ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އާ ފުރުސަތުތައް ހޯދުމަށްޓަކައި ޕާކިސްތާނުގެ ވިޔަފާރިވެރިންނާއި ސަރުކާރުގެ އޮފިޝަލުން ހިމެނޭ ވަފުދެއް އަންނަ ހަފުތާގައި ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އިޢުލާނު ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން އިޢުލާނު ކުރެއްވީ އިސްލާމްއާބާދުގައި ބޭއްވި "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ޝެހްބާޒް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް 13 މިލިއަން ޑޮލަރުގެ ވިޔަފާރި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ. އަދި ދެ ގައުމު ގުޅިގެން ކުރާ މަސައްކަތުން މި ލަނޑުދަނޑި ހާސިލުކުރެވޭނެ ކަމަށާއި، މިކަމަށްޓަކައި އަމަލީ ގޮތުން ފިޔަވަޅުތަކެއް އަޅައި ހަރުދަނާ ޕްލޭނެއް އެކުލަވައިލަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގައި ދަތުރުފަތުރުގެ ނިޒާމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު ވަނީ، ސީދާ ވައިގެ ދަތުރުތަކާއި ކަނޑުމަގުގެ ގުޅުން ގާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދެ ގައުމުގެ ސަރުކާރުން ވެސް ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދީފައިވާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ކަރާޗީ ނުވަތަ ގްވާދަރުން މާލެއަށް އިތުބާރު ހުރި ޝިޕިން ޝެޑިއުލެއް ނެތި، ކަނޑައަޅާފައިވާ ވިޔަފާރީގެ އަމާޒުތަކަށް ވާސިލުނުވެވޭނެ ކަމަށް ވެސް ޝެހްބާޒް ވިދާޅުވިއެވެ.

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ބަދަހި ގުޅުން، ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި ދެފަރާތަށް ފައިދާހުރި ތަނަވަސްކަމުގެ އާ ބާބަކަށް ބަދަލުކުރުމަށް ގޮވާލައްވާފައެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ސިއްހީ ދާއިރާއާއި ބޭސް އުފެއްދުން، އުމްރާނީ ތަރައްގީ، އިމާރާތްކުރުން، ބޭންކިން އަދި މާލީ ދާއިރާ، އިންޖިނިއަރިން އަދި ޓެކްނޮލޮޖީގެ ދާއިރާއިން ދެ ގައުމަށް އެއްބާރުލުން ދެވިދާނެއެވެ. އަދި ދަނޑުވެރިކަމާއި، ހަކަތަ، ކާބޯތަކެތީގެ ރައްކާތެރިކަން، ކޯލްޑް-ޗެއިން ލޮޖިސްޓިކްސް، ފިނިހޫނުމިން ކޮންޓްރޯލްކޮށްގެން ތަކެތި ރައްކާކުރުމާއި، ކާބޯތަކެތި ޕްރޮސެސްކުރުމުގެ ޒަމާނީ ވަސީލަތްތައް އަދި މޫސުމަށް އެކަށޭނަ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީގެ ދާއިރާއިން ވެސް ގުޅުން ބަދަހިކުރެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވިޔަފާރި ފުޅާކުރުމަށް ދަތުރުފަތުރުގެ ނިޒާމު މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ކަނޑުމަގުން ގުޅާލުމަކީ ރައްޔިތުންގެ އިގުތިސާދީ މައިނާރު ކަމަށެވެ. އެހެންކަމުން ދެ ގައުމުގެ ޝިޕިން، ޕޯޓް އަދި ލޮޖިސްޓިކްސް ކުންފުނިތަކުން ގުޅިގެން، ވިޔަފާރީގެ ގޮތުން ފައިދާހުރި ސީދާ ދަތުރުތައް ފެށުމުގެ ފުރުސަތުތައް ހޯދުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. އަދި އެއާލައިންތަކާއި އޭވިއޭޝަން ދާއިރާގެ އިދާރާތަކުން ވެސް ވައިގެ މަގުން ސީދާ ގުޅުންތައް ގާއިމުކޮށް، ދަތުރުތައް އިތުރުކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

މި ދާއިރާއިން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ، ރާއްޖޭގެ ގައުމީ އެއާލައިން ކަމަށްވާ "މޯލްޑިވިއަން" އިން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާފައެވެ. މި ހިދުމަތުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.