ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލައި، ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ސަރުކާރާއި، ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތްތެރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު މަހުން މަހަށް އިތުރުވެގެން ދިޔުމަކީ މުޅި ރާއްޖޭގެ އިޤްތިޞާދަށް ދިރުންލިބި، އުންމީދު އާލާވެގެންދާ ކަމެކެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ނޮވެމްބަރު މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 66 އިންސައްތަ އިތުރުވެފައިވާކަން ހާމަވެފައި ވުމީ، ޤައުމަށާއި، އެ ސިނާއަތަށް ލިބިގެންދާ އައު ހިތްވަރަކާއި، އުފަލެކެވެ.

Ad
rt

މިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ނޮވެމްބަރު މަހުގެ ތެރޭގައި ގާތްގަނޑަކަށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް 2،299 ފަތުރުވެރިން ކޮންމެ ދުވަހަކު ވެސް އައެވެ. އަދި ނޮވެމްބަރު މަހު އެކަނިވެސް 35،759 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ނޮވެމްބަރުމަހު އެންމެ ގިނަ ފަތުވެރިން އައި ގައުމުގެ ގޮތުގައި އޮތީ ރަޝިއާ އެވެ. އެގައުމުން އައި ފަތުރުވެރިންގެ އަދަދު 8581 ގައި އުޅޭއިރު ދެވަނައިގައި އިންޑިއާ އޮތީ 7610 ފަތުރުވެރިންނާއެކު އެވެ. އަދި ތިން ވަނައިގައި ޔުނައިޓެޑް ސްޓޭޓް އޮތީ 2093 ފަތުރުވެރިންނާއެކު އެވެ. ދެން އެ ލިސްޓުގައި ހިމެނޭ ގައުމުތަކަކީ ޔޫކޭ އާއި ޖަރުމަނާއި ޔޫކްރެއިން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ބްރެޒިލް އަދި ސްވިޒްލޭންޑާއި ޗެކް ރިޕަބްލިކް އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 450,411 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ ޢަދަދަކީ 67,564 އެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، 110 ފަހުން އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލީ މި ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އޮކްޓޫބަރު މަހުގެ 15 ގައި ވަނީ ގެސްޓްހައުސްތައް ވެސް ހުޅުވާލާފަ އެވެ.