ހިލަ ލިބުމުގެ ދަތިކަން ހުރުމުން މަޝްރޫޢުތަކުގެ މަސައްކަތް ނިންމާނުލެވިވާ ކަމަށާއި، ބޮޑުހިލަ ލިބުމުން ގިނަ ޕްރޮޖެކްޓްތަކެއް ނިންމޭނެ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ ބަނދަރުތަކުގެ ގިނަ ޕްރޮޖެކްޓްތައް ހުއްޓިފައި ހުރީ ބޮޑުހިލަ ލިބުން ދަތިވެގެން ކަމަށެވެ. ނުސީދާ ގޮތެއްގައި އޭނާ ވިދާޅުވި ގޮތުގައި ހިލަ ލިބުން ދަތިވެފައި ވަނީ މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ހެދި އެވެ.

މެންބަރު ޣަފޫރުގެ ސުވާލަށް އަމޒުކުރައްވައި މިނިސްޓަރު ވިދާޅުވީ، ބަނދަރުތަކުގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫއުތައް ހުއްޓިފައި ހުރީ ހިލަ ލިބުމުގެ ދަތިކަމާ އެކުގައި ކަމަށެވެ.

"މެންބަރުގެ ވާހަކަފުޅުން ހީވަނީ އަޅުގަނޑުމެން ހެން ހަނގުރާމައެއް ފަށައިގެން މިއުޅެނީ. އަޅުގަނޑުމެން ހެން މުޅި ދުނިޔޭގައި ހަނގުރާމަކޮށް، އެއްޗެހި އަގުބޮޑުވުމާއި މި ކަންތައްތައް ކުރަނީ ދިވެހި ސަރުކާރުން ހެން ހީވަނީ އެމްޕީ ވާހަކަ ދައްކަވާ އިރު،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް، މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރަށް އޮތް ދަތިތަކާ އެކުވެސް އެކި ގޮގޮތަށް ހައްލު ހޯދައިގެން މަޝްރޫޢުތައް ކުރިއަށް ގެންދެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ހިލަ ލިބުނީމާ ނިންމޭނެ ވަރަށް ބައިވަރު ޕްރޮޖެކްޓްތައް އެބހުރި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެ އެތެރެކުރާ އިމާރާތުރުމަށް ބޭނުންވާ ސާމާނު މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން، ތެލުގެ އަގު އުފުމުންދާއިރު އެކަމުގެ ސަބަބުންވެސް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އިތުރު ބައެއް މަޝްރޫޢުތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި މިހާރު ފަށާފައިވާ މަޝްރޫޢުތައް ނިންމަން ޚާއްސަ އިސްކަމެއް ދެއްވާފައިވާނެ ކަމަށެވެ. މިދިޔަ އަހަރަށް ވުރެ ކުޑަ ބަޖެޓެއް ހުށަހެޅުމުގެ ބޭނުމަކީ ވެސް މަޝްރޫޢުތައް ނިންމުމަށް ފޯކަސްކުރުން ކަމަށާއި، ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ނުނިމި ހުރުމަކީ ދިމާވި ގޮންޖެހުމެއް ކަމަށް ވިދާޅުވި އެވެ. ސަރުކާރު ސިޔާސަތަކީ މަޝްރޫޢުތައް އެކަށގެންވާ ގޮތެއްގައި ކުރިއަށް ނުގެންގޮސް، އާ މަޝްރޫޢުތައް ފެށުމުގެ ބަދަލުގައި މިހާރު ހުރި މަޝްރޫޢުތައް ނިންމުންކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.