ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގަތް އިންޑިއާގެ ތިން މަސްބޯޓާއި އޭގައި ތިބި 25 ފަޅުވެރިން ސަލާމަތްކޮށް، އަނބުރާ ގައުމަށް ގެނައުމަށް ކަމާބެހޭ އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެ ގައުމުގެ މަސްވެރިންގެ އާއިލާތަކުން ގޮވާލައި މުޒާހަރާކޮށްފި އެވެ.

މި އުޅަނދުތައް ރާއްޖޭގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ދަނިކޮށެވެ.

Ad
rt

އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއާ ކޯ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މި ބޯޓުތައް އަތުލައިގަތީ މި ހިނގާ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުގެ ރޭގައެވެ. އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި، މި ތިން މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުންނެވެ. އަދި އެ ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައިވެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ސިފައިން ހިފެހެއްޓި ތިން ބޯޓަކީ ރަމޭޝް ކުމާރު، ސޫސައި ޕެކިޔަމް އަދި މައިކަލް ޖެކްސަން ނަމަކަށް ކިޔާ ތިން މީހެއްގެ މިލްކުވެރިކަމުގައިވާ އުޅަނދުތަކެކެވެ. ބޯޓުތަކުގެ ވެރިންނަށް ލިބިފައިވާ މައުލޫމާތާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ އަސްކަރީ އުޅަނދަކުން މި ބޯޓުތައް ހުއްޓުވައި، ބޯޓުތަކުގައި ހުރި މަސްތަކާއެކު އުޅަނދުތައް ހިފަހައްޓައި، އޭގައި ތިބި 25 މަސްވެރިން ވަނީ ބަންދުކޮށްފައެވެ.

މި އުޅަނދުތަކުގައި ތިބި ފަޅުވެރިންނަކީ ޓެމިލްނާޑޫގެ ތޫތުކުޑީ ކައިރީގައި އޮންނަ ތަރުވައިކުލަމުން މަހަށް ނުކުތް ބައެކެވެ. ހައްޔަރުކުރި 25 މީހުންގެ ތެރެއިން 20 މަސްވެރިންނަކީ ތޫތުކުޑީ ޑިސްޓްރިކްޓުގެ އައްސޭރިފަށުގެ އަވަށްތައް ކަމަށްވާ ތަރުވައިކުލަމް، ތަލަމުތުނަގަރް އަދި ވެމްބާރަށް ނިސްބަތްވާ މީހުންނެވެ. މީގެ އިތުރުން ރާމަނާތަޕޫރަމް ޑިސްޓްރިކްޓުގެ ނަރިއްޕައްޔޫރު އަދި އެރްވާޑީއަށް ނިސްބަތްވާ ހަތަރު މީހަކާއި، ޕުޑުޗެރީގެ މަސްވެރިއަކު ވެސް މި މީހުންގެ ތެރޭގައި ހިމެނެއެވެ.

މި ހާދިސާއާ ގުޅިގެން، ހިފަހައްޓާފައިވާ މަސްވެރިންގެ އާއިލާތަކުންނާއި ބޯޓުތަކުގެ ވެރިން ވަނީ އަންގާރަ ދުވަހު ތޫތުކުޑީގައި ހުންނަ އެސިސްޓެންޓް ޑިރެކްޓަރ އޮފް ފިޝަރީޒްގެ އޮފީސް ކައިރިއަށް އެއްވެ، އެ ތަން ވަށައިލައި އިހުތިޖާޖުކޮށްފައެވެ. މި އެއްވުމުގެ ބައިވެރިން ވަނީ މަސްވެރިންނާއި އެ މީހުންގެ އުޅަނދުތައް އެއްވެސް ގެއްލުމެއް ނެތި ސަލާމަތްކަމާއެކު އަނބުރާ ގެނައުމަށްޓަކައި ސަރުކާރުން ވަގުތުން ފިޔަވަޅު އަޅައިދިނުމަށް އެދި ބާރުއަޅައިފައެވެ.

އާއިލާތަކުން ވަނީ އެ ސްޓޭޓުގެ ފިޝަރީޒް މިނިސްޓަރު ސްރީނާތު މި މައްސަލައިގެ ތެރެއަށް ސީދާ ވެދެވަޑައިގެން ހައްލު ހޯއްދަވައިދެއްވުމަށާއި، މި މައްސަލަ ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭއާ ހިއްސާކުރެއްވުމަށް ގޮވާލައިފައެވެ. އަދި އިންޑިއާގެ މަރުކަޒީ ސަރުކާރު މެދުވެރިކޮށް، ދިވެހި ސަރުކާރާ ވާހަކަދައްކައިގެން މަސްވެރިން ރައްކާތެރިކަމާއެކު މިނިވަންކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް އެ ފަރާތްތަކުން ވަނީ އެދިފައެވެ.