މޭބިސްކަދުރަކީ ހުތް ފޮނި ރަހައެއް ލާ މީރު މޭވާއެކެވެ. ބިލެތް ރޯކޮށްގެން ކުރި ހައްދާ އުސޫލުން މޭބިސްކަދުރު ހެއްދެއެވެ. މިލިޔުމުގައި މިބަލައިލަނީ ރާއްޖޭގައި މޭބިސްކަދުރު ހައްދާނެ ގޮތުގެ މައްޗަށެވެ.

ކުރި އިޚްތިޔާރުކުރުން

Ad
rt

އޮށުން ގަސް ފަޅުވައިގެން މޭބިސްކަދުރު ފޯދުމަށް 1 އަހަރު ނަގައެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ފޯދިފައި ހުންނަ މޭބިސްކަދުރު ވެލަކުން 1 ފޫޓު ހުންނަ ވަރުގެ ކުޑަ އޮފިކޮޅެއް ހޯދުމެވެ. އޮފިކޮޅުގެ ކުރި ފެހިކުލައިގައި ހުރިނަމަވެސް ބުޑު ކޮންމެވެސް ވަރަކަށް ހަރުވެ މުށިކުލަ އަރާފައި ހުރުން ރަނގަޅެވެ.

އިންދާ ވަޅު ތައްޔާރުކުރުން
މޭބިސްކަދުރު އިންދާ ވަޅު ތައްޔާރުކުރާނީ 1 ފޫޓު ފުންމިނަށް 8 އިންޗިވަރު ފުޅާ މިނަށް ވަށްކޮންނެވެ. ވަޅަށް އަޅާނީ 3 ކިލޯ ކަޅުފަހަށް 1 ކާދު (ޔުނިގުރޯ) އެވެ. ވަޅުގެ މަތިން 2 އިންޗި ވަރު ނުފުރި ހުންނަ ވަރަށް ފަސްގަނޑު ބަހައްޓަން ވާނެއެވެ.

ކުރި އިންދުން
ކުރިކޮޅުގެ ފަތްތައް ނޮޅާލުމަށް ފަހު ހާމައަށް އޮންނަ އަވި ލިބޭ ތަނެއްގެ ބިންމަތީގައި 4 އިންޗި ފުންމިނަށް އިންދާށެވެ. އެއަށްފަހު ހިކި ދަނޑިކޮޅެއް ޖަހައި ގަސް އައްސާލާށެވެ. އަދި ރޯވެ ކުރިތައް ހެދިލަންދެން ފަންޖަހައި ހިޔާކޮށްލާފައި ބަހައްޓާށެވެ. ގަސް ވެލަކަށް ވަންދެން 2 އިރު ފެންދޭންވާނެއެވެ.

ބެލެހެއްޓުން
ރާއްޖޭގައި ކާމިޔާބު ކަމާއެކު މޭބިސްކަދުރު ހައްދާފައިވާ އަދުނާނު އަނީސް ހާމަކުރައްވާފައިވާ ގޮތުން މޭބިސްކަދުރު ވެޔޮ ހެއްދުމަށް އެހެން ގަސްތައް ހެއްދުމަށް ކުރާ މަސައްކަތުގެ އިތުރު މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. ވެޔޮ ގަނޑަށް ބޭނުން ވަނީ އެކަށީގެންވާ އަޅާލުމެވެ. މިގޮތުން ވެޔޮގަނޑު ބުޑަށް ފެންދޭނީ ދުވާލަކު އެއްފަހަރުއެވެ. އަވި ބާރު ދުވަސްދުވަހު ވެޔޮގަނޑަށް ފެން ސްޕްރޭ ކޮށްލާނީއެވެ.

މާގިނަ ކާނާއާއި ބޭހެއް މޭބިސްކަދުރު ހެއްދުމުގައި ބޭނުންކުރާކަށް ނުޖެހެއެވެ. ކާނާގެ ގޮތުގައި ފާޓިޕްލަސް އަދި ބޭހުގެ ގޮތުގައި ރިހާކުރު ބޭހުން ފުދޭނެއެވެ.

