ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ސްކޫލު ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގައި ބިދޭސީ ދެ ޓީޗަރަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ހާދިސާތަކަކީ އެއް ރަށަކުން ހުށަހެޅިފައިވާ ދެ މައްސަލަ ކަމަށާއި، މި ދެ މައްސަލައިގައި ތުހުމަތު ކުރެވެނީވެސް ތަފާތު ދެ މީހަކަށް ކަމަށެވެ.
މި މައްސަލަތަކުގެ ތެރެއިން ފުރަތަމަ މައްސަލައަކީ އެ ރަށު ސްކޫލުގެ ޓީޗަރަކު، 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އޮކްޓޫބަރު 11 ވަނަ ދުވަހުއެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، އުމުރުން 52 އަހަރުގެ ބިދޭސީ ފިރިހެނަކު އޮކްޓޫބަރު 14 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ދެވަނަ މައްސަލައިގެ ގޮތުގައި ފުލުހުންނަށް ހުށަހަޅާފައިވަނީ 12 އަހަރާއި 13 އަހަރުގެ އަންހެން ކުއްޖަކަށް ސްކޫލު ޓީޗަރަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވަނީ އޮކްޓޫބަރު 17 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެންވެސް ކޯޓު އަމުރެއްގެ ދަށުން 52 އަހަރުގެ ބިދޭސީ ފިރިހެނަކު އޮކްޓޫބަރު 23 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފައެވެ. މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
ފުލުހުން ބުނީ އެއް ރަށަކުން ހުށަހެޅިފައިވާ މި ދެ މައްސަލަވެސް އެ އިދާރާއިން މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!