ސަރުކާރުގެ އެކި އިދާރާތަކަށާއި އާންމު ރައްޔިތުންނަށް އަމާޒުކޮށް ފިޝިންގ އީމެއިލްތަކާއި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަނެއްކާވެސް އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ މިފަދަ އޮޅުވާލުންތަކުން ރައްކާތެރިވުމަށްޓަކައި ސަމާލުވާންވީ ކަންތައްތަކެއް ހާމަކޮށް، ރައްކާތެރިކަމުގެ އިރުޝާދުތަކެއް ނެރެފައެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ، ކަސްޓަމްސް ފީ ނުދައްކައިގެން ޕާރުސަލް ހިފަހައްޓާފައިވާ ކަމަށް ބުނެ ޝައްކުކުރެވޭ އެސްއެމްއެސްއެއް ލިބިއްޖެނަމަ، އެއްވެސް ލިންކަކަށް ނުފިއްތުމަށެވެ. އަދި އޮޅުވާލައިގެން ބޭންކު ކާޑުގެ މަޢުލޫމާތާއި ޒާތީ މަޢުލޫމާތު ހޯދުމަށް ފަރުމާކޮށްފައިވާ ވެބްސައިޓްތަކުގައި އެފަދަ އެއްވެސް މަޢުލޫމާތެއް ނުޖެހުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ ކަންކަމުގައި "ވިސްނަވާ، ކަށަވަރުކުރައްވާ، އަދި ރިޕޯޓްކުރައްވާ" މި އުސޫލު އިސްކުރުމަށް ފުލުހުން ބާރުއަޅައެވެ. އަދި ޕާރުސަލަކާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އަބަދުވެސް މޯލްޑިވްސް ޕޯސްޓުގެ ރަސްމީ ވަސީލަތްތައް މެދުވެރިކޮށް އެކަން ކުރުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މިފަދަ ފިޝިންގ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ ދަންނަ މީހުން ނުވަތަ އިތުބާރު ހިފޭ ރަސްމީ އިދާރާތަކުން ފޮނުވާފައިވާ އެއްޗެއްގެ ގޮތުގައެވެ. އީމެއިލްތަކުގައި ހިމެނޭ ލިންކުތަކާއި އެޓޭޗްމަންޓްތައް ހުންނަނީ ރަސްމީ ދަޢުވަތެއް، ލިޔެކިޔުމެއް ނުވަތަ ފައިލް ޝެއަރިންގ ލިންކެއްގެ ސިފައިގައެވެ. މިފަދަ ލިންކްތަކަށް ވަދެވިއްޖެނަމަ، ޕާސްވޯޑް ފަދަ ސިއްރު މަޢުލޫމާތުތައް ހެކަރުންގެ އަތްދަށަށް ގޮސް، އޮފީސްތަކުގެ ނެޓްވޯކްތަކަށް ހުއްދަނެތި ވަނުމުގެ ފުރުޞަތު ހުޅުވިގެންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިފަދަ ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި ލިންކްތަކާއި އެޓޭޗްމަންޓްތަކުގެ ޞައްޙަކަން ކަށަވަރު ނުވަނީސް ނުހުޅުވުމަށާއި، ދަންނަ މީހެއް ނުވަތަ އިދާރާއެއްގެ ނަމުގައި އައި ނަމަވެސް އާދަޔާ ޚިލާފު ކަމަކަށް އެދިފައިވާނަމަ ފޯނުން ގުޅައިގެން ސައްޙަކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. މީގެއިތުރުން އީމެއިލްގައިވާ ލިންކަކުން ހުޅުވޭ ޕޭޖުތަކުގައި ޔޫޒަރނޭމާއި ޕާސްވޯޑު ނުޖެހުމަށާއި، ރަސްމީ އީމެއިލް އެކައުންޓުތަކުގައި މަލްޓި ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރުމުގެ އިތުރުން ސިސްޓަމްތަކާއި އެޕްލިކޭޝަންތައް އަބަދުވެސް އަޕްޑޭޓްކޮށް ބެލެހެއްޓުމަށްވެސް ވަނީ އެދިފައެވެ.

ޝައްކުކުރެވޭ އީމެއިލެއް ލިބިއްޖެނަމަ ލަސްނުކޮށް އޮފީހުގެ އައިޓީ ސެކިއުރިޓީ ޓީމަށް ރިޕޯޓްކުރުމަށާއި، ޝައްކުކުރެވޭ ފައިލެއް ނުވަތަ ލިންކެއް ހުޅުވިއްޖެ ޙާލަތެއްގައި ވަގުތުން ކޮމްޕިއުޓަރު ނެޓްވޯކުން ވަކިކޮށްލުމަށް (ޑިސްކަނެކްޓް ކޮށްލުމަށް) ވެސް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. ސައިބަރ ހަމަލާތަކުން ދިފާޢުވުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ކޮންމެ މީހެއްގެ ވެސް ޒާތީ ސަމާލުކަމާއި ހޭލުންތެރިކަން ކަމަށް ފާހަގަކޮށް، އެންމެންގެ ރައްކާތެރިކަމަށްޓަކައި މި މަޢުލޫމާތު ވީހާވެސް ގިނަ ފަރާތްތަކާ ހިއްސާކުރުމަށް ފުލުހުންގެ އިދާރާއިން ވަނީ އެދިފައެވެ.

ފިޝިންގ ސްކޭމް އަކީ ރަސްމީ އިދާރާއެއް، ބޭންކެއް، ނުވަތަ އިތުބާރުހުރި ކުންފުންޏެއްގެ ނަމުގައި ފޮނުވާ ފޭކް މެސެޖު، އީމެއިލް، ނުވަތަ ލިންކުތައް މެދުވެރިކޮށް އާންމުންގެ އަމިއްލަ މައުލޫމާތާއި ބޭންކް އެކައުންޓްގެ މައުލޫމާތު ވަގަށް ނެގުމަށް ހިންގާ އޮޅުވާލުމުގެ އަމަލެކެވެ.