ވެޔޮގަނޑު ބެލެހެއްޓުން
ވެޔޮގަނޑު 20 ފޫޓު 30 ހާތަނަށް ފަތުރައިލެވިދާނެއެވެ. މިގޮތުން މައިގަހުން އަރާ މައި ދެކުރި ކޮށިގަނޑަކަށް ދެ ފަރާތަށް ވާގޮތަށް ހައްދަން މަސައްކަތްކުރާށެވެ. ހައްދަން ވެސް ކުރިތައް ކޮށަން ޖެހެއެވެ. ކުރިން މިދެންނެވި ދެ މައިކުރިން ނުކުންނަ އިތުރު ކުރިތައް 2 ފޫޓެއްހާ ދިގުވުމުން ކުރިތަކުގެ ކޮޅު ބުރިކޮށްލާށެވެ. އަދި އެކުރިތަކުގެ ކޮޅުން ކުރިފަޅާ ނަމަ އެކުރިތައްވެސް ބުރިކުރަމުން ގެންދާށެވެ. އަދި އެކުރިތަކުގެ ބުޑުންނާއި މެދުތެރެއިން ޖަހާ ބަނޑުކުރިތައް މޭބިސްކަދުރު އެޅުވުމަށް ބޭނުންކުރާށެވެ.

މޭބިސްކަދުރު އެޅުން
ވަރަށް މަދު ފަހަރެއްގައި ވެޔޮގަނޑު 10 ފޫޓަށް ދެމޭއިރު ކުދިކުދި ފުއްތަކެއްހެން ކަހަލަ ގޮތަކަށް މޭބިސްކަދުރު ނުކުމެދާނެއެވެ. ވެޔޮގަނޑު ކިތަންމެ ބޮޑުވިޔަސް މޭބިސްކަދުރު ނާޅައި ދެއެވެ. އެހެންކަމުން މޭބިސްކަދުރު އެޅުވުމަށް އެހެން ގަސްތަކަށް ކުރަން ނުޖެހޭ އިތުރު މަސައްކަތެއް ކުރަންޖެހެއެވެ. އެއީ އެހެން ގަސްގަހާ ތަފާތު ގޮތަކަށް ކުރިން ބުނެވިދިޔަގޮތަށް ވެޔޮގަނޑު ކޮށުމެވެ. އެކަށީގެންވާ ވަރަށް ބަނޑުކުރި ޖެހުމުން ކޮންމެ ބަނޑުކުރިއެއްގެ ކޮޅު ބުރިކޮށްލާށެވެ. ބަނޑުކުރީގައި ހުންނަ ފަތްވަޅު ގުނުމަށްފަހު 3 ވަނަ ފަތްވަޅުގެ މަތިން ސެންޓިމީޓަރެއްހާ ތަން ބެހެއްޓުމަށް ފަހު ކޮޅު ބުރިކޮށްލާށެވެ. އަދި 12،24،24 ކަހަލަ ޕޮޓޭސިއަމް އިން މުއްސަނދި އޮށްކާނާއެއް މިމަރުޙަލާގައި ގަހުގެ ބުޑަށް އަޅާށެވެ. މޭބިސްކަދުރު ނުކުންނާނީ ބަނޑުކުރީގެ ބުޑުންނެވެ.

ކޮންމެ ގޮތްޕެއްގައި ދެ ކޯނި ތިން ކޯނި މޭބިސް ކަދުރު އަބަދުވެސް އަޅާފައި ހުރެއެވެ. ހަތަރު އަހަރު ވަންދެން މެދުނުކެނޑި މޭބިސްކަދުރު ލިބޭނެއެވެ. ނަމަވެސް މޭބިސްކަދުރުގެ ސައިޒް ކުޑަވުމަކީ ރާއްޖޭގައި ދިމާވާ މައްސަލައެކެވެ. އެހެންކަމުން ބޮޑެތި ސައިޒުގެ މުޑުވަށް ބޭނުންކުރުން ރަނގަޅެވެ.

މިމަޢުލޫމާތަކީ ރާއްޖޭގައި ކާމިޔާބު ކަމާއެކު މޭބިސްކަދުރު ހައްދާފައިވާ އަދުނާނު އަނީސް އަދި ގަމީރާ އާދަމް ޢާއްމުކުރައްވާފައިވާ މަޢުލޫމާތާއި ހުބާ ޕްލާންޓްސްގެ ފަރާތުން އެއްކުރެވުނު މަޢުލޫމާތު ހިމަނައިގެން އެކުލަވައިލެވުނު މަޢުލޫމާތެވެ. ފާޓިޕްލަސް އަދި ރިހާކުރުބޭސް ބޭނުންކުރާނީ ހުބާ ޕްލާންޓްސް އިން ކުރިން ގެނެސްދީފައިވާ ގޮތަށް އެހެން ގަސްގަހަށް ބޭނުންކުރާ މިންވަރަށެވެ.

ނޯޓް: މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.

ހުބާ ޕްލާންޓްސް ފޭސްބުކް

ހުބާ ޕްލާންޓްސް ޓެލެގުރާމް ޗެނަލް