ހއ. އަތޮޅަށް ހުޅުވާލައިގެން އިހަވަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޑަބްލިޔު.ޑީ.ސީ އަންހެން ވޮލީބޯޅަ މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އިން އިސްނަގައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.
އިހަވަންދޫ ކައުންސިލުން ޢާންމުކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވާ ހޮނިހިރު ދުވަހުއެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހއ. އަތޮޅުގައި ކުޅިވަރުގެ ރޫޙު ދިރުވައި އާލާކުރުމާއި، ހުނަރުވެރި އަންހެން ވޮލީބޯޅަ ކުޅުންތެރިން ބިނާކުރުން ހިމެނެއެވެ. މީގެއިތުރުން ރަށު ފެންވަރުގައި ތިބި ހުނަރުވެރި ވޮލީ ކުޅުންތެރިން ފާހަގަކޮށް، އެފަރާތްތަކަށް ކުރިއަށްދިއުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ވެސް މި މުބާރާތުގެ މަޤްޞަދެކެވެ.
ހަމައެއާއެކު، ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކުރުމާއި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ބާރުއެޅުމަކީ ވެސް މި މުބާރާތް އިންތިޒާމުކުރުމުގެ ބޭނުމެއް ކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
މި މުބާރާތަކީ ހއ. އިހަވަންދޫގެ އަންހެން ވޮލީ ކުޅުންތެރިންނާއި ޓީމުތަކުގެ އިތުރުން، އިހަވަންދޫ ފިޔަވައި ހއ. އަތޮޅުގައި ހުރި ކްލަބް ޖަމްޢިއްޔާތަކަށާއި ސަރުކާރުގެ މުއައްސަސާތަކަށް ޚާއްޞަކޮށްގެން ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމުތަކުން 2026 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، އެކަމަށް ޚާއްޞަކޮށްފައިވާ އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތަށްވުރެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަންނާނެ ކަމަށް އިހަވަންދޫ ކައުންސިލްގެ އިދާރާއިން ބުނެފައިވެއެވެ.
މި މުބާރާތުގެ ޤަވާއިދާއި ޓީމު ލިސްޓު ހުށަހަޅާ ފޯމު މިހާރު އެކަމަށް ހުޅުވާލި ޢުލާނާއެކު ޢާންމުކޮށްފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކުވެސް ވަނީ ޙިއްޞާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!