ޔޫއެފާ ނޭޝަންސް ލީގުގައި އިސްރާއީލާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުގެ ކުރިން، އަޔަލެންޑް ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން އަނެއްކާވެސް އަތުގައި ކަޅު ބޭންޑް އަޅައި، އިސްރާއީލުގެ ގައުމީ ސަލާމް ކިޔަމުންދިޔަ ވަގުތު އިސްދަށަށް ޖަހައިގެން ތިބެ އިހުތިޖާޖުކޮށްފިއެވެ.

އާދީއްތަ ދުވަހު ކުޅުނު މި މެޗުގެ ކުރިން އަޔަލެންޑުގެ ކެޕްޓަން ވަނީ އިސްރާއީލުގެ ކެޕްޓަނާ ސަލާމްކުރުމަށް ވެސް ދެކޮޅު ހަދާފައެވެ.

Ad
rt

ސާބިއާގެ ބަކާ ޓޮޕޯލާގައި ކުޅުނު މި މެޗުގައި އަޔަލެންޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ނުކުތް ކީޕަރު ކްވީވިން ކެލެހާ ވަނީ، ރެފްރީންނާ ސަލާމްކުރުމަށްފަހު، އިސްރާއީލުގެ ކެޕްޓަން ޑޯ ޕެރޭޓްޒްއާ ސަލާމްނުކޮށް ދުރަށް ގޮސްފައެވެ. އަނބިމީހާ ވިހަން ކައިރިވެފައިވާތީ މި މެޗުގައި ބައިވެރިނުވި ކެޕްޓަން ދާރާ އޮޝޭ ވެސް ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހަންގޭރީގައި ކުޅުނު މެޗުގައި އިސްރާއީލުގެ އޭރުގެ ކެޕްޓަން މެނޯ ސޮލޮމޮންއާ ސަލާމްކުރުމަށް ދެކޮޅު ހަދާފައެވެ. އަނެއްކޮޅުން، 7 އޮކްޓޫބަރު 2023 ގައި ދިން ހަމަލާތަކުގައި މަރުވި މީހުންގެ ހަނދާނުގައި އިސްރާއީލުގެ ކުޅުންތެރިން ވެސް ކަޅު ބޭންޑް އެޅިއިރު، އެ ޓީމުގެ ކެޕްޓަން ޕެރޭޓްޒްގެ ބޭންޑުގައި "7/10" ލިޔެފައިވެއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި، އިސްރާއީލުގެ ކެޕްޓަން ޕެރޭޓްޒް ކުރި ފައުލަކާ ގުޅިގެން 39 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޓްރޯއީ ޕެރޮޓް ވަނީ ލަނޑު ޖަހައި އަޔަލެންޑަށް ކުރިހޯދައިދީފައެވެ. ފުރަތަމަ ހާފު ނިމިގެން ކުޅުންތެރިން ދަނޑުން ފައިބައިގެން ދިޔަ ވަގުތު ސައިޑްލައިނުގައި ހަމަނުޖެހުމެއް ވެސް ހިނގާފައިވެއެވެ. މި މެޗު އަސްލު ކުޅުމަށް ހަމަޖެހިފައި އޮތީ އަޔަލެންޑްގެ ޑަބްލިންގައެވެ. ނަމަވެސް ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އުދުވާނާ ދެކޮޅަށް މެޗު ބޮއިކޮޓްކުރުމަށް ގޮވާލި ގޮވާލުންތަކާ ގުޅިގެން، ފުޓްބޯލް އެސޯސިއޭޝަން އޮފް އަޔަލެންޑް (އެފްއޭއައި) އިން ވަނީ ސަޕޯޓަރުން ނުވައްދައި ވަކިފަރާތަކަށް ނުޖެހޭ ދަނޑަކަށް މި މެޗު ބަދަލުކޮށްފައެވެ.

