ށ. މާއުނގޫދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ދަނޑުބިން، ކުއްޔަށް ދޫ ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ނިންމައިފިއެވެ.

އެ ގޮތުން، ކުރިން ހާމައަށް އޮންނަ އެ ބިމުގެ ވަށައިގެން ފެންސުޖެހުމާއެކު ސާފުކުރުމުގެ މަސައްކަތް މިހާރު ނިންމާލެވިފައިވާކަމަށް އެ ރަށު އތމ ކޮމިޓީން މައުލޫމާތު ދެއްވައެވެ.

Ad
rt

މާއުނގުދޫ އތމ ކޮމިޓީގެ ރައީސާ ޝަރަފިއްޔާ މުޙައްމަދު "ތިލަދުން"އަށް ވިދާޅުވީ، އެ ރަށު ވޭސްޓްމެނޭޖްމަންޓް ސެންޓަރާ ދިމާލުގައި އޮތް، ދަނޑުބިން ކުއްޔަށް ދޫކުރުމަށްޓަކައި، ވަރަށް އަވަހަށް އިޢުލާނުކުރާނެ ކަމަށެވެ. އަދި އެ ބިން ދޫކުރަން ހަމަޖެހިފައިވަނީ ބިޑު އުސޫލުން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ކަމަށާއި، ބީލަން ފެށޭ އެންމެ ދަށް އަގަކީ 1،000 ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާއުނގޫދޫ ކައުންސިލަކީ ރަށް ފެހި ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކައުންސިލެއްކަން ފާހަގަ ކުރެވެއެވެ. އެ ގޮތުން އިޖްތިމާޢީ ސަރަހައްދުތަކުގައި އިންދުމަށް ބަގީޗާގަސް ހަދިޔާކުރުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ވަނީ ހުޅުވާލާފައެވެ. ގަސް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން 19 އޮކްޓޫބަރު 2026 ގެ 14:00 ގެ ކުރިން ކައުންސިލަށް ގަސް ޙަވާލުކުރުމަށް އެ ކައުންސިލުން އެދިފައިވެއެވެ.

މީގެއިތުރުން ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވެސް މާއުނގޫދޫގައި ވަނީ ގަސްއިންދުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.