ދިވެހިން އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާއިރު ދޫކުރާ 1،000 އެމެރިކާ ޑޮލަރު ދޫކުރާނީ އާންމުކޮށް ދިވެހިން ބޭސްފަރުވާއަށްދާ ހަ ގައުމަކަށް އެކަނި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށްދާ ފަރާތްތަކަށް 1،000 ޑޮލަރު ދޫކުރަން ނިންމާފައިވަނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިޔާ، ސިންގަޕޫރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށެވެ. މި ގައުމުތަކަކީ އާންމުކޮށް ދިވެހީން ފަރުވާ ހޯދުމަށް ދަތުރުކުރާ މަންޒިލްތަކެވެ.
މި އުސޫލަށް އަމަލުކުރަން ނިންމި ސަބަބެއް ކަމަށް މަރުކަޒީ ބޭންކުން ބުނީ، ބޭސްފަރުވާގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް އެކަނި ޚަރަދުކުރެވޭ ފައިސާކަން ކަށަވަރުކުރުމަށްޓަކައެވެ.
އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށްދާ ފަރާތްތަކަށް މި ފައިސާ ކުރިއެކޭ އެއްގޮތަށް ދޫކުރަމުން ގެންދާނީ ބޭންކުތައް މެދުވެރިކޮށެވެ. އަދި އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށްދާ މީހުންނަށް ދޫކުރާ 2،000 ޑޮލަރު، ކުރިންވެސް އޮތް އުސޫލުގެ ދަށުން އެއްވެސް ބަދަލެއް ނެތި ލިބެމުންދާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ މީހުންނަށް 1،000 ޑޮލަރު ވިއްކަން ފެށުމާއެކު، ބޭސްފަރުވާއަށް ދޫކުރި ޖުމުލަ ފައިސާގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.
އެގޮތުން، ސެޕްޓެންބަރު މަހުގެ ނިޔަލަށް އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދިޔަ ދިވެހިންނަށް 29.2 މިލިއަން އެމެރިކާ ޑޮލަރު ވަނީ ވިއްކާފައެވެ. އަދި 2026 ވަނަ އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް ބޭސްފަރުވާގެ އެކި ބޭނުންތަކަށް ޖުމުލަ 41.1 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ. މި އަދަދުގެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދިޔަ ދިވެހިންނަށް ދޫކުރި ފައިސާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!