އިސްރާއީލާ ދެކޮޅަށް ކުޅޭ ދެ މެޗު ވެސް ބޮއިކޮޓްކުރުމަށް އަޔަލެންޑުގެ ރައްޔިތުންނާއި ކުޅިވަރުގެ ދާއިރާއިން ކުޅުންތެރިންނަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވިއެވެ. އެގޮތުން އަޔަލެންޑުގެ 160 އަށް ވުރެ ގިނަ ކުޅިވަރު ޝަޚުސިއްޔަތުން ވަނީ މެޗު ކެންސަލްކުރުމަށް އެދި ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ. ނަމަވެސް މި މެޗުތަކުގައި ކުޅެން ދެކޮޅުހެދީ ރިޒާވް ކީޕަރު ގެވިން ބަޒޫނޫ އެކަންޏެވެ. އޭނާ ނެރުނު ބަޔާނެއްގައި ބުނީ "ކުށެއް ނެތް އިންސާނުން މެރުމަކީ ގޯހެއް ކަމަށް އަމިއްލައަށް ގަބޫލުކުރެވޭތީ" އެ މެޗުތަކުގައި ބައިވެރިނުވާން ނިންމީ ކަމަށެވެ. އަޔަލެންޑްގެ ކޯޗު ހައިމިރް ހަލްގްރިމްސަން ބުނީ، ދުވަހުން ދުވަހަށް އެ ޕްރެޝަރު ބޮޑުވެ ކެތްނުކުރެވޭ މިންވަރަށް ކަންކަން ދިޔަ ކަމަށެވެ.

މެޗުތަކާ ދެކޮޅަށް އަޔަލެންޑްގެ ޓީމު ތިބި ހޮޓަލުގެ ބޭރުގައި މުޒާހަރާކޮށްފައިވާއިރު، ސިޕްޓޫ ޓްރޭޑް ޔޫނިއަނުން ވަނީ ލޭގެ ތިކިތަކެއް ޖަހާފައިވާ ބޯޅައެއްގެ ތަސްވީރާއެކު "ޒަމީރާ އެއްގޮތަށް އަމަލުކުރޭ!" އަދި "ގަތުލުއާންމާ އެކު ނުކުޅޭ!" މިފަދަ އިބާރާތްތައް ލިޔެފައިވާ ބޮޑު ބެނާއެއް ޑަބްލިންގައި ދަމާފައެވެ. އަޔަލެންޑުގެ ކުރީގެ ކޯޗު ބްރަޔަން ކާ ބުނީ މި މެޗުތައް ކުޅުމަށް ނިންމުމުން އެފްއޭއައި އަށް ރައްޔިތުން ކުރާ އިހުތިރާމް ގެއްލިފައިވާ ކަމަށެވެ. އެހެންނަމަވެސް، 2028 ވަނަ އަހަރުގެ ޔޫރޯ މުބާރާތް އިނގިރޭސިވިލާތާއި ވޭލްސް އަދި ސްކޮޓްލެންޑާ ގުޅިގެން ބާއްވަން ތައްޔާރުވާ އަޔަލެންޑުން ބުނީ، މެޗު ބޮއިކޮޓްކޮށްފިނަމަ ޔޫއެފާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅައި އަދަބު ލިބިދާނެ ކަމަށެވެ.

މި މެޗުތަކާ ގުޅިގެން އަޔަލެންޑުގެ ގައުމީ ބްރޯޑްކާސްޓަރު އާރްޓީއީ އިން ވެސް ވަނީ މެޗުގެ ކަވަރޭޖް ވަރަށް ބޮޑަށް ހަނިކޮށްފައެވެ. އެގޮތުން އެއްވެސް ސްޓޫޑިއޯ އެނަލިސިސްއެއް އަދި ކޮމެންޓްރީއެއް ނުގެނެސްދިނުމުގެ އިތުރުން، މި މެޗާ ގުޅުވައިގެން އެއްވެސް ސްޕޮންސާޝިޕެއް ނުވަތަ އިޝްތިހާރެއް ބަލައިނުގަންނަން އެ ސްޓޭޝަނުން ވަނީ ނިންމާފައެވެ. މީގެއިތުރުން، ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްރާއީލުގެ ނޫސްވެރިޔަކު އަޔަލެންޑްގެ ކުޅުންތެރިންގެ މައްޗަށް ދޮގު ތުހުމަތުތަކެއް ކުރުމުން، އަޔަލެންޑްގެ އޮފިޝަލުން ވަނީ ވަގުތުން އެކަން ދޮގުކޮށް ޕްރެސް ކޮންފަރެންސް ނިންމާލާފައެވެ.