ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 43 ރަށެއްގައި ފެނުގެ ނިޒާމު އަދި 33 ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމުވެފައި ނެތް ނަމަވެސް، އަންނަ 2027 ވަނަ އަހަރު އަންނަންވާއިރު އެ ހުރިހާ ރަށެއްގެ މަސައްކަތް ނިންމުމަކީ ސަރުކާރުގެ އަމާޒު ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗާ ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ފެނާއި ނަރުދަމާގެ މަޝްރޫއުތަކާ ގުޅޭގޮތުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ގާނޫނު ބުނާގޮތުން ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް 2027 ވަނަ އަހަރަށް ނިންމަން ޖެހޭނެއެވެ. އެހެންކަމުން އެކަންކަމާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމުމަށް ކަމަށެވެ.
މަޝްރޫއުތައް ކުރިއަށްގެންދިއުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހުރިހާ ރަށެއްގެ މަސައްކަތްވެސް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
"ހުރިހާ ރަށެއްގެ މަސައްކަތް އެބަ ކުރިއަށް ގެންދަން، ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމުމަކީ ގާނޫނީ ގޮތުންވެސް ޒިންމާއެއް، މިފެށޭ އަހަރު އެންމެ އިސްކަމެއްދޭނީ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ހުއްޓިފައިވާކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން، ޑުޕްލެކްސް ކުންފުންޏާ ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމުމަށްޓަކައި އެ ކުންފުންޏާއެކު ވާހަކަދައްކަމުންދާ ކަމަށްވެސް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައިވާއިރު، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓަށް އެއްވެސް ބަަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!