ސްޕޭސްއެކްސްއަށް ޖައްވުގައި ޑޭޓާ ސެންޓަރުތައް ބިނާކުރުމުގެ މަޝްރޫއެއްގެ ދަށުން އެއް މިލިއަނާ ހަމައަށް ސެޓެލައިޓް ފޮނުވުމުގެ ހުއްދަ އެމެރިކާގެ ސަރުކާރުން ދީފިއެވެ.

އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) ގެ ވެސައިޓުގައި ޝާއިއުކޮށްފައިވާ ލިޔެކިޔުންތަކުން ދައްގޮތުގައި ސްޕޭސްއެކްސްއަށް ދީފައިވާ މި ހުއްދައިގެ މުއްދަތު 2040 ވަނަ އަހަރާ ހަމައަށް ހަމަވާނެއެވެ.

އެފްސީސީގެ ޗެއާމަން ބްރެންޑަން ކާރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާ މިހާރު ލީޑުކުރަމުންދަނީ ސުޕަ އިންޓެލިޖެންސްގެ ޒަމާނަށް ކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސްއަށް ނިސްބަތްކޮށް އެމެރިކާގެ ލީޑަޝިޕް ދެމެހެއްޓުމަށް މި ޑޭޓާ ސެންޓަރުތައް މުހިންމުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފާއިތުވި އަހަރުތަކުގައި ޖައްވުގައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ މަޝްރޫއުތައް ވަނީ އިތުރުވެފައެވެ.

އެމެރިކަން އެސްޓްރޮނޮމިކް ސޮސައިޓީ (އޭއޭއެސް) އިން ބުނީ އެފްސީސީގެ ނިންމުމާ މެދު ވަރަށް ބޮޑަށް މާޔޫސްވެ ކަންބޮޑުވާ ކަމަށެވެ. އެ ސޮސައިޓީން ބުނިގޮތުގައި މިފަދަ ބޮޑެތި އަދި އަލިކަން ގަދަ ސެޓެލައިޓްތަކުގެ ސަބަބުން ރޭގަނޑުގެ އުދަރެސް ބެލުމަށާއި ފަލަކީ ދިރާސާތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެގެންދާނެކަމަށެވެ.

ސްޕޭސްއެކްސްގެ އިތުރުން ގޫގުލްއިން ވެސް "ސަންކެޗާ" ގެ ނަމުގައި މިފަދަ މަޝްރޫއެއް ހިންގަމުން އަންނައިރު، ޖެފް ބެޒޯސްގެ ބްލޫ އޮރިޖިންއިން ވަނީ "ޕްރޮޖެކްޓް ސަންރައިޒް" ގެ ނަމުގައި އެފްސީސީއަށް ހުށަހަޅާފައެވެ. މީގެއިތުރުން ސްޓާކްލައުޑް ފަދަ އާ ސްޓާޓްއަޕް ކުންފުނިތަކުން ވެސް މި ދާއިރަރަށް ނުކުމެފައިވާއިރު، އެ ކުންފުނިން ވަނީ 2025 ވަނަ އަހަރުގެ ފަހުކޮޅު ސެޓެލައިޓެއްގައި ޖީޕީޔޫއެއް ކާމިޔާބުކަމާއެކު އޮޕަރޭޓްކޮށްފައެވެ.

މި މަޝްރޫއަށް ބޭނުންވާ ޒަމާނީ 'ވެރާ ރޫބިން' ޕްރޮސެސަރުތައް ފޯރުކޮށްދިނުމަށް އެންވީޑިއާ އާއެކު ސްޕޭސްއެކްސްއިން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. މި ސެޓެލައިޓްތައް މެދުވެރިކޮށް، ސްޕޭސްއެކްސްގެ ސްޓާލިންކް ނެޓްވޯކާ ގުޅިގެން ބިންމަށް ޑޭޓާ ފޯރުކޮށްދޭނެއެވެ. ނަމަވެސް، ޖައްވުގައި ހުންނަ ރޭޑިއޭޝަނާއި، ފިނިހޫނުމިން އަދި ޖައްވީ ކުނޑިމަނޑިން ސަލާމަތްވުމުގައި ފަންނީ ގޮންޖެހުންތައް ހުރިކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.

ޖައްވުގައި ސެޓެލައިޓްތައް ގިނަވުމަކީ އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި ބިމުގެ މުސްތަގުބަލަށް ސީދާ އަސަރުތަކެއް ކުރާނެ ކަމެއްކަމަށް ސައިންސްވެރިން ބުނެއެވެ. އެހެންނަމަވެސް، ބިންމަތީގައި ޑޭޓާ ސެންޓަރެއް ހެދުމަށްވުރެ ޖައްވުގައި ހެދުމުން އިރުގެ އަލިން ލިބޭ ހަކަތަ މާ ބޮޑަށް އިތުރުވުމުގެ ފައިދާވާނެ ކަމަށް ފާހަގަކޮށްފައިވެއެވެ.

ސްޕޭސްއެކްސްއިން ޖޫން މަހު ހިއްސާގެ ބާޒާރަށް ނުކުމެ 85.7 ބިލިއަން ޑޮލަރު ހޯދާފައިވެއެވެ.