ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަރުކޮށްފައިވާ ޒަމާނީ އީ-ގޭޓްތަކުން ފަތުރުވެރިންނަށް ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީ ގޮތުން ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

މި އައު ބަދަލާއެކު، ވީއައިއޭ މެދުވެރިކޮށް ރާއްޖެ އަންނަ އަދި ރާއްޖެއިން ފުރާ ފަތުރުވެރިންނަށް ވެސް ފަސޭހަކަމާއެކު އީ-ގޭޓްގެ ޚިދުމަތް ލިބިގެންދާނެއެވެ. ވީއައިއޭގެ ޓާމިނަލް 1 ގައި ބަހައްޓާފައިވާ އީ-ގޭޓްތަކުން ދިވެހިންނަށް ޚިދުމަތް ދޭން ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގަމުން އަންނަ މައި އެއާޕޯޓުގެ ޑިޕާޗާގައި 15 އީ-ގޭޓް އަދި އެރައިވަލްގައި 20 އީ-ގޭޓް ވަނީ ހަރުކޮށްފައެވެ. އެމްއޭސީއެލްއިން ބުނި ގޮތުގައި، އީ-ގޭޓް ހަރުކޮށް ފަސިންޖަރުންނަށް ޚިދުމަތް ދިނުމަކީ ރާއްޖެ ޑިޖިޓަލައިޒޭޝަނަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކުރައްވާފައިވާ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ.

924634790_1787387862377201_8608444016947434256_n
917288872_1494818075894457_4760190394382309752_n
1/2

އީ-ގޭޓްތަކުން ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށި ނަމަވެސް، މިވަގުތަށް މި ޚިދުމަތް ލިބެމުންދާނީ ކަނޑައެޅިފައިވާ ވަކި އެއާލައިންތަކަކުން ދަތުރުކުރާ ވަކި ޤައުމުތަކެއްގެ ޕާސްޕޯޓް އޮންނަ ފަރާތްތަކަށެވެ. އެމްއޭސީއެލްއިން ފާހަގަކުރި ގޮތުގައި، އެއީ އީ-ގޭޓްގެ ޚިދުމަތް އެކި ޤައުމުތަކުގެ ބޯޑަރު ކޮންޓްރޯލް ނިޒާމުތަކާ ގުޅުވާލަން ޖެހޭތީއެވެ.

މިވަގުތަށް މި ޚިދުމަތް ލިބޭ ސަރަޙައްދުތަކުގެ ތެރޭގައި ޔޫރަޕް، އޭޝިއާ ޕެސިފިކް، މެދުއިރުމަތި އަދި ނޯތު އެމެރިކާގެ ބައެއް ޤައުމުތައް ހިމެނެއެވެ. މީގެއިތުރުން ރާއްޖެއަށް މިހާރު ދަތުރުކުރާ މައި ހުރިހާ އެއާލައިންތަކަކަށް އީ-ގޭޓް ބޭނުންކުރެވޭނެ ކަމަށާއި، ޚިދުމަތް ފެށިއިރުވެސް 31 އެއާލައިނަކަށް އީ-ގޭޓުން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

ވީއައިއޭގެ އައު ޓާމިނަލުގައި އެންމެ ޒަމާނީ އީ-ގޭޓްތައް ހަރުކޮށް ބޭނުންކުރަން ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުއެވެ.