ދުނިޔެއަށް ކުރިމަތިވެދާނެ ނުރައްކާތެރި ބަލިމަޑުކަން ނުވަތަ ވަބާތަކުން ރައްކާތެރިވުމާއި، އެފަދަ ކަންކަމަށް ތައްޔާރުވުމުގައި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް ގޮވާލައި އދ. ގެ އާންމު މަޖިލީހުން ފާސްކުރި ސިޔާސީ ގަރާރާ ދެކޮޅަށް އެމެރިކާ، އިޒްރޭލް އަދި އާޖެންޓީނާއިން ވޯޓު ދީފިއެވެ.
އަންގާރަ ދުވަހު ނެގި މި ވޯޓުގައި މި ގަރާރު ފާސްވީ 153 ގައުމެއްގެ އަގުލަބިއްޔަތު ވޯޓުންނެވެ.
މި ގަރާރާ ދެކޮޅަށް މި ތިން ގައުމުން ވޯޓު ދިންއިރު، ވަކިކޮޅަކަށް ވޯޓު ނުދީ ދެ ގައުމަކުން ވަނީ މައިދާނުން އެއްކިބާވެފައެވެ. އެއީ ނިއުޒީލެންޑާއި ޕެރަގުއާއީއެވެ. އދ. އިން ބުނި ގޮތުގައި، މި ގަރާރަކީ ހުރިހާ ގައުމެއްގެ އިއްތިފާގުން ފާސްކުރުމަށް ކުރިން އުންމީދުކުރެވުނު ގަރާރެއް ނަމަވެސް، ވޯޓަކަށް ދާންޖެހުނީ ވޮޝިންޓަނުން އެކަމާ ދެކޮޅު ހެދުމާ ގުޅިގެންނެވެ.
ގާނޫނީ ގޮތުން ގައުމުތަކަށް މަޖުބޫރުނުވާ މި ގަރާރުގައި ގޮވާލާފައިވަނީ ބައިނަލްއަގުވާމީ އެއްބާރުލުމާއި، އެއްބައިވަންތަކަމާއި، އަދި ސައިންސީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ވަބާތަކުން ރައްކާތެރިވުމާއި އެފަދަ ކަންކަމަށް އިޖާބަދިނުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށެވެ. މީގެ އިތުރުން ސިއްހީ އުފެއްދުންތައް ހަމަހަމަކަމާއެކު ލިބޭނެ މަގު ފަހިކުރުމަށާއި، އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ އިތުރުން، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ވެސް އަސާސީ ސިއްހީ ހިދުމަތްތައް މެދުނުކެނޑި ލިބޭނެ ގޮތް ހެދުމަށް ވެސް ގަރާރުގައި ބާރުއަޅާފައިވެއެވެ.
މި ގަރާރުގައި 2019 ވަނަ އަހަރު ފެތުރެން ފެށި ކޮވިޑް-19 ގެ ވަބާގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. އެ ބަލިމަޑުކަމުގެ ސަބަބުން އެތައް މިލިއަން މީހުން މަރުވެ، ދުނިޔޭގެ ސިއްހީ ނިޒާމުތަކަށާއި އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ގައިންގަޔަށް އަރާ ބަލިތައް މޮނީޓާކުރުން ހަރުދަނާކުރުމަށާއި، ޕެތޮޖަން ސާމްޕަލްތަކާއި ޖެނެޓިކް ސީކުއެންސް މައުލޫމާތު ހަމަހަމަކަމާއެކު ހިއްސާކުރުމަށް ގޮވާލާފައިވާއިރު، ގައުމުތަކުގެ ބަޔޮލޮޖިކަލް ވަސީލަތްތަކުގެ މައްޗަށް އެ ގައުމުތަކުގެ އަމިއްލަ ސިޔާދަތީ ހައްގު އޮންނާނެކަން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
މީގެ އިތުރުން، ޓެކްނޮލޮޖީ ބަދަލުކުރުން ނުވަތަ ޓެކްނޮލޮޖީ ޓްރާންސްފާ ހިމެނޭ ގޮތަށް، ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް މި ގަރާރުގައި ގޮވާލާފައިވެއެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން ތައުލީމީ ދާއިރާއަށް ލިބުނު ގެއްލުންތައް ހައްލުކުރުމަށް ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ވެސް ވަނީ ބަޔާންކޮށްފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޕެންޑެމިކް އެގްރީމެންޓުގައި ސޮއިކުރުމަށާއި ގައުމީ ފެންވަރުގައި އެ އެއްބަސްވުން ތަސްދީގުކުރުމަށް ހުޅުވާލާނީ، ޕެތޮޖަން އެކްސެސް އަދި ބެނެފިޓް-ޝެއަރިންއާ ގުޅޭގޮތުން އެކުލަވާލާފައިވާ އެނެކްސްއަށް ވޯލްޑް ހެލްތު އެސެމްބްލީން އެއްބަސްވެ، އެ ބައި ފާސްކުރުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!