މިއަހަރުގެ ދުނިޔޭގެ ނަފުސާނީ ސިއްޙަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި އިސްރަށްވެހިންނަށް ޚާއްސަކޮށްގެން "އިސްރަށްވެހިންގެ ސައްލާ" ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ސައްލާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ސިއްޙަތާ ބެހޭ ވަޒީރު ޤީލާ އަލީވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ސައްލާގައި ވާހަކަދައްކަވަމުން ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނަރަލް ފާޠިމަތު ލީނާ ވިދާޅުވީ، އުމުރުން ދުވަސްވުމުން އިންސާނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން ސިއްޙީ ހާލަތާއި އާއިލީ ކަންކަން ފަދަ ކަންކަމާ ގުޅިގެން ނަފުސާނީ ހަމަޖެހުމަށް ރަނގަޅު އަދި ނޭދެވޭ އަސަރުތަކެއް ކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް އިސްރަށްވެހިންނާ ވާހަކަދައްކާލާނެ މީހުން ތިބުމާއި، އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެން ދިޔުމުގެ އިތުރުން މުޖުތަމަޢުގައި އެމީހުން ބަލައިގަންނަ މީހުންގެ ތެރޭގައި ދިރިއުޅެން ލިބުމަކީ ނަފުސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ މުހިންމު ކަންކަން ކަމުގައި ލީނާ ވިދާޅުވިއެވެ.
މެންޓަލް ހެލްތް ޑިޕާޓްމަންޓުން ކާށިދޫގައި ކުރިއަށް ގެންދިޔަ އިސްރަށްވެހިންގެ ސައްލާގެ ތެރެއިން މެޑަމް ސާޖިދާ އިސްރަށްވެއްސަކާ ވާހަކަފުޅުދައްކަވަނީ، ފޮޓޯ: މެންޓަލް ހެލްތް ޑިޕާޓްމަންޓް
އުމުރުން ދުވަސްވީ މީހުންނާ ގުޅޭގޮތުން ލީނާ ވިދާޅުވީ، "ދޮށީ އުމުުރުގެ ބޭފުޅުންނަކީ ހަމައެކަނި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ބައެއްގެ ބަދަލުގައި އެފަރާތްތަކުގެ ތަޖުރިބާއާއި ޢިލްމަކީ ނުހަނު ބޭނުންތެރި އެއްޗެއްކަން ބަލައިގަނެ އެމީހުންގެ ވާހަކަތައް އަޑު އެހުމުން އެނގޭނެ އެތައް ފިލާވަޅުތަކެއް ހުންނާނެ،" ކަމަށެވެ. އަދި "ކުޑަވަގުތުކޮޅަކަށް ވާހަކަދައްކާލުމާއި ވަގުތު ހޭދަކޮށްލުމަކީ އެބޭފުޅުންގެ ހަޔާތަށް މާނަވީ ބަދަލުތަކެއް އަންނާނެކަމެއްކަން ޔަޤީން،" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ސައްލާގެ ތެރެއިން ވަނީ އިސްރަށްވެހިންގެ ނަފުސާނީ ދުޅަހެޔޮކަމާ ގުޅުންހުރި އެކި މަޢުޟޫތަކަށް ބައިވެރިންގެ އަމިއްލަ ތަޖުރިބާތަކާއި އެމީހުންގެ ކިބައިގައި ހުރި ޢިލްމު ހިއްސާކޮށްފައެވެ. އޭގެ އިތުރުން ޑިމެންޝިއާ އަދި ސިކުނޑީގެ ދުޅަހެޔޮކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މަޢުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން، އެ ބައްދަލުވުމުގައި ބައިވެރިވި އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ފަދަ ފިޒިކަލް ހަރަކާތްތަކެއްވެސް ވަނީ ސައްލާގެ ތެރެއިން ހިންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!