ޕްލާންޓްސް ޓެލެގްރާމް ގުރޫޕު
ރަތްގުރުނޑަކީ ކޮބާ؟
ރަތްގުރުނޑަކީ ގަހުގެ ކުރިތައް ގުރުޑުވުމާއެކު ކުރި އަދި ކުރީގެ ފަތްތައް މަޑުރަތް ކުލައަކަށް ބަދަލުވެ، ގަސް ހެދުން ހުއްޓޭ ގޮތް މެދުވެރިވުމެވެ. މިގޮތަށް ވުމުން ރަތްގުރުނޑުވުމޭ ދިވެހި ދަނޑުވެރިން ކިޔައެވެ. މިއީ މިހާރަކަށް އައިސް ރާއްޖޭގައި މިރުސްގަހަށް ވަރަށް ޢާއްމުކޮށް ދިމާވަމުންދާ މައްސަލައެކެވެ. ފަންގަސް ބައްޔާއެކު ވާ ގުރުޑަށް ދެވޭ ފަރުވާ މިވައްތަރުގެ ގުރުނޑަށް ދީގެން ރަނގަޅުކުރެވެއެވެ. އެއީ އަބަމެކްޓިން އަދި ހިކި ސަލްފަރ ސްޕްރޭކުރުމެވެ.
މޮޒައިކް ވައިރަހުން ގުރުނޑުވެ ބަލިޖެހިފައިވާ ބަރަބޯ ކުރިއެއް. ފޮޓޯ: އޭއެމް/ހުބާ ޕްލާންޓްސް ޓެލެގްރާމް ގުރޫޕު
ވައިރަަސް ގުރުނޑަކީ ކޮބާ؟
ގަސް ގުރުނޑުވުމަށް މެދުވެރިވާ ޢާއްމު ސަބަބުތައް ފިޔަވައި އެހެން ގޮތަކުން ގުރުނޑުވެއްޖެނަމަ އެއީ ވައިރަސް ގުރުނޑުގެ ގޮތުގައި ބެލެވިދާނެއެވެ. ތަފާތު ވައްތަރުގެ ވައިރަހުން ގަސް ގުރުނޑުވެއެވެ. މިހާރަކަށް އައިސް އެންމެ އާއްމު ވައްތަރަކީ މޮޒައިކު ވައިރަހެވެ.
ވައިރަހުން ގުރުނޑުވާކަން ދެނެގަންނާނީ ގަހުގެ ބޮޑުބައެއް ގުރުނޑުވުމާއެކު ފަތްތަކުގެ ކުލަ އަލިވެފައި ހުރުމުންނާއި ބައެއް ފަހަރު ރީނދޫ ދިގު ލައްގޮތަށް ހުންނަ ރޮނގުތަކެއް ފަތްތަކުގައި ހުރުމުންނެވެ.
https://thiladhun.wonstasite.com/47158
ވައިރަހުން ގުރުނޑުވާނަމަ އެކަމުގެ ޙައްލެއް ހޯދިފައިވާ ކަން މިހާތަނަށް އެނގިފައެއް ނުވެއެވެ. އެފަދަ ޙާލަތެއްގައި އޮތީ އިތުރަށް ވައިރަސް ފެތުރުނަ ނުދިނުމަށް ގަސް އުފުރައިލުމަށްފަހު އަންދައިލުމެވެ.
ބާރުގަދަ ކެމިކަލް އެކުލެވޭ ބޭސް ބޭނުންކުރައްވާ އިރު މިކަންކަމަށް ސަމާލުކަން ދެއްވަވާ!
👈 ގޯތި ތެރޭގައި މީހުން އާއްމުކޮށް އުޅޭ ހިސާބުގައި ބޭނުން ނުކުރައްވާ!
👈 ބޭސް ޖެހުމަށްފަހު 14 ދުވަސް ވުމުން ނޫނީ މޭވާ ބޭނުން ނުކުރައްވާ!
👈 ބޭސް ޖަހާއިރު އަމިއްލަ ރައްކާތެރިކަން އިސްކުރައްވައި އަންގި އަދި މާސްކު ބޭނުންކުރައްވާ!
👈 ބޭސް ޖަހާއިރު ވީހާވެސް ގަހާ ދުރުގައި ހުންނަވާ!
👈 ރަނގަޅު މިންވަރު ބޭނުން ކުރައްވާ /މަދުން އަދި އިތުރަށްވެސް ބޭނުން ނުކުރައްވާ!
👈 ބަލި ނޫޅޭ ނަމަ އާދަވެގެން ބޭސް ބޭނުން ނުކުރައްވާ! އެގޮތަށް ކަންތައް ކުރުމުން ސޫފިތައް އަވަހަށް ބޭހަށް ހޭނި، ފަހުން ބޭސް ޖެހުމުންވެސް އެސޮރުމެން ނައްތައިލަން އުނދަގޫވޭ.
https://thiladhun.wonstasite.com/52855
ނޯޓް: މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.
ހުބާ ޕްލާންޓްސް ޓެލެގުރާމް ޗެނަލް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!