ނ. މަނަދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިންގ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި، މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ، މުޙައްމަދު ނަވީޒެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދެވެ.
މި މަޝްރޫޢުގެ ދަށުން، ލައިޓިންގ ސިސްޓަމް ހަރުކުރުމަށްޓަކައި ބިންގަނޑު ކޮނުމާއި، ކޮންކްރީޓް މަސައްކަތާއި، ވެލްޑިންގ މަސައްކަތުގެ އިތުރުން ކަރަންޓު ވަޔަރިން މަސައްކަތް ކުރާނެކަމަށް އެމްޓީސީސީއިން ބުނެއެވެ.
120 ދުވަސްތެރޭގައި ނިންމުމަށްޓަކައި އެ ކުންފުންޏާ ޙަވާލުކޮށްފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ، 2.2 މިލިއަން ރުފިޔާއެވެ.
3,000 މީހުންގެ އާބާދީއެއް އޮންނަ މަނަދޫ އަކީ ނޫނު އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އެހެންކަމުން، އަތޮޅުގެ އެހެން ރަށްރަށުން އެކިކަހަލަ ޚިދުމަތް ހޯދުމަށް އެ ރަށަށް ބަރޯސާވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އެގޮތުން، މަނަދޫގައި އަތޮޅު ފެންވަރުގެ އެކިއެކި ކުޅިވަރު މުބާރާތްތައް ބާއްވާކަން ވެސް އެ ކުންފުނިން ނެރެފައިވާ ނޫސްބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، އެމްޓީސީސީން ބުނެފައިވަނީ، އެ ރަށުގެ ޒުވާނުންނަކީ ފުޓްބޯޅަ ކުޅުމަށް ފޯރި ހުންނަ ބަޔަކަށްވުމާއެކު، ފުޓްބޯޅަ ދަނޑުގައި ލައިޓިންގ ސިސްޓަމެއް ހަރުކުރެވުމުން، ރޭގަނޑުވެސް ދަނޑުގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!