ޔަމަނުގެ ޙޫޘީން ސައުދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ މިސައިލް ޙަމަލާތަކުގެ ނުރައްކާ އިންތިހާއަށް ބޮޑުވުމާ ގުޅިގެން، ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަޞްރުގެ މެޗު ހިމެނޭހެން ސައުދީ ޕްރޯ ލީގުގެ ތިން މެޗެއް ފަސްކޮށްފިއެވެ.

މި މެޗުތައް ފަސްކުރަން ނިންމީ ލޮޖިސްޓިކް ސަބަބުތަކަށްޓަކައި އަދި މެޗުތަކުގެ މެދުގައި ކުޅުންތެރިންނަށް ކޮންމެހެން ދޭންޖެހޭ އެންމެ ކުޑަ އަރާމު ކުރުމުގެ މުއްދަތަށް ރިޢާޔަތްކުރުމަށް ފަހު ކަމަށް ސައުދީ ޕްރޯ ލީގުން ވަނީ ބުނެފައެވެ.

Ad
rt

ސައުދީ ޕްރޯ ލީގުގެ ވެބްސައިޓުގައި އަންގާރަ ދުވަހުގެ ރޭ ޝާއިޢުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ލީގު ތާވަލުގެ އެއްވަނައިގައި އޮތް އަލް ހިލާލާއި އަލް ރިޔާޟް ބައްދަލުކުރާ މެޗުގެ އިތުރުން އަލް އިއްތިޙާދާއި އަލް ޝަބާބް ކުޅޭ މެޗު މިހާރު ވަނީ ޑިސެމްބަރު 19 ވަނަ ދުވަހަށް ފަސްކޮށްފައެވެ. އަދި އަލް އަހްލީއާއި ރޮނާލްޑޯގެ އަލް ނަޞްރު ވާދަކުރާ މެޗު ތާވަލުކޮށްފައި ވަނީ 2027 ވަނަ އަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހަށެވެ. ނަމަވެސް، މެޗުވީކް ނުވައެއްގެ އެހެން ހުރިހާ މެޗެއް ވެސް ކުރިން އިޢުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އެއްވެސް ބަދަލެއް ނެތި ކުރިއަށްދާނެ ކަމަށް ލީގުން ބުނެއެވެ.

މި ނިންމުން ނިންމާފައި މިވަނީ، ވެރިރަށް ރިޔާޟަށް އަމާޒުކޮށް ޙޫޘީން ފޮނުވާލި މިސައިލެއް ސައުދީ އިއްތިޙާދުން ވައްޓާލުމާ ގުޅިގެން، އުޒްބެކިސްތާނުގެ ނެފްތުޗީ ފެރްގާނާއާ ދެކޮޅަށް ރިޔާޟުގައި އަލް ނަޞްރު ކުޅެން އޮތް އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗު ހޯމަ ދުވަހު އެއް ގަޑިއިރަށް ފަސްކުރަން ޖެހިފައި ވަނިކޮށެވެ.

ފަހަކަށް އައިސް ސައުދީގެ އެހީތެރިކަން ލިބޭ ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން ޙޫޘީންގެ އަތްދަށުން އައްސޭރިފަށުގެ ސަރަޙައްދުތައް އަނބުރާ ހޯދުމަށް ވަރުގަދަ އަސްކަރީ ހަރަކާތްތަކެއް ފެށުމުން، ޙޫޘީން ވަނީ ސައުދީގެ އެއާޕޯޓްތަކަށާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް މިސައިލް ޙަމަލާތައް ދޭން ފަށައިފައެވެ. މި ކުރިމަތިލުންތައް ވަރުގަދަވެގެން ދިޔައީ ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ދެ ޙަމަލާއެއްގައި 14 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަޚަމްވެ، އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލަން ޖެހުމާ ގުޅިގެންނެވެ. މިއީ 2015 ވަނަ އަހަރަށް ފަހު އެ އެއާޕޯޓަށް އަމާޒުވި އެންމެ ނުރައްކާތެރި ޙަމަލާއެވެ.

ޤަޠަރުގެ ވެރިރަށް ދޯހާއިން ރިޕޯޓްކުރަމުން އަލްޖަޒީރާގެ ޒެއިން ބަސްރާވީ ބުނެފައި ވަނީ، މި ހަނގުރާމަ ހަމައެކަނި ޔަމަނުގެ ތެރޭގައި ހިފެހެއްޓިދާނެ ކަމަށް ސައުދީ އިސްވެ އޮންނަ އިއްތިޙާދުން ކުރަމުން އައި އުންމީދު، ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި ސައުދީގެ އެކި ސަރަޙައްދުތަކަށް އަމާޒުވި ޙަމަލާތަކާއެކު އެއްކޮށް ބިމާހަމަވެފައިވާ ކަމަށެވެ. މީގެއިތުރުން، ސައުދީގެ ސިވިލް ޑިފެންސް އެޖެންސީން ބުދަ ދުވަހު ބުނި ގޮތުގައި، ރިޔާޟަށް އަމާޒުކޮށް ޙޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލުމުގެ ތެރޭގައި ވެއްޓުނު ބައިތަކުން ޖެހި އެކަކު ވަނީ ޒަޚަމްވެފައެވެ.

ކިންގް ޚާލިދު އެއާޕޯޓުގެ އިތުރުން ދަހްރާނާއި ރިޔާޟުގައި ހުންނަ ސައުދީ އަރާމްކޯގެ ވަސީލަތްތަކަށް ވެސް ޙަމަލާތައް ދީފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ސައުދީގެ އެއާޕޯޓްތަކަށާއި ތެލުގެ މަރުކަޒުތަކަށް ޙަމަލާ ދެމުން ގެންދާނެ ކަމުގެ އިންޒާރު ޙޫޘީން ވަނީ ދީފައެވެ.