މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، އަންނަ ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ.

މި ޖަލްސާ ފެށުމަށް ހަމަޖައްސާފައި ވަނީ އެރޭ 8:30 ގައެވެ.

Ad
rt

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ރަސްމީ ޖަލްސާގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.

މި ޖަލްސާގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުން އޮންނާނެއެވެ. ޚާއްޞަ އިނާމަކީ، ޢިލްމާއި ހުނަރާއި، އުފެއްދުންތެރިކަމުގެ ރޮނގުން ހިތްވަރާއެކު ހޯދާ ކާމިޔާބީ، ޤައުމީ ފެންވަރުގައި ވަޒަންކުރެއްވުމުގެ ގޮތުން ރައީސް ދެއްވާ އިނާމެކެވެ.

މި އިނާމު ލިބޭ ފަރާތްތައް ހޮއްވަވަނީ، އެކަމަށްޓަކައި ރައީސް އެކުލަވައިލައްވާފައިވާ ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. ޚާއްޞަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

މީގެއިތުރުން، މި ޖަލްސާގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުވެސް ދެއްވާނެއެވެ. މިއީ، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކުގައި ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން، ޤައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ.

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސް ދެއްވަނީ ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި އަދި ހަނދާނީ ލިޔުމެކެވެ. ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވަވަނީ، ރައީސް އެކުލަވައިލައްވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.